ބުރުނީގައި ރުކަކުން ޖެހި އަނިޔާވި ދެ މީހަކަށް އެމަޖެންސީގައި ފަރުވާދެނީ

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތ. ބުރުނީގައި އެކްސްކަވޭޓަރަކުން ރުއްތަކެއް އެއްކައިރިއަށް ޖެއްސުމުގެ މަސައްކަތް ކުރަމުންދަނިކޮށް އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އެމަޖެންސީގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު 4:30 އާއި 5:00އާ ދޭތެރޭގެ ވަގުތެއްގައެވެ. އެ ހާދިސާގައި އަނިޔާވި ހަތަރު ވަނަ މީހާ ވަނީ އެ ދުވަހު މަރުވެފައެވެ.

އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ދ. ކުޑަހުވަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް އެ ދުވަހު ގެންދިޔައެވެ. ނަމަވެސް އެމީހުންނަށް އިތުރު އަވަސް ފަރުވާ ދިނުމަށް އިއްޔެ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އައިޖީއެމްޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ތިން މީހުންނަށް އެ ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، އެކެއްގެ ހާލު ރަނގަޅުވުމުން އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.

ނަމަވެސް ބާކީ ތިބި ދެ މީހުންގެ ހާލު ސީރިއަސް ކަމުން އެ މީހުންނަށް އެމަޖެންސީގައި ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 43 އަހަރުގެ ދިވެއްސަކާއި 27 އަހަރުގެ ލަންކާ ފިރިހެނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގީ ގެއެއްގެ ރުއްތަކެއް ނަގައި އެ ރުއްތައް އެއް ކައިރިއަކަށް ޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގައި ތިބި ބަޔެއްގެ ގައިގައި ރުކަކުން ޖެހުމުންނެވެ.

comment ކޮމެންޓް