އުމުރުން 84 އަހަރުގެ ސިހުރުވެރިއަކު ގޭގައި ބަންދުކުރުމަށް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
ނ. ހޮޅުދޫ, ޖޭމުގަސްދޮށުގެ, އަލީ އުމަރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީސް (ޕީޖީ) އިން އުފުލާފައިވަނީ ރާއްޖެއަށް ގެނައުން މަނާތަކެތި ރާއްޖޭގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
އޭނާގެ މައްޗަށް އެ ދައުވާކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު ފުލުހުން އޭނާ ދިރިއުޅޭ ކޮޓަރި ބަލާފާސްކުރިއިރު އޭނާ ނިދާ އެނދުމަތިން ސިހުރަހާހޫރަ ހަދަން ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ ލިޔުންތަކެއް ފެނިގެންނެވެ.
ދައުލަތުގެ ދައުވާއަށް އިންކާރުކުރަމުން އަލީ އުމަރު ބުނީ އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު އޭނާ ހުރީ ކޮޓަރިން ބޭރުގައި ކަމަށާއި އެތަނުން ފެނުނުކަމަށް ބުނާ ފޮތްތަކަކީ ކޮޓަރީގެ ތެރެއިން ފެނުނު ފޮތްތައް ކަން ޔަގީން ނުވާ ކަމަށެވެ.
އޭގެ އިތުރުން ކޮޓަރި ތެރޭގައި ހުރި ފޮތްތަކީ އޭނާގެ ބޭބެގެ ފޮތްތަކެއް ކަމަށާއި ބޭބެ ނިޔާވުމުން އެ ފޮތްތައް ގެންގުޅުނީ އޭނާ ކަމަށް އަލީ އުމަރު ވަނީ ބުނެފައެވެ. އަދި އޭގެ ތެރޭގައި ސިހުރާއި ފަންޑިތަ ހަދަން ބޭނުންކުރާ ޒާތުގެ ފޮތްތައް ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުން ނަމަ އެ ފޮތްތަކަކީ ސަރުކާރުން ޗާޕްކޮށްފައި ނެރުމުން ގަނެފައިހުރި ފޮތްތަކެކެވެ. ދެންހުރީ ބޭބެއަށް މީހަކު ދީފައި ހުރި ފޮތްތަކެއް ކަމަށް އޭނާ ބުންޏެވެ.
"އެ ފޮތްތަކުގެ ތެރޭގައި ދެ ފަންޑިތަ ފޮތް އޮންނާނެ. އެއީ މަސްވެރިކަމުގެ ކަންކަމާ ގުޅޭ ފަންޑިތަ ދެ ފޮތް," އަލީ އުމަރު ކޯޓުގައި ބުނެފައިވެއެވެ.
ފަންޑިތަ ފޮތްތައް ގެންގުޅުނު ކަމަށް އެއްބަސްވުމަށް ފަހު އޭނާ ވަނީ އެފަދަ ފޮތްތަކަކީ ގެންގުޅުން މަނާ އެއްޗެއްކަން ނޭނގޭ ކަމަށް ވެސް ބުނެފައެވެ.
މި މައްސަލައިގައި ހެކިބަސް ދިން ފުލުހުން ވަނީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ހުއްދަ ނުނަގާ ފަންޑިތައާ ސިހުރުހާހޫރަ ހަދާ ކަމަށް ތަހުގީގު މަރުހަލާގައި އަލީ އުމަރު ބުނެފައިވާ ކަމަށް ހެކިބަސް ދީފައެވެ. ފުލުހުން ބުނީ އޭނާ ދިރިއުޅޭގެ ފުލުހުން ބަލާ ފާސްކޮށްފައިވަނީ ވެސް ސިހުރުހަދާކަމުގެ ރިޕޯޓްތަކެއް ލިބުމުން ކަމަށެވެ.
އަލީ އުމަރު ދިރިއުޅުނު ގެ ބަލާފާސްކުރިއިރު އޭނާ ދިރިއުޅޭ ކޮޓަރިން ގިނަ އަދަދެއްގެ ފޮތްތަކާއި ދިވެހިންނާއި އަރަބިން ލިޔެފައިހުރި ގަނޑުކޮޅުތަކެއް ފެނުނު ކަމަށް ވެސް ފުލުހަކު ހެކިބަސް ދިނެވެ.
އަލީ އުމަރުގެ ގެއިން ފެނުނު ފޮތްތައް ބަލާފާސްކޮށްފައިވަނީ ޝެއިހް އިއްޒުއްދީން އަދުނާނުއެވެ. އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ ސިހުރަހާހޫރަ ހެދުމަށް ބޭނުންކުރާ ވަސީލަތްތަކާއި ސިހުރަހާހޫރަ ހެދުމުގައި ބޭނުންކުރާ ލިޔުމާއި އަކަކުރެހުންފަދަ ކަންކަމުގެ މައްޗަށް ކަމަށާއި އެ މައްސަލާގައި ބަލާފާސްކުރި ފޮތްތަކުން އެފަދަ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ލިޔުންތަކުގައި ކަލާމްފުޅަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އިއްޒުއްދީން ބުންޏެވެ.
މި މައްސަލައިގެ ޝަރީއަތަށް ފަހު ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކުރީ އަލީ އުމަރުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާކަމަށެވެ. މި ކުށަށް ދެވޭނެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ބުނެފައިވަނީ ތިން އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.