ލިޓަން މަރާލީ މޫދަށް ކޮށްޕައިލައިގެން، ނިޒާމަށް ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ

ލިޓަން އާއި ނިޒާމް: ނިޒާމްގެ މައްޗަށް ދައުވާ އުފުލީ ލިޓަން މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މަރާލިކަމަށް--

މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ވިލިމާލެއިން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލީ އޭނާއަށް ނޭނގި މޫދަށް ކޮށްޕައި ވައްޓައިލައިގެންކަން ފުލުހުންގެ ތަހުގީގުން ހާމަވެފައިވާކަމަށާއި އެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ އިއްޔެ ކަމަށެވެ.

ނިޒާމުގެ މައްޗަށް ދެން އުފުލައިފައިވާ އަނެއް ދެ ދައުވާއަކީ:

  • ވައްކަންކުރުމުގެ ކުށުގެ ދައުވާ/ އަސާސީ އަދަބު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން.
  • ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާ/ އަސާސީ އަދަބު 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 ރުފިޔާއިން ފެށިގެން 500,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

https://sun.mv/172471

ތަހުގީގުން ހާމަވެފައިވާ ގޮތުގައި ލިޓަން މަރާލީ ކ.ގަލުފަޅު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެންނެވެ. އެ ކަން ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު 28ގެ ރޭ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައެވެ. މީގެ އިތުރުން އެ ދޯނީގައި ހުރި ލިޓޮންގެ 51،000 އަށްވުރެ ގިނަ ރުފިޔާ ނިޒާމް ވަގަށް ނަގައިފައިވާކަން ވެސް ތަހުގީގުން ވަނީ ހާމަވެފައެވެ.

ޕީޖީ އޮފީހުން ބުނީ ނިޒާމްގެ މައްޗަށް މަސްތުވާތަކެތީގެ މުއާމަލާތްކުރުމުގެ ދައުވާ އުފުލީ ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު އެ ތަނުން 3.2565 ގްރާމްގެ ޑައިމޯފިން ފެނިފައިވާތީކަމަށެވެ.

މީގެ އިތުރުން އެ މަސްތުވާތަކެތި ގަތީ، ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ވެސް ނިޒާމުގެ މައްޗަށް ތުހުމަތުކުރެވެއެވެ.

ނިޒާމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުން ފަދަ ކަންކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް އޭނާ ދަންނަ މީހުން ތުހުމަތު ކުރެއެވެ. އެހެންކަމުން ފައިސާގެ ބޭނުމަށް އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް އެ މީހުން ތުހުމަތު ކުރެއެވެ.

comment ކޮމެންޓް