ހޮޅުދޫ ޒަކިއްޔާގެ މަރުގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ގޮސްފި

ނ. ހޮޅުދޫ --

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް މީހެއް ފެނުނު މައްސަލައިގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް އެ ރަށަށް ފުރައިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެ ރަށު 50 އަހަރުގެ ޒަކިއްޔާ މޫސާ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނެވެ.

އޭނާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބިއިރު، ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ އޭނާއާއެކުގައެވެ.

އެ ރަށު ކައުންސިލް ރައީސް ރިލްވާން މުޙައްމަދު "ސަން"އަށް ވިދާޅުވި ގޮތުގައި މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން އަންނަނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށް ހަރަކާތްތެރިވަމުންނެވެ.

އޭގެ އިތުރަށް އަދި ތަފްސީލެއް އެނގިނުލައްވާކަމަށް ވިދާޅުވިއެވެ.

އެ ރަށުން ވާހަކަދެއްކި ބައެއް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދި މީހެކެވެ. ނަމަވެސް މި ކަން ރަސްމީ އެއްވެސް އިދާރާއަކުން، ނުވަަތަ އާއިލާއަކުން ވެސް ކަށަވަރު ނުކޮށްދެއެވެ.

ޒަކިއްޔާ މިއަދު ހެނދުނު ވެސް ބައެއް މީހުންނާ އިރުކޮޅަކަށް ވާހަކަދެއްކި ކަމަށާއި އޭގެ ފަހުން އޭނާ މަރުވެފައި އޮއްވައި ފެނުމާ މާ ގިނައިރުތަކެއް ނުވާނެކަމަށް ވެސް އެ ރަށު މީހަކު ބުންޏެވެ.

ޒަކިއްޔާގެ ކަރުން ޒަޚަމްތަކެއް ފެނުނުއިރު އޭނާގެ ކައިރި ވަޅިއެއް ވެސް އޮތްކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ޝައްކުކުރެވޭކަމަށް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ އެ ކަން ތަހުގީގުކުރުމަށް އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް