ވޮޝިންޓަން (8 ޑިސެންބަރު 2025): ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ ހުށަހަޅާފައިވާ ޕްލޭނަށް ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީ ރުހުން ދެއްވާފައިނުވާތީ، އެ ކަމާމެދު މާޔޫސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅުދައްކަވައިފިއެވެ.
ކެނެޑީ މަރުކަޒުގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތެއްގެ ހަވާސާގައި ނޫސްވެރިން ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ، ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ ޔުކްރެއިންގެ ރައީސާއި އެ ގައުމުގެ އެހެން ލީޑަރުންގެ އެއްބާރުލުން އެ ކަމަށް ލިބިގެންނެވެ.
"ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ ހުށަހަޅާފައިވާ ޕްލޭނަށް ރައީސް ޒެލެންސްކީ އަދިވެސް ރުހުން ދެއްވާފައިނުވުމަކީ ކަންބޮޑުވާ ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ ހުށަހަޅާފައިވާ ޕްލޭން، ޒެލެންސްކީ ދިރާސާ ކުރެއްވިކަމަށް ނުބެލެވެއެވެ. އެ ޕްލޭނަށް ޖަވާބު ދިނުން ލަސްކުރުމުން އެއިން ދޭހަވަނީ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ ހުށަހަޅާފައިވާ ޕްލޭން، ޒެލެންސްކީ ދިރާސާ ނުކުރައްވާކަން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް: އޭނާ ވަނީ ޒެލެންސްކީއަށް ފާޑުވިދާޅުވެފައި -- ފޮޓޯ/ ގެޓީ
ހަނގުރާމަ ހުއްޓުވުމާ ބެހޭ އެމެރިކާގެ ޕްލޭން ބިނާކޮށްފައިވަނީ ރަޝިއާ އެދޭ އެދުންތަކުގެ މައްޗަށް ކަމަށް ޔުކްރެއިނުން ތުހުމަތުކުރެއެވެ. އެއީ، ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ގިނަ ބިންތައް ރަޝިއާއަށް ދިނުމާއި އަސްކަރީ ގޮތުން ނިއުޓްރަލް ގައުމެއްގެ ގޮތުގައި ޔުކްރެއިން އޮތުމާއި ނޭޓޯފަދަ އަސްކަރީ އެއްވެސް ޖަމާއަތަކަށް ނުވަންނާނެކަމުގެ ޔަގީންކަން ޔުކްރެއިނުން ދިނުންފަދަ ކަންކަން އޭގައި ހިމެނޭތީއެވެ. ޔުކްރެއިންގެ މި ތުހުމަތުތަކާ ގުޅިގެން އެމެރިކާގެ ޕްލޭނަށް ބައެއް ބަދަލުތައް ގެނައުމުން އަނެއްކާ އެ ކަމާ މެދު ރަޝިއާއިން ވަނީ ހިތްހަމަ ނުޖެހިފައެވެ.
މި މައްސަލާގައި އެމެރިކާގެ މަންދޫބު ސްޓީވެން ވިޓްކޯވް ވަނީ މިދިޔަ ހަފުތާގައި ރަޝިއާއަށް ވަޑައިގެން، ރައީސް ޕޫޓިންއާ މަޝްވަރާކުރައްވާފައެވެ. އޭގެ ކުރިން ވިޓްކޯވް ހިމެނޭގޮތަށް އެމެރިކާގެ މަސްއޫލުވެރިން ވަނީ ފޯނުގެ ޒަރީއާއިން ސިލްސިލާ މަޝްވަރާތަކެއް ޔުކްރެއިންގެ މަސްއޫލުވެރިންނާ އެކު ކުރިއަށް ގެންދަވާފައެވެ. މި މަޝްވަރާތަކުގައި ވެސް ޔުކްރެއިންގެ މަސްއޫލުވެރިން އެމެރިކާގެ ޕްލޭނަށް ރުހުން ދެއްވާފައެއްނުވެއެވެ.
އެމެރިކާގެ ޕްލޭންގައި ރަޝިއާއަށް މާ ބޮޑެތި ދޫތައް ދީފައިވާ ކަމަށް ވިދާޅުވެ، ޔޫރަޕްގެ ބައެއް ލީޑަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ޕްލޭންގައި ރަޝިއާއި ޔުކްރެއިންއަށް އެއްބަސްނުވެވޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދެއް ކަމަށްވާ ދުންބާސް ސަރަހައްދުގެ މިލްކުވެރިކަމެވެ. މި ސަރަހައްދުގެ މިލްކުވެރިކަމަށް ރަޝިއާ އެދޭއިރު ޔުކްރެއިން ވެސް އޮތީ މި ސަރަހައްދުގެ މިލްކުވެރިކަން ދޫކޮށްލާ ގޮތަކަށް ނޫނެވެ.
އަނެއް މައްސަލައަކީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ އެހެން ސަރަހައްދެއްކަމަށްވާ ޒަޕަރޫޖިއާގައި ހުންނަ ނިއުކްލިޔާ މަރުކަޒުގެ މިލްކުވެރިކަމެވެ. މި މަރުކަޒު މިހާރު އޮތީ ރަޝިއާގެ އަތްދަށުގައެވެ. ނަމަވެސް، މިތަން ރަޝިއާއަށް ދޫކޮށްލަން ޔުކްރެއިން ބޭނުމެއް ނުވެއެވެ.
ޒަޕަރޫޖިއާ ގައިވާ ނިއުކްލިޔާ މަރުކަޒަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ރަޝިއާއާއި ޔުކްރެއިން އިއްތިޙާދީ އެއް ދައުލަތުގެ ގޮތުގައި އޮތްއިރު ސޮވިއެޓް ޔުނިޔަންއިން ބިނާކުރި ރިއެކްޓަރެކެވެ. މިއީ ޔޫރަޕްގައިވާ އެންމެ ބޮޑު ނިއުކްލިޔާ ރިއެކްޓަރެވެ. މި ރިއެކްޓަރު ނުލިބިއްޖެނަމަ ޔުކްރެއިނަށް ހަކަތައިގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެއެވެ.