ނޭޕާލުގެ ބޮޑުވަޒީރު ބާލެންދުރަ ޝާހު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން، މޫސުމީ ބަދަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވައިފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ 81 ވަނަ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާ ފަދަ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ އިތުރުން އެހެން ސަރަހައްދުތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
https://x.com/sidhant/status/2103294975790460944
ބައިނަލްއަގުވާމީ ނިޒާމު އޮތް ގޮތަށް ފާޑުވިދާޅުވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަތިޔާރު ފަސޭހަކަމާއެކު އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރެވޭއިރު، ފަގީރު ގައުމުތަކަށް ކާބޯތަކެއްޗާއި ތެލާއި ގަސްކާނާ ހޯދުމަށް ވަނީ ދަތިވެފައެވެ.
"އަޅުގަނޑުމެން މިވަނީ ހަނގުރާމައަށް ފުރިހަމަ ލޮޖިސްޓިކްސް އޮތް، ނަމަވެސް ކާބޯތަކެއްޗަށް ލޮޖިސްޓިކްސް ހަލާކުވެފައިވާ ދުނިޔެއެއް ބިނާކޮށްފައި،" ޝާހު ވިދާޅުވިއެވެ.
މި ސަރަހައްދުގެ ގައުމުތަކަށް ގެއްލުން ލިބެމުންދަނީ އެ ގައުމުތަކުން ހޫނުނުކުރާ މޫސުމަކާއި، އެ ގައުމުތަކުން ނުފަށާ ހަނގުރާމަތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހުގެ މި ތަގުރީރު އައިސްފައިވަނީ، މީގެ ހަތަރު ހަފުތާ ކުރިން ނޭޕާލުގެ ފަރުބަދަމަތީ ސަރަހައްދުތަކަށް ކުރިމަތިވި ބޯޓޭކޯޝީ-ތުރިޝޫލީ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ބައިނަލްއަގުވާމީ އެހީތެރިކަމަށް އެ ގައުމުން އެދެމުންދާ ދަނޑިވަޅެއްގައެވެ. އެ ކާރިސާގައި 1،400 އަށް ވުރެ ގިނަ މީހުން މަރުވެ، 6،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، މިއީ މޫސުމީ ބަދަލުތަކުގެ ނުރައްކާތެރިކަން އަންގައިދޭ އިންޒާރެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި އެ ކާރިސާގެ ސަބަބުން ލިބުނު ގެއްލުން ނޭޕާލުގެ ޖީޑީޕީގެ 10 އިންސައްތައާ ގާތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 0.1 އިންސައްތައަށް ވުރެ މަދު މިންވަރެއް ނޭޕާލުން ހިއްސާކުރި ނަމަވެސް، މޫސުމީ ކާރިސާގެ ވަރަށް ބޮޑު އަގެއް އެ ގައުމުން ދައްކަންޖެހިފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ނޭޕާލާއި އިންޑިއާ އަދި ޗައިނާ އިސްވެ އޮވެ "ހިމާލަޔަން ކްލައިމެޓް ރެޒިލިއެންސް މެކޭނިޒަމް" އެއް ގާއިމުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.
މީގެ ބޭނުމަކީ ސެޓެލައިޓް ޑޭޓާ ހިއްސާކުރުމާއި، ނުރައްކާތެރި ގްލޭޝިއަލް ކުޅިތައް މޮނިޓަކުރުމާއި، ކާރިސާތަކުގައި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ.
މޫސުމީ އަދާލަތަކީ ހަމައެކަނި މާލީ އެހީތެރިކަން ނޫން ކަމަށާއި، ކުދި ޖަޒީރާ ގައުމުތަކާއި ބިންބަންދު ގައުމުތަކުގެ އިތުރުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ބައިނަލްއަގުވާމީ ނިންމުންތަކުގައި ބަސްބުނުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ނޭޕާލުގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
ޝާހުގެ ތަގުރީރުގައި ރާއްޖޭގެ ނަން ފާހަގަކުރައްވާފައިވާއިރު، ރާއްޖެއިން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމާ ގުޅޭގޮތުން ވަކާލާތުކުރަމުންނެވެ. މި ހަފުތާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސް ހަލީލުއްރަހްމާނާ ބައްދަލުކުރައްވައި، ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކާއި، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.