މިނިސްޓަރު މާރިޔާ، މައާފަށް އެދުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު

އިންޑިއާގައި ހިފެހެއްޓި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް ޢަބްދުއްޞަމަދު (ސަމަދުބެ)އަށް ޖޯކު ޖައްސަވައި ދިފާއީ ވަޒީރުގެ މަގާމުގައި ހުންނެވި މާރިޔާ އަޙްމަދު ދީދީގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ޙުސައިން މުޙައްމަދު ލަޠީފެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ދިވެހި ދަރިޔަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް މިނިސްޓަރު މާރިޔާ ޖޯކުޖައްސަވާ، މަލާމާތް ކުރައްވާފައިވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ ސަމަދުބެއަކީ ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާ، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ދިވެހި ދަރިޔަކާ މެދު ޑިފެންސް މިނިސްޓަރު ގެންގުޅުއްވީ ދަށު ދަރަޖައިގެ ބަސްމަގެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ދިވެހި ސިފައިންނާ ފުލުހުންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ސަލާމަތް ކުރުމަށް ކަމަރު ބަނދެގެން ތިބޭ މީހުން ކަން މެމްބަރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސިފައިން ގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިޚުލާސްތެރި ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅަކު ރާއްޖެއަށް ހަރާންކޯރު ނުވާނެ ކަމަށެވެ.

މެމްބަރު ވިދާޅުވީ މިނިސްޓަރު މާރިޔާ ފުލުހުންނާ ސިފައިންނަށް ޖޯކުޖައްސަވާފައިވާ ކަމަށެވެ. އަދި އެކަމަނާއަކީ އާންމު ގޮތެއްގައި ސިފައިންނާ ފުލުހުންނަށް ބަދުބަސް ބުނެފައިވާ ބޭފުޅެއް ކަމަށް ފަރެސްމާތިޑާ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

"އެފަދަ ބޭފުޅަކު އެ މަގާމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިނާ ފުލުހުންގެ އަގުވަޒަން ނުކުރާ މިންވަރު ހާމަވާ ކަމަށްކަށް ވާތީއާ، ވަކި ގައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެގައުމަށް ސަނާކިޔާ، ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިޔުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީއާ،" މެމްބަރު ވިދާޅުވިއެވެ.

ވުމާއެކު، އަބްދުއްޞަމަދަށް މަލާމާތް ކޮށް، ޖޯކުޖައްސަވާ، ދިފާއީ ވަޒީރު ދެއްކެވި ވާހަކަ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މައާފަށް އެދުމަށް މެމްބަރު ވަނީ ގޮވާލައްވާފައެވެ. އަދި މިނިސްޓަރު މާރިޔާއަށް ފިޔަވަޅު އެޅުމަށް ވެސް އެ އޭނާ ސަރުކާރަށް ގޮވާލިއެވެ.

އެ މައްސަލަ، މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައިވަނީ އެ ކަމާމެދު ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 31 މެމްބަރުން މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވުމުންނެވެ. މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓުދެއްވީ އަށް މެމްބަރުންނެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ކާނިވަލުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ކުރިން އަސްކަރިއްޔާގައި އުