ތައިލެންޑްގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ރާއްޖޭއިން ފަތުރުވެރިންނަށް ލިބެންހުރި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި ލަގްޒަރީ ހިދުމަތްތައް ތަޖުރިބާކުރުމުގެ ގޮތުން، ތައިލެންޑްގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމެއް ރާއްޖެއަށް -- ފޮޓޯ/ އެމްއެމްޕީއާރްސީ

ރާއްޖޭއިން ފަތުރުވެރިންނަށް ލިބެންހުރި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި ލަގްޒަރީ ހިދުމަތްތައް ތަޖުރިބާކުރުމުގެ ގޮތުން، ތައިލެންޑްގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމުން ރާއްޖެ އައިސްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށެވެ.

މި ޓީމު ރާއްޖެ އައިސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި މި ޓީމުން ހަ ދުވަސް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކުރާނެއެވެ.

މި މީޑިއާ ދަތުރަކީ އެމްއެމްޕީއާރުސީއިން ދެކުނުއިރުމަތީ އޭޝިއާއަށް ގެންގުޅޭ މާކެޓިން ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި މާކެޓްކުރުމުގެ މަގްސަދުގައެވެ.

މި ދަތުރުގައި ތައިލޭންޑުގެ ފާހަގަކުރެވޭ ދެ ނޫސްވެރިއަކާ، ތިން ބްލޮގަރުންގެ އިތުރުން ޕީއާރު ރެޕްރެޒެންޓޭޓިވްއެއް ހިމެނެއެވެ.

މި ފަރާތްތަކުން ޒިޔާރަތްކުރަނީ ރާއްޖޭގެ ޕުލްމަން މޯލްޑިވްސް މާމުއްޓާ، މާކިއުއާ މޯލްޑިވްސް ކޫއްޑޫ އަދި ރީތި ބީޗް ރިސޯޓުގައެވެ. އަދި މަންޒިލުން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ތައިލޭންޑުގެ ބެލުންތެރިންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ސަބަބުން ރާއްޖޭގެ ބްރޭންޑާ މެދު މި މާކެޓުގައި އޮތް ހޭލުންތެރިކަން އިތުރުވެ، ރާއްޖެ އަކީ އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެއެވެ.

މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރުކުރާ އެކި ކޮންޓެންޓުގެ ޖުމްލަ އިމްޕްރެޝަންސް 6.1 މިލިއަން އަށް ވުރެ ގިނަވާނެކަމަށް ބެލެވެއެވެ.

ތައިލޭންޑަކީ ރާއްޖެއަށް 38 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި އަހަރު ދެކުނު އިރުމަތީ އޭޝިއާ އިން އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ބޮޑެތި ޕްލޭންތަކެއް ރާވާފައިވާކަމަށެވެ. އޭގެ ތެރޭގައި ސިލްސިލާ ކެމްޕޭންތަކާއި ޕްރޮމޯޝަންތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީއިން ބުނެފައިވެއެވެ.

ސަރަހައްދީގޮތުން ބާއްވާ މާޓާ 2023، އެޑެކްސް އޯޝަން މިޝަން 2023ފަދަ ބޮޑެތި ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ އަށް ހާއްސަކޮށް މޯލްޑިވްސް ރޯޑްޝޯއެއް ހޯސްޓުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މިދިޔަ އަހަރު އެމްއެމްޕީއާރުސީއިން ޖުމްލަ 178 ހަރަކާތެއް ވަނީ ހިންގާފައެވެ. އޭގެތެރޭގައި 90 މާކެޓިން ކެމްޕޭނަކާ، 44 ފެއާއެއްގައި ބައިވެރިވުމާ، ހަ ރޯޑްޝޯ ހޯސްޓުކުރުމުގެ އިތުރުން 10 ވާޗުއަލް އިވެންޓް އަދި 18 ފެމިލިއަރައިޒޭޝަން ދަތުރު ހިމެނެއެވެ. އަދި އެހެނިހެން 10 އިވެންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ.

މި މަސައްކަތްތަކުގެ ސަބަބުން 2022 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑި ވަނީ އަހަރު ނިމުމުގެ ދެ ހަފުތާ ކުރިން ހާސިލްކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއިން އިން 2022ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، 'ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން'ގެ ލަގަބު ވަނީ ކާމިޔާބުކޮށްފައެވެ.

އަދި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް 'ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު' ގެ ލަގަބުވެސް އެމްއެމްޕީއާރުސީއިން މިދިޔަ އަހަރު ވަނީ ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް