އައިޖީއެމްއެޗް ސަރަހައްދުގައި ފެން ބޮޑުވާތީ އިންފްރާންސްޓަކްޗާ މިނިސްޓްރީން ބެހެއްޓި ޑްރެއިން ސިސްޓަމް މިއަދު ބޭނުން ކުރަން ފަށައިފިއެވެ.
އެކަމާ ގުޅުވައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ވެސްޓް ޕާކާއި އައިޖީއެމްއެޗް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ފެން ބޮޑުވެ، ދަތިތައް ކުރިމަތިވާތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެކަށް އެކަމަށް ވަގުތީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ކުރެއްވި މަސައްކަތެއް ކަމަށެވެ.
އެ މަސައްކަތް ކޮށްފައި ވަނީ ޑިފެންސް މިނިސްޓްރީގެ އިސްނެގުމުގެ މަތިން، ކޮންސްޓްރަކްޝަން އެންޑް އިންފްރާންސް ޓަކްޗާ މިނިސްޓްރީގެ ބައިވެރިވުން ހިމެނޭ ގޮތަށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއުގެ ތެރެއިންކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެގޮތުން، އެ މަސައްކަތުން ފެން ބޮޑުވާ މައްސަލައަށް އެއްކޮށް ހައްލެއް ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅަށް ހެދެންދެކަށް ރައްޔިތުންނަށް ފޯރާ ދަތިތައް ހައްލު ކުރެވޭނެ ކަމަށާއި ޕަންޕު ބޭނުންކޮށްގެން ފެން ހިންދަން ފަސޭހަވާނެ ކަން މިނިސްޓަރު މުއްޠަލިބް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅުވައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ޑްރެއިން ސިސްޓަމް ބޭނުން ކުރަން ފެށުމުން އައިޖީއެމްއެޗް ސަރަހައްދުގައި ފެން ބޮޑުނުވާކަން ފާހަގަކުރައްވައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓުގައި މޭޔަރު ވަނީ މާލޭ ސިޓީ ކައުންސިލްގެ އަމާޒަކީ މި މައްސަލައަށް އެންމެނާ ގުޅިގެން އަވަސް ހައްލެއް ގެނެސް ރައްޔިތުންނަށް ކުރިމަތިވެފާވާ ދަތިކަމަށް ދާއިމީ ހައްލު ގެނައުން ކަމަށް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު މާލޭއަށް މެދު ނުކެނޑި ވެހުނު ވާރޭގައި އެހެން ސަރަހައްދުތަކުގައި ފެން ބޮޑުވި ނަމަވެސް، އައިޖީއެމްއެޗް ސަރަހައްދުގައި ޑްރެއިން ސިސްޓަމް ބޭނުން ކުރަން ފަށާފައި ވުމުން އެ ސަރަހައްދުގައި މާ ބޮޑަށް ފެން ބޮޑުވެފައެއް ނުވެއެވެ.
މީގެކުރިން އެ ސަރަހައްދަކީ ވާރޭ ވެހިލާއިރަށް އަބަދުވެސް އެންމެ ބޮޑަށް މާލޭގައި ފެން ބޮޑުވާ އެއް ސަރަހައްދެވެ.
އެ ސަރަހައްދުގެ ފެން ހިދެން ގިނަ އިރު ނަގާތީ، އެކަމުގެ ސަބަބުން އެ ހިސާބު ގެތަކުގައި އުޅޭ މީހުންނަށާއި ހޮސްޕިޓަލަށް ދާ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.