ގޮއިދޫން އެއްބައިވަންތަ ރޫހު ފެނި ސަވާދީއްތަ ދަތުރުގެ ބައިވެރިން ކޮސްވެފައި

ސަވާދީއްތަ ދަތުރުގެ ބައިވެރިން ރަށެއްގައި-- ފޮޓޯ/ ސަވާދީއްތަ ދަތުރު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ރާވައި އިންތިޒާމުކުރާ "ސަވާދީއްތަ"އިގެ ދެވަނަ ދަތުރުގެ ތެރެއިން މިއަދު ބ. ގޮއިދޫއަށް ބަނދަރުކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ކުރިއަށް ގެންދާ ދަތުރުގައި ނުވަ ރަށަކާއި ހަ އެންކާ ޕޮއިންޓަކަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި 18 ދުވަސް ހޭދަވާނެއެވެ. މިއަދު ގޮއިދުއަށް ޔޮޓުތައް ބަނދަރު ކުރި ވަގުތު "ސަން"އާ ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ރާއިދު ވިދާޅުވީ ދަތުރުގެ ބައިވެރިން މިރެއާއި މާދަމާ އެ ރަށުގައި މަޑު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކަމަކު، ދަތުރުގެ ތެރެއިން ރާވާފައިވާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. އެގޮތުން، ރަސްމީކޮށް ފަތުރުވެރިންނަށް މަރުޚަބާ ދެންނެވުން ފެށޭނީ މާދަމާ ހެނދުނެވެ. މަރުޚަބާ ދެންނެވުމަށް އެ ރަށުގެ އެންމެން މާދަމާ ފެންނާނީ ދިވެހި ހެދުމުގައެވެ.

އެ ރަށަށް ދަތުރުގެ ބައިވެރިންނާ އެކު ވަޑައިގެން ހުންނަވައި ރާއިދު ވިދާޅުވީ ގޮއިދޫގެ އެންމެހާ ރައްޔިތުން އެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށާއި އެ ނަމޫނާ ފެނި އޭނާ ވެސް ހުރީ ކޮސްވެފައި ކަމަށެވެ. ރަށްރަށަށް ކުރާ ދަތުރުގެ ތެރެއިން އެ ރަށްރަށުގެ މީހުން އެ ރަށްތައް ފަތުރުވެރިކަމަށް ޕްރޮމޯޓު ކުރަން ބޭނުންވެފައި ތިބި މިންވަރު އެނގިގެން ގޮސްފައިވާ ކަމަށެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިން ރަށެއްގައި--- ފޮޓޯ/ ސަވާދީއްތަ ދަތުރު

"ވަރަށް ބޮޑަށް އަޅުގަނޑު މިހުރީ ހައިރާންވެފައި އިނގޭތޯ، މުޅި ގޮއިދޫގެ ރައްޔިތުން ނުކުމެ މި ކަމުގައި އެބަ ބައިވެރިވޭ," އޭނާ ވިދާޅުވިއެވެ.

"އެންމެ ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެން ދާ މަންޒިލްތަކުގައި ކައުންސިލްތަކާއި ރައްޔިތުން ގުޅިގެން ރަށް ޕްރޮމޯޓު ކުރުމަށްޓަކައި ބޭނުންވެފައިވާ މިންވަރު ފެނިގެން މި ދަނީ. ފަތުރުވެރިކަމަށް ރަށް ޕްރޮމޯޓު ކުރުމަކީ ކިހާ ވަރެއްގެ މުހިއްމު ކަމެއްކަން ރާއްޖޭގެ ހަމަ ހުރިހާ ރަށަކަށް ވެސް މި ވަގުތު ވަނީ ގަބޫލުކުރެވިފައި,"

ރާއިދު ވިދާޅުވީ އެމްއައިޓީޑީސީގެ ސަވާދީއްތަ ދަތުރުގެ ތެރެއިން އެ ކުރަނީ ރަށްތައް ފަތުރުވެރިކަމަށް ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކަމަށެވެ. ދަތުރުގެ ތެރެއިން މުޅި ދުނިޔެއަށް ރާއްޖޭގެ ރަށްތައް އިސްތިހާރު ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ކޮށްދެވޭ މަސައްކަތަކީ ގޮއިދޫ ޕްރޮމޯޓު ކުރުމާއި ފަތުރުވެރިއަކު ގޮއިދުއަށް އަންނަން ޖެހޭ ސަބަބު، އަޅުގަނޑުމެން މި ދުނިޔެއަށް ދައްކުވައިދެނީ." އޭނާ ވިދާޅުވިއެވެ.

ދަތުރުގެ ތެރެއިން މާދަމާ ހެނދުނު ބައިވެރިންނަށް މަރުޚަބާ ދެންނެވުމަށް ފަހުގައި، މެންދުރުގެ ކެއުން ވެސް އޮންނާނެއެވެ. އަދި، ރޭގަނޑުގެ ކެއުމާއި ލައިވް މިއުޒިކް ވެސް އޮންނާނެއެވެ. ރާއިދު ވިދާޅުވީ ވަރަށް ބައިވަރު ހަރަކާތްތައް ގޮއިދޫގައި ވެސް ރާވާފައިވާ ކަމަށެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިން ޔޮޓުގައި--- ފޮޓޯ/ ސަވާދީއްތަ ދަތުރު

"ރަށު ތެރޭގެ ކަންތައްތައް ބަލައިލުމާ މި ކަހަލަ ވަރަށް ގިނަ ހަރަކާތްތައް އެ ބޭފުޅުން މި ވަނީ ރާވާފައި. ކޮންމެ ރަށަކަށް ވެސް މި ލިބެނީ އެންމެ ދުވަހެއް، އެއް ދުވަސް ތެރޭގައި ރޭވޭނެ އެންމެ ގިނަ ހަރަކާތްތައް އެ ބޭފުޅުން މި ވަނީ ރާވާފައި." ރާއީދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރުގައި ވެސް ރާއްޖޭގެ ފަސް އަތޮޅެއްގެ 15 ރަށަކަށް ވަނީ ދަތުރުކޮށްފައެވެ. އޭގެ ތެރޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާ 11 ރަށަކާއި ހަތަރު ފަޅުރަށެއް ހިމެނެއެވެ. މިދިޔަ އަހަރުގެ ރެލީގެ ތީމަކީ ރާއްޖޭގެ ގައުމީ ބަޠަލް، އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ދިރިއުޅުއްވުމެވެ. މި ރެލީއަށް ސަވާދިއްތަ ދަތުރުގެ ނަމުން ނަން ދެވުނު ގޮތަކީ ވެސް އެއީއެވެ.

comment ކޮމެންޓް