ފައިސާގެ ބޭނުމުގައި ލިޓަން މަރާލިކަމުގެ ތުހުމަތު ނިޒާމަށް

ލިޓަން އާއި ނިޒާމް: ނިޒާމްގެ މައްޗަށް ތުހުމަތު ކުރަނީ ލިޓަން މަރާލީ ކަމަށް--

މި ހާދިސާގައި ކަންތައް ހިނގީ މީހުން ހީކުރި ގޮތަކަށް ނޫނެވެ. ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ގެއްލުމާއެކު އެންމެން ވެސް ހީކުރީ ކަނޑުމަތީ ހާދިސާއެއް ހިނގީ ކަމަށެވެ.

ގެއްލިގެން ހޯދަން އިއުލާން ކުރީ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް،45، އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން، 35، އެވެ. އެ މީހުން ހޯދަން ފުލުހުން އިއުލާން ކުރީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ. އެއާއެކު ވެސް މިއީ އާދައިގެ ގެއްލުމެއް ނޫން ކަމަށް ބެލެވުނެވެ.

ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، ހުޅުލޭ، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ފެނިފައިވެއެވެ. ފެނުނުއިރު އެ ބޯޓްގައި މީހަކު ނެތެވެ.

https://sun.mv/172441

މިކަމުގެ ފަހަތުގައި އެހެން ކަންތައްތަކެއް ވާކަން އެނގުނީ މިދިޔަ ހޯމަ ދުވަހު މާލެއިން ނިޒާމް ފެނުމާ ގުޅިގެންނެވެ. އެއާއެކު އޭނާއާއި ލިޓަން ހޯދަން ފުލުހުން މާލެތެރެ ބަލަން ފެށިއެވެ. އަދި އިއްޔެ ވަނީ ކޯޓް އަމުރެއްގެ ދަށުން ނިޒާމް މާލެއިން ހައްޔަރުކޮށްފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ނިޒާމަށް ތުހުމަތު ކުރެވެނީ ލިޓަން މަރާލި ކަމަށެވެ. އެއަށް ފަހު ގެއްލުނީ ކަމަށް ދައްކަން ކަންތައްތަކެއް ކުރީ ކަމަށް ތުހުމަތު ކުރެވެއެވެ.

ލިޓަން އަކީ ވަރަށް ފައިސާ ގެންގުޅޭ މީހެއް

ތެޔޮ ވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި ލިޓަން އެ މަސައްކަތުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ މަސައްކަތް ކުރަނީ ދިވެއްސަކު ހިންގާ "ފިއުލް ޕަވާ" ކިޔާ ކުންފުންޏެއްގައެވެ. އެ ވިޔަފާރީގައި އިސްވެ އުޅެނީ ލިޓަންއެވެ.

އޭނާގެ މަސައްކަތަކީ ރާއްޖެއަށް ތެޔޮ އެތެރެ ކުރާ ފަރާތްތަކުގެ އަތުން ތެޔޮ ގަނެގެންގޮސް އެހެން ދޯނިތަކަށް ތެޔޮ ވިއްކުމެވެ. އެ ވިޔަފާރި ހިންގުމަށް ލިޓަން ގިނަ އަދަދަކަށް ފައިސާ ގެންގުޅޭ ކަމަށް އޭނާ ދަންނަ މީހުން ބުނެއެވެ.

"އޭނާގެ އަތުގައި އަބަދުވެސް އަށް ލައްކަ، ނުވަ ލައްކަ ރުފިޔާ ގެންގުޅޭނެ. އަހަރެމެން އަތުން ވެސް ތެޔޮ ގަނެފައި ވަގުތުން ފައިސާ ދޭނެ. އޭނާ އެ ލާރިތައް ބަހައްޓަނީ ވެސް ބޯޓްގައި،" ރާއްޖެއަށް ތެޔޮ އެތެރެކުރާ ކުންފުންޏެއްގެ މުވައްޒަފަކު މި ނޫހަށް ބުންޏެވެ.

ލިޓަން މަސައްކަތް ކުރާ ބޯޓް ގިނައިން އޮންނަނީ ވިލިމާލޭ ފަޅުގައި އަޅައިފައެވެ. އޭގައި ދާއިމީކޮށް މަސައްކަތް ކުރަނީ ލިޓަން އެކަންޏެވެ. އެ ބޯޓް ދުއްވަން ވަގުތީ ކައްޕިން ހޯދަނީ ދަތުރެއް ލިބުނީމައި ކަމަށް ލިޓަންގެ އެކުވެރިން ބުނެއެވެ.

"ނިޒާމަކީ ވެސް އެގޮތަށް ލިޓަން ގެންގުޅޭ މީހެއް. ވަގުތީ ގޮތުން ދަތުރެއް ދާން ވީމައި ކައްޕިއެއް ހޯދާނީ. އާއްމުކޮށް ލިޓަން އެކަނި އުޅޭނީ. އޭނާ ނިދާ ހުރިހާ ކަމެއް ވެސް ކުރާނީ ބޯޓްގައި،" ލިޓަންގެ ގާތް އެކުވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ބުންޏެވެ.

https://sun.mv/172439

ލިޓަން މަރާލީ ފައިސާގެ ބޭނުމަށް؟

ގިނަ ތެޔޮ ބޯޓްތައް އަޅާފައި އޮންނަނީ ވިލިމާލޭ ފަޅުތެރެއާއި ބޭރުގައެވެ. އެއް ބޯޓްގައި އުޅޭ މީހުން އަނެއް ބޯޓްގައި އުޅޭ މީހުންނާ ގާތް ގުޅުމެއް އޮވެއެވެ. އެގޮތުން ލިޓަންއަކީ ވެސް ދިވެހީންނާ ވެސް ވަރަށް ގުޅުން ބޮޑު މީހެކެވެ. އަދި އޭނާ ކިތަންމެ އާދައިގެ ގޮތަކަށް ދިރިއުޅުނު ނަމަވެސް ގިނައިން ފައިސާ ގެންގުޅޭކަން އޭނާ ދަންނަ އެންމެނަށް ވެސް އެނގެއެވެ.

"ވަރަށް ކޮފީވެސް ހިންގާނެ. ކާން ވެސް ދޭނެ. އޭނާ {ލިޓަން} މުޅިންހެން ބިލް ކަނޑާނީ ވެސް. ވަރަށް ބަރާބަރު މީހެއް އެއީ. އަސްލު ވަރަށް ދެރަވޭ މިކަންތައް ވީގޮތުން،" ތެޔޮ ބޯޓެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

ތެޔޮ ބޯޓް ފަހަރުގައި މަސައްކަތް ކުރާ ތިން މީހަކާ މި ނޫހުން ސުވާލު ކުރުމުން އެ އެންމެން ވެސް ކުރަނީ އެއް ތުހުމަތެކެވެ. އެއީ ފައިސާގެ ބޭނުމަށް ނިޒާމް، ލިޓަން މަރާލީ ކަމަށެވެ. އެ ނޫން މައްސަލައެއް އެ ދެ މީހުންގެ މެދުގައި ޖެހޭނެ ކަމަކަށް ލިޓަންގެ ރައްޓެހިން ގަބޫލެއް ނުކުރެއެވެ.

ނިޒާމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުން ފަދަ ކަންކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް އޭނާ ދަންނަ މީހުން ތުހުމަތު ކުރެއެވެ. އެހެންކަމުން ފައިސާގެ ބޭނުމަށް އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް އެ މީހުން ތުހުމަތު ކުރެއެވެ. ނަމަވެސް އަދި ރަސްމީ ފަރާތަކުން އެކަން ޔަގީންކޮށެއް ނުދެއެވެ.

"އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި ނިޒާމް، އޭނާ [ލިޓަން] މަރާލީ އެ ފައިސާ ފޭރެން. ހިޔެއް ނުވޭ ނިޒާމް އެކަނިހެނެއް ވެސް. ކޮންމެވެސް އެހެން ބަޔަކާ ވެސް ގުޅިގެން އެކަން ކުރާނީ އެ. އޭނާ އެކަނި މީހަކު މަރާ ލެވޭނެހެން ހިޔެއް ނުވޭ،" ލިޓަން އާއި ނިޒާމް ވެސް ދަންނަ މީހަކު ބުންޏެވެ.

