ލޯފަން މީހަކަށް ލިބޭ އިނާޔަތް ދަރިއަކު ބޭނުންކުރާތީ އެކަން ހުއްޓުވުމަށް ކޯޓަށް

ރަށެއްގެ މަގުމަތި: ލޯފަން ދަރިއަކަށް ލިބޭ އިނާޔަތް ދަރިއަކު ބޭނުންކުރާތީ އެކަން ހުއްޓުވުމަށް މާމަ ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ --- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

އަޑުއިވުމުން މަހުރޫމްވެ ލޯފަންވެފައިވާ މީހަކަށް ދައުލަތުން ދޭ ޑިސްއެބިލިޓީ އެލަވަންސް އޭނާގެ ދަރިއަކު ބޭނުންކުރަމުންދާތީ އެ ފައިސާ އޭނާއަށް ނުލިބޭ ގޮތް ހެދުމަށް އޭނާގެ މަންމަ އާއި މާމަ ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފ. ބިލެއްދޫ ކޯޓަށް ހުށަހެޅީ ލޯފަން ދަރިފުޅުގެ މަންމައެވެ.

ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ, އޭނާގެ ނުކުޅެދޭ ދަރިފުޅުގެ ދަރިން އޭނާއަށް އަޅާނުލައި އިހާނަތްތެރިކޮށް ހިތަމުންދާ ކަމަށާއި ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުންދޭ އިނާޔަތް އެ ދަރިން ބޭނުން ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މަންމަ އެދުނީ, އެ ފައިސާ އެ ދަރިންނަށް ނުލިބޭ ގޮތް ހަދައިދިނުމަށެވެ. އަދި ނުކުޅަދޭ އެ މީހާ ބަލަހައްޓަނީ އޭނާކަމަށް ވުމުން އެ ފައިސާ އޭނާއަށް ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް މަންމަ އެދިފައިވެއެވެ.

އެ އިންތިޒާމްތައް ހަމަޖެއްސުމަށް މަންމަ އެންމެ ފުރަތަމަ އެދުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައެވެ. ނަމަވެސް ބޭންކުން އެދުނީ ނުކުޅެދޭ އެ މީހާ ބަލަނީ އޭނާގެ މަންމަ ކަން ސާބިތު ކޮށްދިނުމުގެ އިތުރުން އެއީ އޭނާގެ މަންމަކަން އެނގޭނެ ޝަރުއީ ލިޔުމެއް ހުށަހެޅުމަށެވެ.

ކޯޓުގައި ލޯފަން މީހާ ވެސް ވަނީ އޭނާގެ މަންމަ ދެއްކި ވާހަކައަށް ތާއިދުކޮށް އޭނާގެ އުފަން ދަރިން އޭނާއަށް އަޅާނުލައި އިހާނެތިކޮށް ކަންތައް ކުރާ ކަމަށް ބުނެފައެވެ. އަދި އޭނާއަށް ލިބޭ އިނާޔަތު ފައިސާއިން އޭނާއަށް އެއްވެސް މަންފާއެއް ނުކުރާއިރު އެ ފައިސާ ބޭނުންކުރަނީ އޭނާގެ ދޮށީ ދަރި ކަމަށް ވެސް ބުނެފައެވެ.

އެހެންކަމުން ބިލެއްދޫ ކޯޓުން މިދިޔަ އާދިއްތަ ދުވަހުން ނިންމާފައިވަނީ ނުކުޅެދޭ މީހާގެ މަންމަ އެދުނު ގޮތަށް ލިޔުން ދިނުމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން މަހަކު 2،000 ރުފިޔާގެ އެލަވަންސެއްދެއެވެ. އެ އިނާޔަތް އަންނަ ޖޫން މަހު ބޮޑު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް