މި ސަރުކާރުން އިޔާދަކުރުވަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީ 53 މެގަވޮޓުން 126 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށާއި މި ނިޒާމުގެ ތެރެއިން 3.1 މިލިއަން ލީޓަރުގެ ޑީސަލް އަހަރަކު ބޭނުންކުރުން މަދުވާނެ ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ މި މުއްދަތުގެ ތެރޭގައި އިޔާދަކުރުވަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީ 53 މެގަވޮޓުން 126 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ރ. އަތޮޅާއި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 23 ރަށެއްގައި ޖުމުލަ 6.5 މެގަވޮޓުގެ ސޯލާ ޕީވީއާއި ގަޑިއަކު 10 މެގަވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖު ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ދެން މި ނިޒާމުތައް ގާއިމުކުރެވިގެން ދާއިރުގަ އަހަރަކު 3.1 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންކުރުން ގާތްގަނޑަކަށް މަދުކުރެވިގެން އެބަދޭ، އަދި އަހަރަކު 8،400 ޓަނުގެ ކާބަން ޑައޮކްސައިޑް ޖައްވަށް ދޫކުރެވޭ މިންވަރު މަދުކުރެވިގެން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ރ. ރަސްމާދުއާއި އެ އަތޮޅުގެ ވާދުއާއި ކިނޮޅަހުގެ އިތުރުން ބ. ކުޑަރިކިލުގެ އިންޖީނުތައް ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިވައިލައި އެ ރަށްރަށަށް އިޔާދަކުރުވަނިވި ހަކަތަ މެދުވެރިކޮށް ކަރަންޓު ދޫކުރި ކަމަށެވެ.
އެހެންކަމުން އެ ރަށްރަށުގައި ކަރަންޓު ދިނުމަށް ބަހައްޓައިފައި ހުރި އިންޖީނުތަކަށް ބޭނުންވާ ތެލަށް ކުރާ ޚަރަދު ވެސް މަދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ ޖުމުލަ 115 މެގަވޮޓުގެ ކެޕޭސިޓީ ހިމެނޭ 157 ޖަނަރޭޓަރެއް އެކި ރަށްރަށުގައި ބަހައްޓައި ރަށްރަށުގެ ތަރައްގީއާއެކު އިތުރުވަމުން ދާ ޑިމާންޑަށް އައު ހަ އިންޖީނުގެއެއް ވާނީ އިމާރާތްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ޓަކައި ނިންމަވައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ ޑިސެންބަރު 1، 2023ގައި އޮތް ކޮޕް28 ސަމިޓުގައި ތަގުރީރުކުރައްވަމުންނެވެ. ފަސް އަހަަރަށް ކަނޑައަޅައިފައިވާ އަމާޒަށް ވާސިލްވުމަށް ޓަކައި 600 މިލިއަން ޑޮލަރު ބޭނުންވާ ކަަމަށާއި ބައިނަލްއަގްވާމީ ދުނިޔޭގެ ކިބައިން އެ ކަމުގައި އެހީތެރިކަަން ބޭނުންވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.