ގޮތްހުސްވުމުން، ނޭޓޯގެ މެންބަރަކަށް ވުމުގެ ވިސްނުން ޔުކްރެއިނުން ދޫކޮށްލަނީ

ޒެލެންސްކީ

ކިޔޭވް (15 ޑިސެންބަރު 2025): ނޭޓޯގެ މެންބަރަކަށްވުމުގެ ވިސްނުން މި ވަގުތަށް ދޫކޮށްލަން ގަސްދުކުރާކަން ޔުކްރެއިނުން ހާމަކޮށްފިއެވެ.

ޔޫކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީ ވިދާޅުވި ގޮތުގައި މިހާރު ޔުކްރެއިންގެ އެންމެ ބޮޑު މަސްލަހަތަކީ ރަޝިއާއާއި ޔުކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމެވެ.

މި ކަމަށް މަގިފަހުވާން އޮތީ ނޭޓޯގެ މެންބަރަކަށްވުމަށް ޔުކްރެއިނުން ގެންގުޅޭ ވިސްނުން މި ވަގުތަށް ދޫކޮށްލައިގެންނެވެ. އެހެންކަމުން ނޭޓޯގެ މެންބަރަކަށްވުމަށް ކުރަންޖެހޭ މަސައްކަތް ޔުކްރެއިނުން މިހާރު ހުއްޓާލާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ މިހެން ވިދާޅުވީ، ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ހުށަހަޅުއްވާފައިވާ ޕްލޭނާ ބެހޭ ގޮތުން ޓްރަމްޕްގެ މަންދޫބަކާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭޓޯގެ މެންބަރަކަށްވުމަށް ޔުކްރެއިން ކުރާ މަސައްކަތްތައް ހުއްޓާލުމަކީ ޓްރަމްޕްގެ ޕްލޭންގައި އިސްކަން ދީފައިވާ ކަމެކެވެ. ސަބަބަކީ އެއީ ހަނގުރާމަ ހުއްޓާލުމަށް ރަޝިއާ ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީއެވެ.

ޓްރަމްޕްގެ ޕްލޭންގައި ހިމެނޭ އެ ނޫންކަންކަމުގެ ތެރޭގައި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް ރަޝިއާއަށް ދޫކޮށްލުމާއި ޔުކްރެއިންއަކީ އަސްކަރީ ބާރުވެރިކަމުގައި ވަކި ލިމިޓެއް އޮންނަ ގައުމަކަށް ހެދުން ވެސް ހިމެނެއެވެ. މިދެ ނުކުތާއަށް ޔުކްރެއިން އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ނަމަވެސް, ހަނގުރާމައިގެ މަސްރަހު އޮތީ ރަޝިއާ ކޮޅަށް ބުރަވާގޮތަށެވެ. ހަނގުރާމައިގާ ބާރުގަދަ ފަރާތަކީ ރަޝިއާއެވެ. ހަނގުރާމަ ހުއްޓާލަން ބޭނުންނަމަ ރަޝިއާގެ ޝަރުތުތަކަށް ބޯލެނބުން ނޫންގޮތެއް މިވަގުތު ޔުކްރެއިނަށް ނެތްކަން އެމެރިކާއިން ވަނީ ޔުކްރެއިންއަށް އަންގާފައެވެ.

ރަޝިއާގެ ޝަރުތުތަކާ ދެކޮޅު ހެދުމުގައި ޔުކްރެއިންއަށް ވާގިވެރިވާ ހަމައެކަނި ފަރާތަކީ މިހާރު ޔޫރަޕްގެ ގައުމުތަކެވެ. ނަމަވެސް، އަސްކަރީ ބާރުވެރިކަމުގެ ގޮތުންނާއި އިގުތިސާދީ މައްސަލަތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަކީ ރަޝިއާއާ ދެކޮޅަށް މާ ބޮޑު ކަމެއް ކުރެވޭ ހާލަތުގައިވާ މިހާރު އޮތް ގައުމުތަކެއް ނޫނެވެ.

ރަޝިއާއާ ދެކޮޅަށް ޔުކްރެއިން ނެރުނީ ވެސް ޔޫރަޕްގެ ގައުމުތައް އަޑީގައި ތިބެގެން ކަމަށް ރަޝިއާއިން ތުހުމަތުކުރެއެވެ. ޔުކްރެއިންގައި ރަޝިއާއާ އިދިކޮޅު ހުޅަނގަށް ތާއީދުކުރާ ސަރުކާރެއް އުފެއްދީ ވެސް އަދި ޔުކްރެއިނަށް ނޭޓޯއަށް ވައްދައިގެން ރަޝިއާ ހިސާރުކުރަން ސިޔާސީ ހިއްވަރާއި ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދިނީ ވެސް ޔޫރަޕުންކަމަށް ރަޝިއާއިން ތުހުމަތުކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭޓޯގެ މެންބަރަކަށްވުމުގެ ވިސްނުން ދޫކޮށްލުމުގެ ބަދަލުގައި ޔުކްރެއިނުން ބޭނުންވަނީ އެމެރިކާއާއި ޔޫރަޕްގެ ފަރާތުން ސަލާމަތީ ގެރެންޓީއެވެ. ސަލާމަތީ ގެންރެންޓީ ނުލިބޭނަމަ ޔުކްރެއިން އޮތީ ނޭޓޯގެ މެންބަރަކަށްވުމުގެ ވިސްނުން ދޫކޮށްލާ ގޮތަކަށް ނޫނެވެ.

އަނެއްކޮޅުން ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިން ވަރަށް ބޮޑަށް ހަލާކުވެފައިވުމުން ޔުކްރެއިން މިހާރު އޮތީ ވެސް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ނޭޓޯގެ މެންބަރަކަށްވުމުގެ ޝަރުތު ފުރިހަމަވާ ހާލަތެއްގައެއް ނޫނެވެ. އެއަށް ވުރެ ޔުކްރެއިންގެ އިގުތިސާދީ އަދި އަސްކަރީ ހާލަތު މާ ބޮޑަށް އޮތީ ދަށުގައެވެ.

comment ކޮމެންޓް