ވ. އަތޮޅުން ފެނުނީ ލިޓަންގެ ހަށިގަނޑު؟

ލިޓަން ގެއްލިގެން ހޯދާތާ ހަ ދުވަސް ފަހުން، ވ. އަތޮޅުގެ ވެމްޕަރު ފަޅު, ބޭރު ކަނޑުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ގިނަ ދުވަސްތަކަކު މޫދުގައި އޮތުމުގެ ސަބަބުން މީހާގެ ސިފަ ވަކި ނުވާ ވަރަށް އެ ހަށިގަނޑު އޮތީ ފޯވެފައެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހަ ދުވަހު މޫދުގައި އޮންނަ ނަމަ ސިފަ ވަކި ނުވާ ވަރަށް ފޯވުމުގެ ފުރުސަތު އޮވެއެވެ.

މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދު---

"މޫދުގައި އޮންނާތީ ވަރަށް ބޮޑަށް ފޯވާނެތާ ދެއްތޯ. އަނެއްކާ މަސްއެއްޗެހި ކައި ވެސް ހަދާނެ. އެހެން ވީމައި ސިފަ ގެއްލޭ ވަރަށް މީހާގެ ހަށިގަނޑު ފޯވުމުގެ ފުރުސަތު އޮވޭ ހަ ދުވަހުގެ ތެރޭގައި ވެސް،" ޑރ. އުސާމާ އުމަރު ވިދާޅުވިއެވެ.

އެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް އެއީ ކާކުގެ ހަށިގަނޑެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ލިޓަންގެ ހަށިގަނޑަށް ވެދާނެ ކަމަށް ބަލައި ހަދަން ޖެހޭ ޓެސްޓްތައް ހެދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ތެޔޮ ބޯޓް ކަނޑަށް ދޫކޮށްލުމުގެ ކުރިން ނިޒާމާއި ލިޓަން ދިޔައީ ކޮން ސަރަހައްދަކަށް ކަމެއް ނޭނގެއެވެ. ވ. އަތޮޅަށް ދިޔަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެއެވެ. ދޯނި ފަހަރުގެ ކައްޕިން ބުނަނީ ކ. އަތޮޅުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު މޫދަށް ދޫކޮށްލި ނަމަވެސް އޮޔާއި ވައި ހުންނަ ގޮތަކުން ވ. އަތޮޅާ ހަމައަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގޮސްފާނެ ކަމަށެވެ.

"މިސާލަކަށް މީހަކު މަރާލާފައި ހަށިގަނޑު މޫދަށް ދޫކޮށްލިއްޔޯ ކ. އަތޮޅު ބޭރަށް. ދޫކޮށްލައިފިއްޔާ ހައެއްކަ ދުވަހުގެ ތެރޭގައި ހިނގައި ދާނެ ވ. އަތޮޅާ ހަމައަށް އޮޔާއި ވައި ހުންނަ ގޮތަކުން. ނޫނީ ތި ބުނާގޮތުން ނޭނގޭތާ އެކަމެއް އެ ކުރީ ވ. އަތޮޅުގައި ނޫން ކަމެއް ވެސް،" ދޯންޏެއްގެ ކެޔޮޅަކާ ސުވާލު ކޮށްލުމުން ބުންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ގިނަ ސުވާލު ތަކެއް އުފެދިފައިވީ ނަމަވެސް މާ ގިނަ މައުލޫމާތުތަކެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިހާތަނަށް ކަންވެފައިވާ ގޮތާއި ލިޓަންގެ އެކުވެރިންގެ ވާހަކަތަކަށް ބަލާއިރު ވެސް އަދި ފުލުހުންގެ ތަހުގީގަށް ބަލާއިރު ވެސް މި މަރުގެ ތުހުމަތު ކުރެވެނީ ނިޒާމްގެ މައްޗަށެވެ. ލިޓަންއަކީ ވަރަށް ފައިސާ ގެންގުޅޭ މީހަކަށް ވާއިރު މިއީ ފައިސާގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ވެސް ކުރެވޭ ތުހުމަތު ބޮޑެވެ.

comment ކޮމެންޓް