ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖުމުލަ 58.8 މިލިއަން ރުފިޔާގެ އެހީ މިދިޔަ މަހު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ދީފިއެވެ.
އެ އެޖެންސީން އާންމުކުރި ހިސާބުތަކުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 16،049 މީހުން އެބަތިއްބެވެ. އެއީ، 9،272 ފިރިހެނުންނާއި 6،777 އަންހެނުންނެވެ،
ތަފާސްހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި، 18 އަހަރާއި 64 އަހަރާ ދެމެދުގެ 8،131 މީހުން އެބަތިއްބެވެ. އަދި، 18 އަހަރުން ދަށުގެ 5،536 ކުދިންނާއި 65 އަހަރުން މަތީގެ 2،382 މީހުން ހިމަނާފައިވެއެވެ.
އެންސްޕާއިން ބުނި ގޮތުގައި، މިދިޔަ މަހު އެ ދަފުތަރުގައި އަލަށް 199 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ކުޑަކުއްޖެއް ކުޅެނީ: ނުކުޅެދުންތެރިން ހުންނަ މީހުންނަށް މިދިޔަ މަހު 58 މިލިއަން ޚަރަދުކުރި --- ފޮޓޯ/ ނިއުޓާ ޕޮޑްސްއެ ދަފުތަރަށް ބަލާއިރު އެންމެ ގިނައީ، ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ. އެ ބާވަތުގެ ނުކުޅެދުންތެރިކަން ހުރި 4،300 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، މަލްޓިޕަލް ޑިސްއެބިލިޓީ ހުރި 3،618 މީހަކު އެ ދަފުތަރުގައި އެބަތިއްބެވެ.
އެންސްޕާގެ ހިސާބުތަކުން ދައްކާގޮތުގައި، ނުކުޅެދުންތެރިކަމުގެ ދަފުތަރުގައި އެންމެ މަދުން ތިބީ، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ. އެ ބާވަތުގެ ނުކުޅެދުންތެރިކަން ހުރެގެން އެ ދަފުތަރުގައި ހިމަނާފައި ވަނީ، 63 މީހުންނެވެ.
ސޯޅަ ހާހަށް ވުރެ ގިނަ މީހުން ނުކުޅެދުންތެރިކަމުގެ ދަފުތަރުގައި ތިބި ނަމަވެސް، މިދިޔަ މަހު އެންސްޕާއިން މާލީ އެހީ ދީފައި ވަނީ، 15،862 މީހުންނަށެވެ. އެ މީހުންނަށް 58.8 މިލިއަން ރުފިޔާގެ މާލީ އެހީ އެންސްޕާއިން މިދިޔަ މަހު ފޯރުކޮށްދީފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސްތަކާއެކު އެހީގެ ގޮތުގައި ދެނީ، 3،000 ރުފިޔާއެވެ.