ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަޤާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަނުކޮށްފިއެވެ.
ގާސިމްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޖިހާދު ހަމަޖައްސަވައި އެކަން އިއުލާނުކޮށްފައިމިވަނީ، މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ޖިހާދަކީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ޖިހާދު ވަނީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމުގެ މަގާމްވެސް ފުރުއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ އޮޑިޓް އޮފީހުގައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ސަރުކާރުގެ އެކި މަގާމުތައް ފުރުވާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ޚާއްސަ އެޑްވައިޒަރުގެ މަގާމަށް ޖިހާދު އައްޔަނުކުރުމުގެ އިތުރުން މިރޭ ވަނީ ގާސިމްގެ އެޑްވައިޒަރުކަމަށް ފަސް ބޭފުޅުން އައްޔަނުކުރައްވާފައެވެ.
އެ ފަސް ބޭފުޅުންނަކީ، ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރިންވެސް ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު، އަހްމަދު ނިހާން ހަސަންމަނިކު، ރައީސް ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި، އަޒްލީން އަހުމަދު، އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެކްޓިން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒެވެ.