ޑުރަގު އެތެރެކުރި އެމެރިކާ މީހަކު ޖަލަށްލާން ރަޝިއާގައި ހުކުމްކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އެމެރިކާގެ ރައްޔިތަކަށް ރަޝިއާގެ ކޯޓަކުން ވަނީ ޖަލު ހުކުމެއް އިއްވާފައި -- ފޮޓޯ/އިންގްލިޝް އަރަބިއާ

މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވި އެމެރިކާ ރައްޔިތެއް ކަމަށްވާ މައިކަލް ޓްރެވިސް ލީކަށް ރަޝިއާގެ ކޯޓަކުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މޮސްކޯ ކޯޓު ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ ލީކަކީ މިޔުޒީޝަނެއް ކަމަށެވެ.

ލީކަކީ މިހާރު ރަޝިއާއިން ބަންދުކޮށްފައިވާ އެމެރިކާގެ އެތައް ބައެއްގެ ތެރެއިން އެކަކެވެ. އެމެރިކާއިން އަންނަނީ ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ގޮވައިލަމުންނެވެ. ރަޝިއާއާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވެފައިވަނީ ފިނި ހަނގުރާމައަށް ފަހުއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިއާގައި ހުންނަ އެމެރިކާ އެމްބަސީއަށް އެ މައްސަލައިގައި މައުލޫމާތު ހޯދުމަށް ގުޅުމުން ޖަވާބެއް ލިބިފައެއްނުވެއެވެ.

އުމުރުން 50 އަހަރުގެ ލީކަކީ ރޮކް ބޭންޑް "ލޯވީ ނޮޗް" (ކެޗް ދަ ނައިޓް)ގެ ކުރީގެ ލަވަކިޔުންތެރިއެކެވެ. މީގެ ކުރިން މޮސްކޯގައި އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށް ރަޝިޔާގެ ބޭންޑްތަކަށް ލަވަ ތަރުޖަމާކުރުމުގައި އެހީތެރިވެދީފައިވެއެވެ.

އެމެރިކާގެ އެހެން ރައްޔިތެއް ކަމަށްވާ ރޮބަޓް ރޮމަނޯވް ވުޑްލެންޑްއަށް ވެސް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި މި މަހުގެ ކުރީކޮޅު ރަޝިޔާގެ ކޯޓަކުން ވަނީ 12 އަހަރަށް ލާން ހުކުމްކޮށްފައެވެ.

comment ކޮމެންޓް