ރާއްޖޭގެ އެއްވެސް ހިސާބަކުން މުރަކަ ހުދުވާކަން ފާހަގަކުރެވިއްޖެ ނަމަ އެކަން ރިޕޯޓުކުރުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި)އިން އެދިއްޖެއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ކަނޑުތަކުގައި ގައު ހުދުވުމުގެ ހާދިސާތައް ހިނގާފާނެކަމަށް ލަފާކޮށް އެ އިންސްޓްޓިއުޓުން ބުނީ މި އަހަރު ގާ ހުދުވެފައިވާ ތަންތަން މިހާރުވެސް ފެންނަން ފަށާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށެވެ.
އެގޮތުން ނެޝަނަލް އެންވަޔަރަމެންޓަލް ސެޓްލައިޓް ޑޭޓާ އެންޑް އިންފޮމޭޝަން ސާވިސްއިން ދައްކާގޮތުގައި މިވަގުތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް އޮތީ ގާ ހުދުވުމުގެ ގިންތި ބައިނަލްއަގްވާމީ ގޮތުން ގިންތިކުރާ މިންގަނޑުގެ "ނޯ ސްޓްރެސް" ލެވެލްގައެވެ. ކުރިއަށް އޮތް އަށް ހަފުތާ ތެރޭގައި މި ލެވެލް "ވޮޗް ލެވެލްއަށް" އަރާނެކަމަށާއި، ކުރިއަށް އޮތް ނުވަ ހަފުތާއާއި 12 ހަފުތާއާ ދެމެދު މި ގިންތި އެލާޓް ލެވެލް 1 އަށް އަރާނެކަމަށް އެމްއެމްއާރްއައި އިން އަންދާޒާ ކޮށްފައިވެއެވެ.
ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު، އާދަޔާ ޚިލާފަށް ދުނިޔެ ހޫނުވުމެވެ. އެއިދާރާއިން ބުނީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ ކަމަކަށް ވާތީ ފަރުތަކުގެ ގާތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެކަމަށެވެ.
އެހެންކަމުން މިކަމުން އަރައިގަތުމަށް ފަރުތައް ހުދުވަމުންދާ ސަރަޙައްދުތައް ދެނެގަނެވި އިންސާނުންގެ ފަރާތުން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވިގެން ނޫނީ ފަރުތައް ހުދުވަމުންދިޔުމުގެ ސަބަބުން ލިބޭ ގެއްލުން އިޔާދަވުން ވަރަށް ބޮޑަށް ލަސްވެގެންދާނެކަމަށް ވެސް އެމްއެމްއާރްއައި ބުނެފައިވެއެވެ.
މީގެއިތުރުން، އެ އިދާރާއިން ބުނީ މިދުވަސްވަރު ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން 1998 ވަނަ އަހަރަށްފަހު މިފަދަ ކަންކަން ހިނގުން އަވަސްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި ކުރިމަތިވި ގާ ހުދުވުމުގެ ހާދިސާއެވެ. އެ އަހަރު 73 އިންސައްތަ މުރަކަ ހުދުވެފައިވެއެވެ.
އެލްނިނޯއަކީ އާންމު ގޮތެއްގައި ތިން އަހަރާއި ހަ އަހަރާއި ދޭތެރޭގައި ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލެކެވެ. އާންމު ގޮތެއްގައި އެލްނީނޯގެ އަސަރު ފުރަތަމަ ފެންނަން ފަށަނީ އިކުއިޑޯގެ ހިސާބުގަނޑުގެ ކަނޑުގެ ހޫނުމިން މަތިވެ ދުނިޔޭގެ ހުޅަނގަށް ދާން ފެށުމުންނެވެ.