ތަޢުލީމީ ފަންޑާއި ސްކޮލާޝިޕުން ވީ ޚިޔާނާތް

މި މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ މުސްތަޤުބަލުގައި ދަރިވަރުންނަށް ތަޢުލީމީ ލޯނު ދިނުމަށް ޓަކައި ޓްރަސްޓް ފަންޑެއް އުފައްދަވައިފައި ވާކަމަށް ވިދާޅުވެފައެވެ. ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމެއްގައި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވި ގޮތުގައި، ތަޢުލީމީ ލޯނު މިހައިތަނަށް ދެވިފައި ވާ ދަރިވަރުން ލޯނު އަނބުރައި ދެއްކުމުން އެ ފައިސާ ދެން ޖަމާ ވާނީ މި ދެންނެވި ފަންޑަށެވެ. އެގޮތުން ފަންޑަށް ޖަމާ ވާ ފައިސާއިން ކުރިމަގުގައި އިތުރު ދަރިވަރުންނަށް ލޯނު ދެވޭނެއެވެ.

އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ވެސް ދަރިވަރުންނަށް ސްކޮލަރޝިޕް ދިނުމަށް ޓަކައި ސްކޮލަރޝިޕް ސެކްޝަނެއް އޮތެވެ. ފަހުން ރައީސް މައުމޫން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އުފައްދަވައި، އަލްފާޟިލް ޢަބްދުﷲ ޔާމީން އެ ވުޒާރާގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގައި ލޯނާއި ސްކޮލަރޝިޕް ދިނުމަށް ޓަކައި ޚާއްޞަ ފަންޑެއް އޮތެވެ. ދައުލަތުގެ ބަޖެޓުން އެ ފަންޑަށް ކޮންމެ އަހަރަކު ވެސް ވަކި ވަރެއް ކަނޑައަޅަމުން ގެންދިޔަ އިރު، އެ ފަންޑުން ލޯނު ދެވޭ ދަރިވަރުން ކިޔަވައި ނިމިގެން ލޯނު ދެއްކުމުން ދައުލަތަށް ލިބޭ ފައިސާ ވެސް އެ ފަންޑަށް ލެވިފައި ވެއެވެ. އެހެންކަމުން، ޑރ. އިބްރާހީމް ޙަސަން އެ ވިދާޅުވި ފަންޑަކީ ޙަޤީޤަތުގައި މާ ކުރީއްސުރެ ވެސް އޮތް ފަންޑެކެވެ. ގެންނެވި ބަދަލެއް ކަމަށް ފެންނަނީ ދައުލަތުގެ ބަޖެޓުން ފަންޑަށް ފައިސާ ލެއްވެވުމުގެ ބަދަލުގައި ލޯނު ދެވޭ ދަރިވަރުން ކިޔަވައި ނިމިގެން އައިސް ލޯނު ދެއްކުމުން ލިބޭ ހުރިހާ ފައިސާއެއް ތަޢުލީމީ ލޯނު ދޭ ޓްރަސްޓް ފަންޑަކަށް ޖަމާ ކުރެއްވުން ކަމަށް ފެނެއެވެ. މި ކަންކަމާ ބެހޭ އިތުރު ތަފްޞީލެއް ވަޒީރު ނުދެއްވައެވެ.

