ޔުކްރެއިން ގެންދަނީ ހަނގުރާމައިގާ މަރުވާ ސިފައިންގެ އަދަދު ވަރަށް ބޮޑަށް އޮޅުވާލަމުން: ރިޕޯޓް

ޔުކްރެއިންގެ ސިފައިން ވަޅުލާ ގަބުރުސްތާނެއް

ވޮޝިންޓަން (27 ފެބްރުއަރީ 2023): ޔުކްރެއިން ހަނގުރާމައިގައި ރަޝިއާގެ ހަމަލާތަކުން މަރުވާ ޔުކްރެއިން ސިފައިންގެ އަދަދު އެގައުމުން ގެންދަނީ ސިއްރުކޮށް ވަރަށް ބޮޑަށް އޮޅުވާލަމުންކަމަށް ލަންޑަންގައި ނުކުންނަ "ދަ ޓައިމްސް" ނޫސް ބުނެފިއެވެ.

ޔުކްރެއިންގައި ހުންނަ ރިޕޯޓަރާ ހަވާލާދީ އެ ނޫސް ބުނާގޮތުން ޔުކްރެއިންގެ ސިފައިންގެ ގަބުރުސްތާނުތަކުގައި ކޮންމެ ދުވަހަކު އެތައް ބައެއްގެ ޖަނާޒާ ބާއްވައި އެތައް ބައެއްގެ ހަށިތައް ދަނީ ވަޅުލަމުންނެވެ. ނަމަވެސް ވަޅުލެވޭ މީހުންގެ އަދަދު ޔުކްރެއިންގެ ކަމާބެހޭ އިދާރާތަކުންވަނީ ސިއްރުކޮށްފައެވެ.

"ދަ ޓައިމްސް" ނޫހުގައިވާ ރިޕޯޓެއް ބުނާގޮތުން ޔުކްރެއިން ސިފައިންގެ ގަބުރުސްތާނުތަކުގައި ވަޅުލެވޭ މީހުންގެ ނަންތައްވެސް ކައްވަޅުގެ މަތީގައި ހުންނަ ފާހަގާގައި ޖެހުންވަނީ މަނާކޮށްފައެވެ. އޭގެބަދަލުގައި ޖަހަނީ "ޔުކްރެއިންގެ ދިފާއުގައި މަރުވެފައިވާ މީހެއް" މިހެންނެވެ.

ޔުކްރެއިނުގެ ދިފާއީ ވުޒާރާއިން ނެރޭ އަސްކަރީ ބަޔާންތަކުގައި އަބަދުވެސް ހުންނަނީ ޔުކްރެއިންގެ ހަމަލާތަކުގައި މަރުވާ ރަޝިއާ ސިފައިންގެ އަދަދުތަކެވެ. މިރިޕޯޓްތައް ބުނާގޮތުން ޔުކްރެއިންގެ އަތްދަށުން ރަޝިއާ ސިފައިންގެ ތިންލައްކައަށްވުރެ ގިނަމީހުން މިހާރު މަރުވެއްޖެއެވެ. ނަމަވެސް ރަޝިއާގެ ހަމަލާތަކުގައި މަރުވާ ޔުކްރެއިން ސިފައިންގެ އަދަދުތައް އެބަޔާންތަކުގައި ނުހުންނަ ކަމަށް "ދަ ޓައިމްސް" ބުނެއެވެ.

ޔުކްރެއިންގެ އަސްކަރީ ބަޔާންތަކުގައި މަރުވިކަމަށް ބުނާ ރަޝިއާ ސިފައިންގެ އަދަދު މަތިކަމުން އެކަން ގަބޫލުކުރަން ފަސޭހަނޫންކަމަށް "ދަ ޓައިމްސް" ފަދަ ޔުކްރެއިނަށް ތާއީދުކުރާ ހުޅަނގުގެ ރިޕޯޓަރުންވެސް ބުނެއެވެ. ރަޝިއާގެ އަސްކަރީ ބަޔާންތަކާމެދުވެސް ބެލެވެނީ އެއީ ރަޝިއާ ކޮޅަށް ޖެހިފައިވާ ބަޔާންތަކެއްގެ ގޮތުގައެވެ. ނަމަވެސް ރަޝިއާގެ އަސްކަރީ ބަޔާންތަކަށް ބަލާއިރު ޔުކްރެއިންގެ ހަމަލާތަކުގައި ރަޝިއާ ސިފައިން މަރުވާކަމަށް އެއްބަސްވެއެވެ. ނަމަވެސް ޔުކްރެއިންގެ އަސްކަރީ ބަޔާންތަކުގައި ޔުކްރެއިން ސިފައިންގެ މީހުން މަރުވާކަމަށް ބުނަނީ ވަރަށް މަދުފަހަރަކުއެވެ.

ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުގައި ޔުކްރެއިން ހަނގުރާމައިގާ ޙަމަލާތައް ވަރުގަދައީ ރަޝިއާގެ އެވެ. އެހެންކަމުން ޔުކްރެއިންގެ ހަމަލާތަކުގައި މަރުވެފައިވާ ރަޝިއާ ސިފައިންނަށްވުރެ ރަޝިއާ ގެ ހަމަލާތަކުގައި މަރުވާ ޔުކްރެއިން ސިފައިންގެ އަދަދު މަތިވާނެކަމަށް ހުޅަނގުގެ ޖާސޫސީ ލަފާކުރުންތައް ބުނެއެވެ.

ހަނގުރާމައިގާ މަރުވާމީހުންގެ ސައްހަ އަދަދު ހާމަކުރުމަކީ އެއްވެސް ގައުމަކުން ކުރާކަމެއްނޫނެވެ. ޚާއްސަކޮށް ހަނގުރާމައިގެ ވަގުތުތަކުގައެވެ. އެއީ މަރުވާމީހުންގެ ހަގީގީ އަދަދުތައް ބުނުމަކީ ދުޝްމަނުންނަށް ހަގީގަތް ހާމަކޮށްދެވޭކަމަކަށްވާތީ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެތީއެވެ.

ނަމަވެސް ޔުކްރެއިންވަނީ މިކަމުގައި މާބޮޑަށް ހައްދު ފަހަނަޅައި ގޮސްފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ޔުކްރެއިންގެ މަސްރަހު ދިރާސާކުރާ ބައެއް ތަޖުރިބާކާރުންނާއި އެގައުމުގައި ހަނގުރާމަ ކަވާ ކުރަންއުޅުމަށްފަހު އެނބުރި އައިސްފައިވާ ބައެއް ރިޕޯޓަރުން ބުނާގޮތުގައި ޔުކްރެއިން ސިފައިންގެ ތެރެއަށް އެގައުމުގެ ޒުވާނުން މިހާރު ވައްދަނީ ބިރުދައްކައިގެންނެވެ. އެއީ ޔުކްރެއިންގެ އާބާދީގައި ހަނގުރާމައިގާ ހަރަކާތްތެރިވެވޭ އުމުރުގެ ޒުވާނުންގެ އަދަދު މަދުވެފައި ރަޝިއާގެ ހަމަލާތަކުގައި މަރުވާ ޔުކްރެއިން ސިފައިންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވާތީއެވެ.

ރަޝިއާގެ ލަޝްކަރުތަކާއެކު އެގައުމުގެ "ވަގްނާ" ޖަމާއަތުގެ ކުލީ ސިފައިން ހަރަކާތްތެރިވަމުންދާގޮތަށް ޔުކްރެއިން ސިފައިންނާއެކުވެސް އެމެރިކާއާއި ޔޫރަޕްގެ ކުލީ ސިފައިން ގިނަ އަދަދަކަށް ބައިވެރިވެއެވެ.

އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ، ސީއައިއޭގެ ވެރިޔާ ވިލިޔަމް ބާންޒްވަނީ ރަޝިއާއާ އަޅާބަލާއިރު ޔުކްރެއިންގެ އާބާދީ ކުޑަވުމަކީ ޔުކްރެއިނަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. ރަޝިއާއިން ހަނގުރާމަ ދިގުދަންމަނީވެސް ދިގުމުއްދަތަކަށް ހަނގުރާމަ ކުރެވޭވަރަށް ޔުކްރެއިނަށް ސިފައިންނާއި ހަތިޔާރު ނުލިބޭނެކަން ރަޝިއާއަށް އެނގޭތީ އާއި މިއީ ޔުކްރެއިން ބަލިކުރަން އެންމެ ފަސޭހަގޮތްކަމާއި ޔުކްރެއިންގެ އެއް ބަލިފައިކަން ރަޝިއާ ރަނގަޅަށް ދަނެގެންނެވެ.

އެމެރިކާގެ ސީބީއެސް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ބާންޒްވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. ނަމަވެސް ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވަނީ ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފެށި ހަނގުރާމަ ނިންމާލާނީ ރަޝިއާ އަސްކަރީގޮތުން ބަލިކޮށްފައިކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ.

ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ދޭ ހަމަލާތަކުގެ ސަބަބުން ޔުކްރެއިންގެ ބޮޑުބައެއްވަނީ މުޅިން ސުންނާފަތިވެފައެވެ. އަދި ޔުކްރެއިންގެ އާބާދީގެ ތިންބައިކުޅަ އެއްބައިވަނީ ރެފިއުޖީންނަށްވެ ހާލުގައި ޖެހިފައެވެ. އަދި ހަނގުރާމައިގެ ކުރިން ލިބުނު ޔުކްރެއިންގެ ގައުމީ އާމްދަނީ ވަނީ ގާތްގަނޑަކަށް 80 އިންސައްތަ ދަށަށްގޮސްފައެވެ. ނަމަވެސް ރަޝިއާއާއެކު ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުުމުގެ އެއްވެސް ވިސްނުމެއް ޔުކްރެއިންގެ ސަރުކާރުން ނުގެންގުޅެއެވެ.

ޔުކްރެއިން ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރަނީ ހުޅަނގުގެ އަސްކަރީ އަދި މަދަނީ އެހީގައެވެ.

comment ކޮމެންޓް