ނުކުޅެދުންތެރިކަން ހުންނަ 500 މީހުންނަށް ވަޒީފާ ދޭން އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް ބޭއްވެވި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން ވެސް ވަކިކުރޭތޯ ސުވާލުކޮށްފައެވެ.
އެއީ، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް މިދިޔަ އޭޕްރިލް މަހުގެ 18ގައި ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުމާ ގުޅުވައި ކުރި ސުވާލެކެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، ކުންފުނިތައް ރައިޓް ސައިޒު ކުރުމާއި އެހެން އެއްވެސް ގޮތަކުން، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ދީފައިވާ ވަޒީފާއެއް ގެއްލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އަދި، އެ ފަދަ ގޮތަކަށް ކަމެއް ހިނގާފައިވާނަމަ، އެއީ ރަނގަޅު ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މިއަދުގެ ޕްރެސްގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް"އޭގެ ބަދަލުގައި އިތުރު ފަރާތްތަކަށް ވަޒީފާ ދިނުމަށް ސަރުކާރުން ބާރު އަޅަނީ. އަދި މަސައްކަތް ކުރަމުންދަނީ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 500 ފަރާތަކަށް ވަޒީފާ ދިނުމުގެ ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތްތަކެއް ވެސް އެބަ ކުރެވޭ މިހާރު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން" ރައީސް ކިޔައިދެއްވިއެވެ.
ރައީސް ކިޔައިދެއްވި ގޮތުގައި، ސަރުކާރުން ތަންފީޒު ކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ސިޔާސަތެކެވެ.
ފާހަގަކުރެވޭ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ތަފާތު ކުރުންތައް އޮވެއެވެ. އެކަމަކު، ސަރުކާރުން އެ ފަދަ މީހުންނަށް ވަޒީފާ ދެމުން އަންނައިރު، މާލީ އެހީ ވެސް ފޯރުކޮށްދެމުންނެވެ.