ފަހަތަށް އެޅި ފިޔަވަޅަކީ އިތުރު ގޮތެއް ނުދައްކައި ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރުން: މިނިސްޓަރު

ޕްލާސްޓިކް ހޮޅި: ފަހަތަށް އެޅި ފިޔަވަޅަކަށް ވީ އިތުރު ގޮތެއް ނުދައްކައި ޕްލާސްޓިކް ހޮޅި މަނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި --

ފަހަތަށް އެޅި ފިޔަވަޅަކަށް ވީ އިތުރު ގޮތެއް ނުދައްކައި ކުރީ ސަރުކާރުން ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރުން ކަމަށާއި ރާއްޖެ އެތެރެކުރާ ކަރުދާސް ހޮޅީގެ ފެންވަރު ބެލޭނެ ގޮތެއް އަދި ނެތް ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިތުރު ގޮތެއް ނުދައްކައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޕްލާސްޓިކް ހޮޅި ފުރަތަމަ ވެސް މަނާކުރީ ކަމަށެވެ. އެގޮތަށް ޕްލާސްޓިކް ހޮޅި މަނާކޮށް، ޕްލާސްޓިކް ގިނަވާ މައްސަލައަށް އެކަށީގެންވާ ހައްލެއް އައިހެން ހީނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޕްލާސްޓިކް ހޮޅި މަނާކޮށްފައި އޮތް އޮތުން ބަދަލުކުރީ ކީއްވެތޯ ބައެއް މީހުން ސުވާލުކުރި ކަމަށެވެ.

"އަޅުގަނޑުގެ އާގިއުމެންޓަކީ މިކަމުގައި ފަހަތަށް އަޅާ ފިޔަވަޅަކަށް ވަނީ އޮލްޓަނޭޓިވް އޮޕްޝަނެއް ނުދައްކައި މުޅި އެތި ބޭންކުރުން، އެއީ ފަހަތަށް އަޅާ ފިޔަވަޅަކަށް ނުވޭތޯއޭ، އެހެން ގޮތެއް ދައްކަންވާނެތާއޭ މިކަމުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެކި ކެފޭތަކާއި ރެސްޓޯރަންޓުތަކުގައި ވެސް ހުންނަނީ އެކި ފެންވަރުގެ ކަރުދާސް ހޮޅިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮލިޓީ ރަނގަޅު ކަރުދާސް ހޮޅިތައް ވެސް ބައެއް ރެސްޓޯރަންޓުތަކުގައި އެބަހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

"އެ އެތެރެކުރާ ހޮޅި އަޅުގަނޑުމެންނަކަށް ނެތް އެ ބެލޭނެ ގޮތެއް ވެސް، ކޮންކަހަލަ ކޮން ކޮލިޓީއެއްގެ ހޮޅިތޯ މިއީ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކް ހޮޅި އަލުން ހުއްދަކުރީ އިތުރު ގޮތްތަކެއް ހުރެދާނެ ކަމަށް ވިސްނައިފައި ކަމަށެވެ.

ކަރުދާސް ހޮޅި އުފައްދާ ބައެއް ހޮޅިތަކުގެ ތަހުލީލުތަކުގައިވާ ގޮތުން ސިއްހަތަށް ނުރައްކާވާ ބައެއް މާއްދާތައް ހުރިކަން ވެސް ފާހަގަވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ މީތީގަ ބެލީ މިފަހަރު އޭތި ހުޅުވައިލައިފައި މި އޮޕްޝަންސްތައް ވެސް ދީފައި އަދިވެސް މީގަ އިތުރު ވަގުތުތަކެއް ނަގައިގެން މިކަން އިތުރަށް މިއަށް ވުރެ ރަނގަޅު ކޮލިޓީއެއްގެ ހޮޅި ގެނެވޭތޯ ބަލަން،" މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/227703

ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން އަލުން ހުއްދަކޮށް އެއް ލީޓަރާއި ބައި ލީޓަރާ ދެމެދުގެ ފުޅި މަނާކުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ފަސްކުރެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެ ޕާޓީގެ ދެވަނަ ސަރުކާރުގައި 2020ވަނަ އަހަރު ތައާރަފުކުރި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ސިޔާސަތުގެ ދަށުން ޕްލާސްޓިކް ހޮޅި ހިމެނޭހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބައެއް ބާވަތްތައް އެތެރެކުރުން މަނާކުރުމަށް އަމަލުކުރަން 2021 ވަނަ އަހަރުގެ ޖޫން މަހު ފަށައި، އެ ސިޔާސަތު ތަންފީޒުކުރަމުންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކޮށްފައެވެ.

https://sun.mv/227899

އެ ސިޔާސަތާއެކު ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި އާންމު ތަންތަނުން ޕްލާސްޓިކު ކުނިބުނި ފެންނަ މިންވަރު ވެސް ކުޑަވެފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ނިންމި ނިންމުމަކީ އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން ތަންފީޒުކޮށް އެކަމަށް އާދަވެފައިވާ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސައިލުން ކަމަށް، އެމްޑީޕީން ވަނީ ސިފަކޮށްފައެވެ ސަރުކާރުން މިގޮތަށް އެކަށީގެންވާ ސަބަބެއްނެތި ސިޔާސަތުތައް ބަދަލުކުރުމުގެ ސަބަބުން ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ރާއްޖެއަކީ އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ގިނަގިނައިން ބޭނުންކުރާ، އެފަދަ ކުނި އިތުރުވުމުގެ މައްސަލަ ބޮޑުވެފައިވާ ގައުމެކެވެ.

މިދިޔަ މަހު ސަރުކާރުން ވަނީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓައިލާފައެވެ. އެހެން ހެދުމުން ހޯލްސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ދެން ނުނަގާނެއެވެ. ނަމަވެސް އެހެން ހެދުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް، ކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ބިލުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް