ފެނަކައިގެ އިސް މާގަމެއްގައި ހުރި ދެ މީހެއްގެ މައްޗަށް ދެ ދައުވާއެއް ކޮށްދިނުމަށް އެދި ޕީޖީއަށް

ފެނަކަ ކޯޕަރޭޝަނަށް ބިލިން ސޮފްޓްވެއާއެއް ހެދުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ފެނަކައިން ބިލިން ސޮފްޓްވެއާ އެއް ހެދުމަށް ހަވާލުކުރި އަމިއްލަ ކުންފުޏަކަށް އުސޫލުތަކާ ޚިލާފަށް އެ ކޯޕަރޭޝަނުން ފައިސާ ދޫކުރި މައްސަލައެއްގައެވެ.

އޭސީސީން ބުނީ އެ މައްސަލަ މިފަހަރު ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އެ އޮފީހުން އިސްލާހުކުރުމަށް އެންގި ކަންކަން އިސްލާހުކުރުމަށް ފަހު ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުރި މ. ފެހިވިދުވަރުގެ އިސްމާޢީލް ޝަމްއޫން އާއި އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓާ، ސޭލްސް އެންޑް ބިލިން ޑިޕާޓްމަންޓްގެ މަގާމުގައި ހުރި އަހުމަދު ނަޖާހުގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާ ގުޅިގެން އޭސީސީން ބުނީ ފެނަކައިގެ ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި ބިލިން ސޮފްޓްވެއާ އެއް ހެދުމަށް އަމިއްލަ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުމުގައި އެ މަސައްކަތް 2017 ވަަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ޚިދުމަތް އަދި މިހާތަނަށް އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް އެ ސޮފްޓްވެއާ ނިމުނު ކަމަށް ޝަމްއޫން އާއި ނަޖާހު ސޮއިކޮށް ލިޔުން ދޫކުރުމުގެ ސަބަބުން މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޭންޖެހޭ އެންމެހާ ފައިސާ ދޫކޮށްފައިވާތީ އެ ކަމުގެ ސަބަބުން އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެނގޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ވަނީ، އެއްބަސްވުމާ ގުޅިގެން މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޫކޮށްފައިވާ 1.4 މިލިއަން ރުފިޔާ ފެނަކައަށް ގެއްލިފައިވާކަން އެނގޭތީ، އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކައަށް އަންގާފައެވެ.

comment ކޮމެންޓް