އިސްރާއީލުން ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ޒުވާނެއްގެ ހަށިގަނޑު ޖަނާޒާއަށް ގެންދަނީ

ނާބްލްސް (23 ފެބްރުއަރީ 2023): އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ސިޓީއެއްކަމަށްވާ ނާބްލްސްއަށް އަރައި ފަލަސްތީނުގެ 11 މީހުން ޝަހީދުކޮށް, 100އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލައިފިއެވެ.

ފަލަސްތީނުން އިސްރާއީލުގެ މި ޖަރީމާ ސިފަކޮށްފައިވަނީ ގަތުލުއާންމެއްގެ ގޮތުގައެވެ. އަދި އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ވެސް ފަލަސްތީނުން ވަނީ ސިފަކޮށްފައެވެ.

ނާބްލްސްއަކީ އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ ސިޓީއެވެ. ނާބްލްސްއަށް ބަޑިހިފައިގެން ވަދެގެނެ އިސްރާއީލު ސިފައިން ފަލަސްތީނުގެ 11 މީހުން ޝަހީދުކޮށްލީ އެމީހުންގެ ގަޔަށް ސީދާ އަމާޒުކޮށް ބަޑިޖަހައިގެންނެވެ.

ގިނަ މީހުން މަރުވެފައިވަނީ އެމީހުންގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. ޒަޚަމްކޮށްލި މީހުންވެސް ޒަޚަމްކޮށްލީ ބަޑިޖަހައިގެންނެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަމީހުންގެ ގަޔަށް ވަޒަން އަރާފައިވަނީ އަތާއި ފަޔާއި ބަނޑަށެވެ.

އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާނެއްގެ ޖަނާޒާގައި އޭނާގެ އާއިލާގެ މެންބަރުން ރޮނީ

މިއީ މިދިޔަ މަހުގެ 30ވަނަ ދުވަހު އިސްރާއީލު ސިފައިން ފަލަސްތީނުގެ އެހެން ސިޓީއެއް ކަމަށްވާ ޖެނީންއަށް އަރައި ހިންގި ގަތުލުއާންމަށްފަހު އިސްރާއީލުން ހިންގި އެންމެ ބޮޑު ގަތުލުއާންމެވެ. ޖެނީންގައި ހިންގި ގަތުލުއާންމަށް ބަދަލުހިފުމުގެ ގޮތުން ފަލަސްތީނުގެ ޒުވާނަކުވަނީ ފަލަސްތީނުގެ ބިންތަކުގައި ގަދަބާރުން ވަޒަންވެރިވެގެންއުޅޭ އިސްރާއީލުގެ ހަތް މީހަކު މަރާލާފައެވެ.

ނާބްލްސްއަށް އަރައި އިސްރާއީލު ސިފައިން އިއްޔެ ހިންގި ގަތުލުއާންމަށް ރައްދުދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ގަދަބާރުން ޔަހޫދީން ވަޒަންވެރި ކޮށްފައިވާ އަވަށްތަކަށް ރޮކެޓް ހަމަލާތައްދޭން ފަށާފައެވެ. މި ހަމަލާތައްދެނީ ޣައްޒާގައި މަރުކަޒުކޮށްފައިވާ ފަލަސްތީނުގެ ޖަމާއަތްތަކުންނެވެ. މީގެތެރޭގައި އިސްކޮށް އުޅެނީ ހަމާސް ޖަމާއަތެވެ.

މުޖާހިދުންގެ ޖަމާއަތްތަކުގެ ރޮކެޓްތަކަށް ހުރަސްއެޅުމަށްޓަކައި އިސްރާއީލުވަނީ އެގައުމުގެ މިސައިލް އައްޑަނައިގެ ނިޒާމުކަމަށްވާ އަޔަންޑޯމް ބޭނުންކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ ވަޒަންވެރިން ވަނީ ބިމުއަޑީގެ ބަންކަރުތަކަށް ވަދެފިލާފައެވެ.

comment ކޮމެންޓް