ތަޢުލީމީ ލޯނު ދެވޭ ދަރިވަރުން ކިޔަވައި ނިމިގެން އެނބުރި އައިސް ލޯނު އަނބުރައިދެއްކުމުން އެ ފައިސާ ތަޢުލީމީ ފަންޑަކަށް ލައިގެން، އެ ފައިސާއިން އިތުރު ކުދީންނަށް ލޯނު ދިނުމަކީ ރަނގަޅު ގޮތެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ތަޢުލީމީ ފަންޑަށް އިތުރު ގޮތްގޮތުން ވެސް ފައިސާ ހޯދުން ވަރަށް މުހިއްމެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން އަހަރަކު ވަކި މިންވަރެއް އެބަ ޚާއްޞަ ކުރެވެއެވެ. މި އަހަރު ވެސް ޕާޓީތަކަށް 36.89 މިލިއަން ރުފިޔާ ބަޖެޓުން އެބަ ދެވެއެވެ. މިއީ ކަނޑައެޅިގެން ޤައުމާއި ރައްޔިތުންނަށް ގެއްލުން ހުރި ގޮތުގައި ކުރެވޭ އިސްރާފު ކަމުގައި ވާއިރު، މި ފައިސާ ދިނުން ހުއްޓައިލައި، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު މަދު ވެގެން 2 އިންސައްތަ މަތީ ތަޢުލީމުގެ ފަންޑަށް ޖަމާ ކުރުމުގެ މުހިއްމުކަން ބޮޑެވެ. ހަމައެޔާއެކު، ރާއްޖޭގައި ވިޔަފާރި ކުރާ ކުންފުނިތަކުގެ ތެރެއިން ވަކި ވަރަކަށް ވުރެ ބޮޑު ފައިދާއެއް ލިބޭ ކުންފުނިތަކުން "ކޯރޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން ކޮންމެ އަހަރަކު އެ ކުންފުނިތަކުގެ ސާފު ފައިދާގެ 3 އިންސައްތައެއްހައި މިންވަރު އެ ފަންޑަށް ލާން ޖެހޭ ގޮތަށް ޤާނޫނު ހެދުމަކީ ވެސް ރަނގަޅު ގޮތަކަށް ވާނެއެވެ. މީގެ އިތުރުން، ފެށުނީއްސުރެ ދިވެހިރާއްޖެއަށް އެހީތެރި ވާ، އަދި އަމިއްލަ އެދުންތަކާއި އިސްތިޢުމާރީ އެޖެންޑާތަކެއް ނެތި އިޚްލާޞްތެރިކަމާ އެކު ޤައުމުތަކަށް އެހީތެރި ވާ ޖަޕާނާއި ދެކުނު ކޮރެޔާ އާއި ކުވައިތާއި ޤަޠަރާއި ބަޙްރައިނު ފަދަ ޤައުމުތަކުން އެކަށީގެންވާ ފަދަ އެހީތެރިކަމެއް ހޯދޭ ވަރުގެ ބުއްދި އާއި އަޚްލާޤު ހުރި ބަޔަކު ޤައުމުގެ ހުންގާނުގައި ތިބެގެން އެކަން ކޮށްފިއްޔާ، ރާއްޖޭގެ ތަޢުލީމީ ފަންޑަކީ ފުދިއިތުރުވާ ވަރަށް ފައިސާ ހުންނަ ފަންޑަކަށް ވާނޭކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އަލިފުދާލު ޖަމްޢިއްޔާގެ އިދާރާތަކުގެ ތެރެއިން ޔުނެސްކޯ އާއި ޔުނިސެފަކީ ވެސް ހެޔޮ ގޮތުގައި އަދި އިޚްލާޞްތެރި ގޮތެއްގައި ޤައުމުތަކަށް ތަޢުލީމީ ދާއިރާ ފަދަ ދާއިރާތަކުން އެހީތެރިކަން ދޭ އިދާރާތަކެވެ.

ޔޫއެންޑީޕީ މޯލްޑިވްސް އަކީ މިއާ މުޅީން ޚިލާފަށް، އަޅުގަނޑުމެންގެ ދީނާއި ސަގާފަތާއި އަގުތައް ފުނޑުފުނޑު ކޮށްލުމުގެ ނުބައި އެޖެންޑާއެއްގައި މަސައްކަތް ކުރާ ފިކުރީ އިސްތިޢުމާރީ ތަނެއްކަމާއި، މިތަން މިހާރު ރާއްޖޭގައި ހިނގަމުންދާ ގޮތް މުޅީން ބަދަލު ކުރާން ޖެހޭކަން މި ދަނޑިވަޅުގައި ފާހަގަ ކުރަމެވެ.

