ޔޫލިއާ ނަވަލްނީއަކީ ވެސް ޓެރަރިސްޓެއް ކަމަށް ރަޝިއާއިން ކަނޑައަޅައިފި

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ހުވަފަތް އަނބިކަނބަލުން ޔޫލިއާ ނަވަލްނީ -- ފޮޓޯ/އިންލިޝް އަރަބިއާ

ރަޝިއާގެ ރައީސް ވުލަމީޑިއާ ޕުޓިންއާ އެންމެ އިދިކޮޅު ލީޑަރު، އެލްކެސޭ ނަވަލްނީގެ ހުވަފަތް އަނބިކަނބަލުން ޔޫލިއާ ނަވަލްނީއަކީ ޓެރަރިސްޓެއް އަދި ހަރުކަށި ފިކުރުގެ މީހެއް ކަމަށް ރަޝިއާއިން ކަނޑައަޅައިފިއެވެ.

ނަވަލްނީ ވަނީ ޖަލުގައި ހުއްޓައި މަރުވެފައެވެ. ޔޫލިއާ ވަނީ ނަވަލްނީގެ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ރަޝިއާ ސަރުކާރާ އަދި ރަޝިއާއިން ޔޫކްރެއިނަށް ދޭ ހަމަލާތައް ކުށްވެރިކުރާ މީހުން ޓެރަރިސްޓެއްގެ ގޮތުގައި ނުވަތަ ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައި ލޭބަލް ކުރުމަކީ އެ ގައުމުން އާންމުކޮށް ކުރާ ކަމެކެވެ. އެ ގޮތުން، ނަވަލްނީ އުފައްދައިފައިވާ ޖަމުއިއްޔާތަކަކީ ވެސް ހަނދުފަހަނައަޅައިފައިވާ ޖަމިއްޔާތަކެއް ކަމަށް ރަޝިއާއިން ވަނީ ކަނޑައަޅައިފައެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގެ ކޯޓަކުން އަންގާރަ ދުވަހު ވަނީ ޔޫލިއާ ހައްޔަރުކުރުމަށް ވެސް އަމުރުކޮށްފައެވެ. ރަޝިއާގެ އިދިކޮޅު ގިނަ ފަރާތްތަކެކޭ އެއްފަދައިން ޔޫލިއާ ވެސް ދިރިއުޅެނީ ހިމާޔަތް ހޯދައިގެންނެވެ. ރަޝިއާއަށް އަނބުރާ ގޮސްފިނަމަ ޔޫލިއާ ހައްޔަރުކުރާނެ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޖަލުގައި ހުއްޓައި ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީއަށް 2020 ވަނަ އަހަރު އޯގަސްޓު މަހު ރަޝިޔާގެ ސައިބީރިއާއަށް ކުރެއްވި ދަތުރުފުޅެއްގައި 'ނޮވިޗޮކް' ކިޔާ ޒަހަރެއްގެ އަސަރުކުރިއެވެ. މިއީ ރަޝިޔާގެ ޖާސޫސީ އިދާރާތަކުން، ކްރެމްލިންއަށް ފާޑުކިޔާ މީސްމީހުންގެ ދުވަސް ދުއްވާލުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކުރަމުންދާ ޒަހަރެކެވެ. އެ ޒަހަރުދީގެން ނަވަލްނީ މަރާލަން އުޅުނުކަމުގެ ތަހުމަތު ވެސް ރަޝިއާއަށް ވަނީ ކޮށްފައެވެ. ނަމަވެސް އެކަން ރަޝިޔާއިން ދޮގުކުރެއެވެ. އެ ހާދިސާއާ ގުޅިގެން ނަވަލްނީ ވަނީ ޖަރުމަނުވިލާތުން ފަރުވާ ހޯއްދަވައިފައެވެ.

ރަޝިއާ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި، ނަވަލްނީއަކީ އެމެރިކާގެ ޖާސޫސީ އިދާރާ, ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)އިން ރަޝިއާގެ ސަރުކާރާ ދެކޮޅަށް ނެރެފައިވާ މީހެކެވެ. އަދި, އޭނާ ރަޝިއާގެ ސަރުކާރާ ދެކޮޅަށް ތެދު ކުރުމުގެ ބޭނުމަކީ، ސަރުކާރަށް އާންމު ރައްޔިތުންގެ މެދުގައި އޮތް ތާއީދާއި އިތުބާރު ގެއްލުވައިލުން ކަމުގައި ރަޝިއާ ސަރުކާރުން ތުހުމަތުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް