މަސްކުގެ ސިކުނޑި ޗިޕް ޕްރޮޖެކްޓު ރިޖެކްޓުކޮށްލައިފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ކަމަށްވާ އީލޮން މަސްކުގެ ކުންފުނިން އިންސާނުންގެ ސިކުނޑިއަށް ޗިޕެއް ޖަހައިގެން ސިއްހީ ޒަމާނީ ބަދަލުތައް ގެންނާނެ ކަމަށް ބުނާ ޕްރޮޖެކްޓު ފެށުމަށް އެމެރިކާގެ ރެގިއުލޭޓަރުން ހުއްދަ ނުދިނުމަށް ނިންމައިފިއެވެ.

ސިކުނޑީގައި ހާއްސަ ޓްރާންސްމިޓާ ހިމެނޭ ޗިޕެއް ބޭނުންކޮށް އިންސާނާގެ ސިއްހަތާއި ޓެކްނޮލޮޖީއާ ގުޅުވާލުމަށް މަސައްކަތް ކުރުމަށް މަސްކު އުފެއްދި ކުންފުނި "ނިއުރަލިންކް" އިން ވަނީ ޗިޕުގެ މަސައްކަތް މީގެ އަހަރުތަކެއް ކުރީން ފަށާފައެވެ.

އެތައް ފަހަރެއްގެ މަތީން މަސްކު ބުނަމުން އައީ އެ ޗިޕްގެ ސަބަބުން، ހިނގާބިނގާވެ އުޅުމަށް ނުކުޅެދޭ މީހުންނަށް ހިނގުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެ ނޫން ވެސް ބައެއް ކަހަލަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާ ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މިކަމުގެ ކްލިނިކަލް ޓެސްޓުތަކެއް އަދި ހެދޭ ގޮތެއް ނުވެއެވެ.

ނިއުރަލިންކްއިން ވަނީ މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެކި ކަހަލަ ޖަނަވާރުންނަށް ޓްރައިލްތައް ހިންގާފައެވެ. އަދި އިންސާނުންނަށް ޓްރައިލްތައް ފެށުމަށްޓަކައި ނިއުރަލިންކުން ވަނީ މިދިޔަ އަހަރު އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އަށް ހުއްދައަށް އެދިފައެވެ. މި ހުއްދައަށް އެދިފައިވަނީ ކުންފުނި އުފެއްދިތާ ހަ އަހަރު ފަހުންނެވެ.

ނިއުރަލިންކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އެފްޑީއޭއިން ވަނީ އެ ކުންފުނިން އެދުނު ހުއްދަ ބާތިލުކޮށްފައެވެ.

ނަމަވެސް އެފްޑީއޭއިން އެކަމަށް ހުއްދަ ނުދިނުމަށް ނިންމި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ނިއުރަލިންކު ޕްރޮޖެކްޓުން އެކި ކަހަލަ ޓެސްޓުތައް ޖަނަވާރުތައް ބޭނުންކޮށްގެން ހަދަމުން އައިސްފައިވާއިރު ކުރީގެ ބައެއް މުވައްޒަފުން މައުލޫމާތު ދޭގޮތުގައި އެ ޓެސްޓުތައް ހިންގަނީ ވަރަށް ލާއިންސާނީކޮށެވެ. މައުލޫމާތު ލިބޭގޮތުގައި 2018 އިިން 2022 އަށް ނިއުރަލިންކު ޓެސްޓު ކުރި ޖަނަވާރުތަކުގެ ތެރެއިން 1،500 ޖަނަވާރުން ވަނީ މަރުވެފައެވެ. ނަމަވެސް ރޮއިޓާސް ފަދަ ބައެއް ނޫސްތަކުން ވަނީ މި މައުލޫމާތު ދޮގުކޮށްފައެވެ.

comment ކޮމެންޓް