މިކަމާ ގުޅިގެން ދެން ދައްކާން އޮތް ވާހަކަ އަކީ، ތަޢުލީމީ ފަންޑުންނާއި ސަރުކާރުގެ ނިޒާމުގެ ތެރެއިން ދެވޭ އެކިއެކި ސްކޮލަރޝިޕްތަކާއި ތަޢުލީމީ ލޯނުތައް ލިބޭ ދަރިވަރުން ކިޔެވުމަށް ފަހު ކަންތައް ކުރާ ގޮތުގެ ވާހަކައެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގެ އަލީގައި ތަފާސްހިސާބުތަކަށް ބަލައިލުމުން، ތަޢުލީމީ ލޯނު ދެވޭ ކުދީންގެ ތެރެއިން އެތައް ކުދީންނެއް އެ ފައިސާ ނުދައްކާކަން އެނގެއެވެ. ދިވެހި ސަރުކާރުން ސްކޮލަރޝިޕް ދިނުމުން، އެ ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރަށް ގޮސް ކިޔެވުމަށް ފަހު ދައުލަތަށް ވެސް އަދި ޤައުމަށް ވެސް ޚިދުމަތް ނުކުރާ ދަރިވަރުންގެ މައްސަލަ އަކީ އަދި މާ ބޮޑު މައްސަލައެކެވެ. ކަމާބެހޭ ރިކޯޑުތައް ނަގައިގެން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނޭ ފަދައިން، ދިވެހި ދައުލަތުން ދިވެހި ރައްޔިތުންގެ ފައިސާއިން މިލިއަނުން އަގު ކުރެވޭ ވަރުގެ އެތައް ސަތޭކަ ސްކޮލަރޝިޕެއް ފާއިތު ވެދިޔަ ފަސްދޮޅަހަކަށް ހަތްދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދީފައި ވާ އިރު، އެ ސްކޮލަރޝިޕްތަކުގައި ކިޔެވި އެތައް ބަޔަކު ތިބީ ޤައުމުން ބޭރަށް ދިޔަ ގޮތަށް، ކިޔެވި ތަންތަނުން ވަޒީފާ ހޯދައިގެން ވަކި ހިސާބަކުން އެ ތަންތަނުން ރައްޔިތުކަން ވެސް ހޯދައިގެން އެ ތަންތަނުގައެވެ. އޭގެ ތެރެއިން އެތައް ބަޔަކު އެ ތަންތަނުގައި ގެދޮރު އަޅައި އެ ތަންތަނުގައި އެމީހުންގެ ޢާއިލާތައް ޤާއިމު ކޮށް، އެމީހުންގެ ދަރީންނަކީ ދިވެހި ޤައުމާ ޤައުމިއްޔަތުގެ އެއްވެސް ގުޅުމެއް ޙަޤީޤަތުގައި ނެތް ބިދޭސީންތަކަކަށް ވެސް ވަނީ ވެފައެވެ.

ކޮލޮމްބޯ ޕްލޭނުގެ ދަށުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ލިބުނު ސްކޮލަރޝިޕްތަކުގެ ތާރީޚުން ފެށިގެން، މިއަދާ ހަމަޔަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްތަކާ ހަމަޔަށް ބެލިޔަސް، ފެންނަނީ މި ދެންނެވި މަންޒަރެވެ. މަދު ބަޔަކު މެނުވީ ރައްޔިތުންގެ ފައިސާއިން ކިޔަވައިގެން މޮޅު ވެގެން އެނބުރި އައިސް ރައްޔިތުންނާއި ޤައުމަށް ހެޔޮ ގޮތުގައި ޚިދުމަތް ކުރި ތަނެއް ނުފެނެއެވެ.

މިއީ ބޮޑު ޚިޔާނާތެއް އަދި ކަނޑައެޅި ބަޔާންވެގެންވާ ޓެކުމެއް ނުވަތަ ފޭރުމެއް ކަމުގައި ނުވާނޭ ހަމަ އެއްވެސް ގޮތެއް ނެތެވެ. ދައުލަތުގެ ފައިސާ ނުޙައްޤު ގޮތުގައި ބޭނުން ކުރުމަކީ ހަމައެކަނި އެމްއެމްޕީއާރުސީ ނުވަތަ އެފްޕީއައިޑީގެ ތިޖޫރީގައި ހުންނަ ފައިސާތައް ނެގުމެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ފައިސާއިން ހިލޭ ގުރޭޑު އެކަކުން ބާރައަށް ކިޔަވައި، އަދި އޭގެ މައްޗަށް ދިވެހި ރައްޔިތުންގެ ފައިސާއިން އިނގިރޭސި ވިލާތުންނާއި އޮސްޓްރޭލިޔާއިންނާއި ނިއު ޒިލޭންޑުން އަގުބޮޑު ޔުނިވަރުސިޓީތަކުން ކިޔަވައިގެން މޮޅެތި ފާސްތައް ލިބުނީމާ، އެނބުރި ޤައުމަށް ނައިސް، ޤައުމަށް ޚިދުމަތް ނުކޮށް، ބޭރު ޤައުމުތަކުގައި ވަޒަންވެރި ވެގެން އެ ޤައުމުތަކަށް ޚިދުމަތް ކުރުމަކީ ވެސް ހަމަ ޚިޔާނާތެވެ. އެއީ ޚިޔާނާތް ކަމުގައި ނުވާނޭ އެއްވެސް ގޮތެއް ނެތެވެ.

