ޖޫސް ޓައިމަށް ދިން ހަމަލާ: އެޕާޓްމެންޓަކުން ޑްރަގާއެކު ހަތް މީހަކު ހައްޔަރަށް

މޫނު ނިވައިކޮށްގެން ތިބި ދެ މީހަކު 'ޖޫސް ޓައިމް' އަށް ގެއްލުން ދެނީ: އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ/ އެމްވީ ކްރައިސިސް

މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމަށް ދެ މީހަކު ވަދެ އެތަން ސުންނާފަތި ކޮށްލި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެޕާޓްމެންޓެއް ބަލާ ފާސްކޮށް ހަތް މީހަކު ހައްޔަރު ކޮށްފިއެވެ.

ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ތިބި ދެ މީހުން ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށް ވަދެ އެތެރޭގައި ހުރި ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. އެވަގުތު އެތަނުގައި އިން ސޭޓު މީހާ ވަނީ ވަގުތުން އެތަނުން ނުކުމެފައެވެ.

ހަމަލާ ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައެވެ. އެ މީހުން ފިލީ އެ މީހުން އެ ވަގުތު ދުއްވަން ގެންގުޅުނު ސައިކަލުގައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުޅުމާލޭގެ އެޕާޓްމެންޓެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި އެޕާޓްމެންޓު ތެރެއިން މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު އެ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖޫސް ޓައިމް ސުންނާފަތިކޮށްލަން ދިޔަ މީހުން ދުއްވިކަމަށް ބެލެވޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިން ވަނީ ގެނެސްފައެވެ.

މާލޭގައި ސިލްސިލާ މާރާމާރީތަކެއް ފެށިފައިވާއިރު ހުކުރު ދުވަހުގެ ރޭ މާލޭގައި ވަޅިން ހަމަލަދީ ޒަހަމްކޮށްލި މީހަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. އެ މައްސަލައިގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށްފައިވާއިރު މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ވެސް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް