މަތިވެރިން ގެއްލުނު ހަސަންފުޅު ހޯދަން މާލޭގެ ސީސީޓީވީ ފުޓޭޖުތަކެއް ބަލައިފި

އއ. މަތިވެރިން ގެއްލިގެން ހޯދާ ރިވެލި، ހަސަން އަލީ

އއ. މަތިވެރިން ގެއްލިގެން ހޯދާ ރިވެލި، ހަސަން އަލީ (މަތިވެރީ ހަސަންފުޅު) ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން، މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާތައް ބަލާފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހަސަންފުޅު ގެއްލިގެން ރިޕޯޓުކުރީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެކަމަކު މިއަދާ ހަމައަށް އޭނާއަށް ވީނުވީއެއް ދެނެގަނެވިފައި ނުވެއެވެ.

ހަސަންފުޅު ހޯދަން ފުލުހުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރަމުން ނެރުނު ބަޔާނެއްގައި ވަނީ، މާލޭގައި ހުރި ސީސީޓީވީ ކެމެރާތަކެއްގެ ފުޓޭޖު ބެލީ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އޭނާ ހޯދަން މަތިވެރީގެ ހުރިހާ ގެއަކާއި ފަޅުގެތައް އަދި ހުރިހާ ގެސްޓް ހައުސް ތަކަކާއި ރަށުގެ ހޭޅިފަށް ބަލާފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ރަށުގެ އެކި ހިސާބުތަކުގެ ސީސީޓީވީ ކެމެރާތައް ބަލައި، ރަށުގެ އެކި މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން މަތިވެރިން ލިބެންހުރި ހުރިހާ ސީސީޓީވީ ފޫޓޭޖެއް އެއްކޮށް 157 ގަޑިއިރުގެ ފުޓޭޖް ބަލާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ބެލި ބެލުމުން، މަތިވެރީ ހަސަންފުޅު އެންމެ ފަހުން ފެނިފައިވަނީ، ޖަނަވަރީ 31ވަނަ ދުވަހުގެ 9:30 އެހާކަންހާއިރު ރަށުގެ ފިހާރައަކުން ނުކުންނަނިކޮށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، ހަސަންފުޅު ހޯދަން ފުލުހުން ކުރާ މަސައްކަތުގެ މައުލޫމާތު ގަވާއިދުން އާއިލާއާ ހިއްސާކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް