ސައިބާ ހަމަލާތަކަކާ ގުޅިގެން ރަޝިއާގެ ތިން ހެކަރުން ސްޕެއިންއިން ހައްޔަރުކޮށްފި

ހެކަރުންގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ---

ސައިބާ ހަމަލާތަކަކާ ގުޅިގެން ސްޕެއިންގެ ފުލުހުން، ރަޝިއާގެ ތިން ހެކަރުން ހައްޔަރުކޮށްފިއެވެ.

ސްޕެއިންގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މީހުން ހައްޔަރުކުރީ ސްޕެއިނާއި އެހެނިހެން ނޭޓޯ ގައުމުތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ މަގުސަދުގައި ސައިބާ ހަމަލާތައް ދިނުމުގެ ތުހުމަތުގައެވެ.

ސިވިލް ގާޑުން ބުނާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން މުހިންމު ދާއިރާތަކަށް ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަވިސް (ޑީޑޮސް) ސައިބާ ހަމަލާތައް ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ. ނަމަވެސް މި ތިން މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާކަން ނުވަތަ ބަންދުގައި ބަހައްޓާފައިވާކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނާ ގޮތުގައި މި ސައިބާ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިވާ ގައުމުތަކުގެ ސަރުކާރުގެ ދާއިރާތަކާއި، މުހިންމު އަސާސީ ވަސީލަތްތަކުގެ ވެބްސައިޓްތަކަށެވެ.

ފުލުހުން ބުނާ ގޮތުގައި މި ހަމަލާތައް ރާވާފައިވަނީ "ނޯނޭމް057(16)" ނަމަކަށް ކިޔާ ހެކްޓިވިސްޓް ގްރޫޕަކުންނެވެ. މި ގްރޫޕަކީ ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން އުފެދުނު އެންމެ ހަރަކާތްތެރި އެއް ގްރޫޕެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ސްޕެއިންގެ މަޔޯކާ ރަށުގެ މަނަކޯ އަދި ދެކުނު ސްޕެއިންގެ ހުއެލްވާ އަދި ސެވިއްޔާ އިންނެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް