ޒެލެންސްކީ ވިދާޅުވަނީ ރަޝިއާ ބަލިކުރާނެކަމަށް!

ހަނގުރާމައަށް އަހަރެއް ފުރުމުން ޒެެލެންސްކީ މިއަދު ގައުމާ މުޚާތަބު ކުރައްވަނީ

ކިޔޭވް (25 ފެބްރުއަރީ 2023): ޔުކްރޭން ހަނގުރާމައަށް އަހަރެއް ފުރިފައިވާއިރު، ޔުކްރެއިނަށް ލިބިފައި ވަނީ ހުސް ކާމިޔާބީ ކަމަށާއި މި ހަނގުރާމައިގައި ޔުކްރެއިން ރަޝިއާގެ މައްޗަށް ކާމިޔާބު ހޯދާނެކަމަށް ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ހަނގުރާމައަށް އަހަރެއް ފުރުމާ ގުޅިގެން ކިޔޭވްގެ ސޯފިއާ މައިދާނުގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގައި ރަޝިއާގެ މައްޗަށް ކާމިޔާބު ހޯދުމުން ހާސިލްކުރެވެނީ ޔުކްރެއިންގެ މިނިވަންކަމާއި އިސްތިގްލާލާއި ޔުކްރެއިންގެ މަސްލަހަތު އެކަނި ނޫންކަމަށާއި ރަޝިއާ ބަލިކުރުމުން އެންމެ ބޮޑު ފައިދާއެއް ލިބޭނީ ހުޅަނގަށްކަން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ވިސްނައި ދިނުމުގައި އޭނާގެ ސަރުކާރު ކާމިޔާބު ހޯދާފައިވާ ކަމުގައެވެ.

މިކަމުގެ ސަބަބުންނާއި ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން ސިފައިންނާއި ޔުކްރެއިންގެ ރައްޔިތުން ދެއްކި އާދަޔާ ޚިލާފު ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން ކުރިން ޔުކްރެއިނަށް ބަރުހަތިޔާރު ފޯރުކޮށްދިނުމަށް ފަސްޖެހުނު ހުޅަނގުގެ އެތައް ގައުމަކުން މިހާރު ޔުކްރެއިނަށް ބަރުހަތިޔާރާއި ތަމްރީން ފޯރުކޮށްދެމުން ގެންދާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާގެ އަނިޔާވެރިކަމުގެ ވާހަކައާއި ރަޝިއާގެ އުދުވާނީ ހަމަލާތަކުގެ ކުރިމަތީގައި ޔުކްރެއިންގެ ހިތްވަރުގެ ވާހަކައާއި ރަޝިއާގެ އަނިޔާވެރިކަމާ ދެކޮޅަށް ހުޅަނގުގެ އެހީތެރިކަން ޔުކްރެއިނަށް ލިބެމުންދާކަމުގެ ވާހަކަތައް ފޯރިއާއި ޖޯޝުގައި ޒެލެންސްކީ ދެއްކެވިއިރު މީގެ 70 ވަރަކަށް އަހަރުން ފެށިގެން މިއަދާ ހަމައަށް އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރިކަމާއި އުދުވާނާއި މީހުން މެރުމާއި ގަތުލުއާންމުތަކުގެ ވާހަކައަށް ޒެލެންސްކީ އެއްވެސް އިޝާރާތެއް ނުކުރައްވައެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާންތަކުގައި ޔުކްރެއިން އޮންނަނީ އިސްރާއީލުގެ ފަޅީގައެވެ. ހުޅަނގުގެ އެހީގައި އިސްރާއީލުން ދޭ އުދުވާނީ ހަމަލާތަކާއި ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް ހަތިޔާރެއްނެތި އަދި އެއްވެސް ބައެއްގެ އެހީތެރިކަމެއްނެތި ފަލަސްތީނުގެ ޒުވާނުން އެމީހުންގެ ޖާނާއިމާލުން ކުރަމުންގެންދާ ޖިހާދަކީ ހިތްވަރެއް ހުރި އެއްޗެއްކަމަށް ދެކެ ޔުކްރެއިން ގޮތަށް ފަލަސްތީނަށް ލިބޭ އަނިޔާތަކަށް ޔުކްރެއިންގެ އެއްވެސް ހަމްދަރުދީއެއް ނެތެވެ.

ޔުކްރެއިން މައްސަލައާ ޚިލާފަށް ފަލަސްތީނުގެ މައްސަލާގައި އެމެރިކާވެސް އަދި ޔޫރަޕްގެ ގައުމުތައް ވެސް އޮންނަނީ އަނިޔާކުރާ ފަރާތް ދިފާއުކޮށް އަނިޔާކުރާ ފަރާތަށް އެހީތެރިވުމުގައެވެ. އަނިޔާ ލިބޭ ފަލަސްތީނު މީހުން އަމިއްލަ ދިފާއުގައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދު ސިފަކުރަނީ ޓެރަރިޒަމްގެ ގޮތުގައެވެ. ނަމަވެސް ޔުކްރެއިންގެ މައްސަލާގައި ހުޅަނގު އޮންނަނީ އަނިޔާކުރާ ފަރާތާ ދެކޮޅަށް އަނިޔާ ލިބޭ ފަރާތުގެ ދިފާއުގައެވެ.

ޔުކްރެއިނުން އަމިއްލަ ދިފާއުގައި ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުޅަނގުން ސިފަކުރަނީ މިނިވަންކަމުގެ ޖިހާދުގެ ގޮތުގައެވެ.

ޒެލެންސްކީ ވިދާޅުވިގޮތުގައި ޔުކްރެއިނަށް ހުޅަނގުން ދޭ އެހީތަކަކީ ސަދަގާތެއްނޫނެވެ. އެއީ ރަޝިއާގެ އަނިޔާވެރިކަމާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުގެ ދިފާއުގައި އެގައުމުތަކުން ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކެކެވެ. މިކަންވާނީ ހުޅަނގުގެ ގައުމުތަކަށް ވިސްނައިދީފައިކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީގެ ޚިތާބުގައި ޔުކްރެއިންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމާބެހޭ އެއްވެސް ވާހަކައެއް ވިދާޅެއް ނުވެއެވެ. އަދި ރަޝިއާގެ އަމަނާއި ސުލްހައަށް ނުރައްކާވާފަދަ ގޮތަކަށް ނޭޓޯއާ ގުޅިގެން ޔުކްރެއިން އަމަލުކުރަމުން ގެންދިޔަ މައްސަލައަށްވެސް އަލިއަޅުވާލައްވާފައެއް ނުވެއެވެ. އަދި ޔުކްރެއިންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ އެތައް މިލިޔަން ބައެއްގެ ހައްގުތަކަށް ޔުކްރެއިނުން އަރައިގަތް މައްސަލައާއި ރަޝިއާ ވަށާލުމަށްޓަކައި ނޭޓޯއާ ގުޅިގެން ކުރި މަސައްކަތްތަކަށްވެސް އިޝާރާތް ކުރައްވާފައެއް ނުވެއެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިއާ ޖެހެނީ އެއްވެސް މަގްސަދެއް ހާސިލުނުކުރެވި ބަލިވެގެން ޔުކްރެއިނުން ފައިބަން ކަމުގައެވެ. ރަޝިއާގެ އެއްވެސް މަގުސަދަކަށް ޔުކްރެއިން ބޯނުލަނބާނެ ކަމަށާއި ހަނގުރާމައިގެ ވޭނާއި ކެކުޅުންތަކާއެކުވެސް ރަޝިއާގެ ކުރިމަތީގައި އަމާންނުދީ ޔުކްރެއިން މިނިވަންވަންދެން ހަނގުރާމަ ކުރިޔަށް ގެންދާނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔުކްރެއިންއާއި އެމެރިކާ ގެންދަނީ ރަޝިއާއަކީ ޔޫރަޕްގެ އެހެން ގައުމުތަކަށް ހުރި ބިރެއްގެ ގޮތުގައި އެ ގައުމުތަކަށް ސިފަކޮށްދެމުންނެވެ. އަދި ޔުކްރެއިންގައި ރަޝިއާއަށް ކާމިޔާބު ލިބިއްޖެނަމަ ރަޝިއާ ދެން އަރައިގަންނާނީ ޔޫރަޕްގެ އެހެން ގައުމުތަކަށް ކަމަށް ޔުކްރެއިންއާއި އެމެރިކާ އެގައުމުތަކަށް އިންޒާރުތައް ދެމުން ގެންދެއެވެ.

comment ކޮމެންޓް