މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޛުކުރުމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އަދި ވަކި ޕާޓީއަކަށް ވަނުމަކާ ވެސް އެކަން ނުގުޅުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ 'ޕީއެސްއެމް' އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވި އުމުރުން ދުވަސްވީ މީހަކު ވަނީ ކުރީގެ ފްލެޓް ސްކީމްތަކަށް ތަކުރާރުކޮށް ކުރިމަތިލައި ޕޮއިންޓް ލިބުނު ނަމަވެސް، ފަހު ވަގުތު ޝަރުތު ހަމަނުވާކަމަށް ނިންމައި ފްލެޓް ނުލިބުނު ކަމުގެ ޝަކުވާ ހިއްސާކޮށްފައެވެ.
މީގެ އިތުރުން މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ އެކަނިވެރި މައިންނާއި އާއިލާތަކަށް ބޯހިޔާވަހިކަމުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކޮށް، މި ސަރުކާރުން ހުޅުވާލާ ފުރުޞަތުތަކުގައި އިންސާފުވެރިކަމާއެކު ފުރުޞަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި އާންމު މީހަކާއި ރައީސް ބައްދަލުކުރައްވަނީ... ފޮޓޯ ރައީސް އޮފީސް""އަޅުގަނޑު މިހާރު ތަކުރާރުކޮށް ކުރިން ދިޔަ ފްލެޓް ސްކީމްތަކަށް ތަކުރާރުކޮށް ކުރިމަތިލިން. ޕޮއިންޓް ވެސް ލިބުނު. ނަމަވެސް، ފަހު ވަގުތު ޝަރުތު ހަމަނުވާކަމަށް ނިންމައި ފްލެޓެއް ނުދިން." އެ މީހާ ބުންޏެވެ.
މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ އާއިލާތަކުގެ ދަތި ޙާލަތު ވެސް އެ ޕްރޮގްރާމުގައި ވަނީ ރައީސާ ހިއްސާކޮށްފައެވެ.
އެގޮތުން، ސްޓްރޯކެއް ޖެހި އަމިއްލައަށް ކަންކަން ނުކުރެވޭ ޙާލަތުގައި ހުރި ބަލިމީހަކު ގޮވައިގެން އުޅޭ އާއިލާއަކުން ފާހަގަކުރި ގޮތުގައި، ރަށުގައި ގޯއްޗެއް އޮތް ނަމަވެސް، ފިޒިއޮތެރަޕީއާއި އިތުރު ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި މާލޭގައި ތިބެން މަޖުބޫރުވެފައިވާތީ، ޚާއްޞަ އެހީއަށް ބޭނުންވާ ކެޓަގަރީން ބޯހިޔާވަހިކަމުގެ ފުރުޞަތެއް ލިބުމަކީ އެފަދަ އާއިލާތަކަށް ނުހަނު ބޭނުންތެރި ކަމެކެވެ.
އާންމުން ފާޅުކުރި މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ވަރަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކުގައި ކަމަށެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި އާންމު މީހަކާއި ރައީސް ބައްދަލުކުރައްވަނީ... ފޮޓޯ ރައީސް އޮފީސް" އަޅުގަނޑުވެސް ހަމަ މަސައްކަތްކުރާނީ ވީހާވެސް އިންސާފުވެރިކޮށް ހަމަ ވަރަށް އިންސާފުވެރިކޮށް އެއްވެސް ކަހަލަ މައްސަލައެއް ނުޖެހޭ ގޮތަށް. މި ދެންނެވި އެއްވެސް ނުފޫޒެއް ނުހިނގާނެ އިނގޭތޯ. ވީހާވެސް އިންސާފުވެރިކޮށް ބޯހިޔާވަހިކަން ހޯދައިދިނުމަށް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ކަންކަން ކުރިއަށް ދާނީ އެއްވެސް ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފިކުރަކަށް ބެލުމެއް ނެތިކަމަށެވެ.
މީގެއިތުރުން އެންމެ ނިކަމެތި ޙާލަތުގައި ތިބި ފަރާތްތަކަށާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެ މައްސަލަތަކަށް ރިޢާޔަތްކޮށް ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.