މި ދެންނެވި މައްސަލައަށް ވެސް ބިނާ ކުރަނިވި ޙައްލެއް ހޯދާން ޖެހެއެވެ. އެއް ގޮތަކީ މި ދެންނެވި ގޮތަށް ރާއްޖެއިން ބޭރުގައި ތިބި މީހުން އެނބުރި ޤައުމަށް އައިސް ޤައުމުގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް އަންގައި، އެ އެންގުން ރަނގަޅު ގޮތުގައި ތަންފީޛު ކުރުމެވެ. އެހެން ނޫނިއްޔާ، އޮތް ގޮތަކީ އެމީހުންނަށް ދައުލަތުން ކުރި ހުރިހައި ހޭދައެއް، އިންފްލޭޝަނަށް ބެލިފައި ވާ ރޭޓަކުން، އަނބުރައި އަތުލުމެވެ. އެ ހިސާބަކުން ނިމިގެން ނުވާނެއެވެ! އެއިން ކޮންމެ މީހަކު މެ، ރައްޔިތުންގެ ފައިސާއިން ބޮޑެތި ޚަރަދުތައް ކޮށްފައި ކިޔަވާން ފޮނުވުނީ އެ މީހަކު ކިޔަވައިގެން އައުމަށް ފަހު، ޤައުމަށް ނުހަނު ބޭނުންތެރި ވެފައި ވާ ޚިދުމަތެއް އެމީހަކުގެ ފަރާތުން ލިބުމުގެ އުއްމީދުގައެވެ. ވީމާ، ކިޔަވައި ނިންމައިފައި އެ މީހަކު ޤައުމަށް ނައުމުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން އިތުރު މުއްދަތެއް ހޭދަ ކޮށްގެން އިތުރު ޚަރަދުތަކެއް ކޮށްގެން އޭނާގެ ބަދަލުގައި އެހެން މީހަކަށް ކިޔަވައިދޭން ޖެހުމުން، ލިބޭ ގެއްލުމުގެ ބަދަލު ވެސް ވާނީ ފުރިހަމަ ގޮތުގައި ހިފާށެވެ! މި ނޫން ގޮތަކަށް މިކަން ގެންދިޔުމަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެކެވެ.

މި ދެންނެވި ގޮތުގެ މަތީން، ރާއްޖެއިން ބޭރުގައި ތިބި މީހުންގެ އަތުން ނެގެވޭ ފައިސާ އަކީ ވެސް އެއްކަލަ ޓްރަސްޓް ފަންޑަށް ލެވޭން ޖެހޭ ފައިސާއެވެ.

އެޔާއެކު، ދެން ކުރާން ޖެހޭ ކަމަކީ ދިވެހި ދައުލަތުގެ ނިޒާމުގެ ތެރެއިން އެއްވެސް މީހަކަށް ސްކޮލަރޝިޕެއް ދެންޏާ، ކުޅިވަރަކަށް ނުވާ ވަރުގެ ހަރުދަނާ އެއްބަސްވުމެއްގެ ދަށުން، ކިޔަވައި ނިމިގެން އައިސް ޤައުމަށް ޚިދުމަތް ކުރުން ޝަރުޠު ކުރުމެވެ. އެކަން މަޖުބޫރު ކުރުމެވެ. ދައުލަތުގެ ސްކޮލަރޝިޕެއްގައި ކިޔެވުމަށް ފަހު، ބަލި ވުން ފަދަ ޢުޒުރެއް ކުރިމަތި ނުވަނީސް ޤައުމަށް ޚިދުމަތް ނުކުރުމަކީ އަދަބު ދެވޭ ޖިނާއީ ކުށަކަށް ހެދުމެވެ. އެ ޒިންމާއިން ރެކެވޭނޭ ހަމައެކަނި ގޮތަކީ، އެ މީހަކު ކިޔެވުމަށް ކުރި ޚަރަދާއި، އެ މީހަކު ކިޔަވައިގެން އައިސް ވަގުތުން ޚިދުމަތަށް ނުނުކުތުމުން، އޭނާ ހުންނާން ވީ ޚިދުމަތުގެ މަޤާމަށް މީހަކު ލިބުން ލަސް ވެގެން ޤައުމަށް ލިބޭ ގެއްލުމުގެ ބަދަލަށް ފުދޭވަރުގެ ޢަދަދެއް ދައުލަތަށް ދެއްކުން ކަމަށް ކަނޑައެޅުމެވެ. އަދި މި އުޞޫލުތައް ހަރުދަނާ ގޮތެއްގައި ޤާނޫނުގައި ލިޔުމަށް ފަހު މޫނަށް ކަނދުރާއަށް ނުބަލައި އެ ޤާނޫނުތައް ތަންފީޛު ކުރުމެވެ.

ދިވެހި ޤައުމަށް ވުރެ ބޮޑު ވާން ޖެހޭ އެކަކު ވެސް ނުހުންނާނެއެވެ. ދިވެހި ޤައުމުގެ މަޞްލަޙަތަށް ވުރެ އެ މީހެއްގެ އަމިއްލަ މަޞްލަޙަތު އިސް ވާން ޖެހޭ އެކަކު ވެސް ނުހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް