އައިޖީއެމްއެޗަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ: ސަރުކާރު

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އައިޖީއެމްއެޗްގައި އެބަހުރި ކަމަށާއި އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި އަލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ނެތުމުން ކަންބޮޑުވުން ފާޅުކޮށް، އައިޖީއެމްއެޗުގެ ހޭނައްތާ ޑޮކްޓަރު އިސްމާއިލް ލަތީފު ވަނީ މިދިޔަ އާދީއްތަ ދުވަހު އައިސީޔޫގައި އެއް އިރަކު ވެސް އޭގެ މެޝިނެއް ނުހުންނަކަމަށް ވިދާޅުވެފައެވެ.

އޭނާ ބުނެފައިވަނީ އެ ހޮސްޕިޓަލަށް އޭގެ މެޝިނެއް، ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

އެ ކަމާގެ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އެ ހޮސްޕިޓަލުގައި ހުންނަ މެޝިންތައް ހުންނަނީ އެކިއެކި ޑިޕާޓްމަންޓުތަކުގައި ކަމަށެވެ. އެހެންވެ، އެއްވެސް ޑިޕާޓްމަންޓަކުން އެ މެޝިންތައް ބޭނުން ވެއްޖެ ނަމަ، ރިކުއެސްޓް ކުރުމުން އެ ލިބޭނެ ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މިއުވާން ވިދާޅުވީ އެ ހޮސްޕިޓަލް ހިންގަން ބޭނުންވާ ވަސީލަތްތައް މިހާރު ވެސް ހޮސްޕިޓަލުގައި ހުންނާނެ ކަމަށާއި އެހެންވެ، ވަސީލަތްތައް ނެތިގެން ހޮސްޕިޓަލް ނުހިންގޭ ހިސާބަށް ނުދާނެ ކަމަށެވެ.

"އެހެން ގައުމުތަކުގަ ވެސް އަމަލުކުރާ ގޮތަކީ ބައެއް އިކުއިޕްމެންޓްތައް މި ހުންނަނީ ވަކި ޑިޕާޓްމެންޓެއްގެ ދަށުގައި. އެހެން ޑިޕާޓްމެންޓަކުން ރިކުއެސްޓެއް އައިއްސިކަމަށް ވާނަމަ އިކުއިޕްމެންޓް މި ފޯރުކޮށްދެނީ. ކުއްލި ހާލަތުގަ އެހެންނަމަވެސް އިކުއިޕްމެންޓް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އެ ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ ކަންކަން ވެސް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް