އައިޖީއެމްއެޗުން ނެރުނު އިންޓާނަލް މެމޯއަކާ ގުޅިގެން ޝަކުވާތައް ގިނަވެ، މާބަނޑު އަންހެނުންގެ ޑިއުޓީއަށް ލުއިދޭ އުސޫލު ކުރިން އިތް ގޮތަށް އިޔާދަކުރަން އައިޖީއެމްއެޗުން ނިންމައިފިއެވެ.
"މާބަނޑު އަންހެނުންނަށާއި ޅަދަރިމައިންނަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދިނުން ހުއްޓާލުމާ ގުޅޭ" މައުލޫގެ ދަށުން އައިޖީއެމްއެޗުން އިންޓާނަލް މެމޯއެއް ނެރުނެވެ.
އައިޖީއެމްއެޗުން ބުނީ އެ މެމޯއާ ގުޅިގެން މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރި ކަމަށާއި އެކަމުގެ ޝަކުވާތައް ލިބިފައި ވާކަމަށެވެ.
އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ އެ މެމޯގައި ފްލެކްސިބަލްކޮށް މަސައްކަތްކުރުން އެއްކޮށް ހުއްޓާލެވިފައިވާކަމަށް ދޭހަވާފަދަ ގޮތަކަށް އިބާރާތް ކުރެވިފައި ވީނަމަވެސް، މާބަނޑު މީހުންނަށް މިހާރުވެސް ދެމުންގެންދާ ލުއިތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.
އަދި އެ ހޮސްޕިޓަލަކީ 24 ގަޑިއިރު ޚިދުމަތް ދޭންޖެހޭ ސަރުކާރުގެ މައި ހޮސްޕިޓަލަށްވެފައި، ޝިފްޓު ޑިއުޓީގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަަތުގަޑި ފްލެކްސިބަލް ޑިއުޓީގެ ގޮތުގައި ކުރުކުރުމުން، ހޮސްޕިޓަލުން ޚިދުމަތް ހޯދާ ބަލިމީހުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތްދިނުމަށް ދަތިވާ ކަމަށެވެ.
އެހެންކަމުން ހޮސްޕިޓަލުގެ މެނޭޖްމަންޓުން އުސޫލަށް ބަދަލުގެނެސްފައި ވަނީ ފްލެކްސިބަލް ޑިއުޓީ ދިގު މުއްދަތަކަށްދޭ ދިނުމަށް ކޮންމެވެސް ވަރެއްގެ ހަރުދަނާކަމެއް ގެނައުމަށްޓަކައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ފްލެކްސިބަލް ޑިއުޓީ ބޭނުންވާ މުވައްޒަފުން ހުށަހަޅާ ހާލަތްތަކަށް ރިއާޔަތްކޮށް، އެ ހާލަތަކާ އެކަށީގެންވާ މުއްދަތަކަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދިނުމަށް ނިންމީ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
"ޅަދަރިމައިންނަށް މަސައްކަތް ކުރުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޝިފްޓް ޑިއުޓީތަކުގައި ލުއިވާނެ ގޮތަށް ޝިފްޓް ހަމަޖެއްސުމާއި، (މިސާލަކަށް ނައިޓް ޑިއުޓީ ނުހެދުން) މަސައްކަތް ލުއި ޑިޕާޓްމަންޓްތަކަށް ވަގުތީގޮތުން ބަދަލުވުމަށް އެދޭ ޅަދަރިމައިންނަށް މަސައްކަތަށް ދަތިނުވާނޭހެން އެ ބަދަލުތައް ދަނީ މިހާރުވެސް ގެނެސްދެމުން،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް މެނޭޖްމަންޓުން ގެނައި ބަދަލުގެ ސަބަބުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރިކަމަށް މެނޭޖްމަންޓާ ހިއްސާކޮށްފައިވާތީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ އުސޫލު ކުރިންވެސް އޮތް ގޮތަށް ބަދަލުކުރުމަށް މެނޭޖްމަންޓުން ނިންމީކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ރައްޔިތުންނަށް އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ދަތިނުވާނޭހެން މުވައްޒަފުން މަސައްކަތްކުރުމުގައި ފަސޭހަ ގޮތްތައް ހަމަޖައްސައިދީ އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދިނުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.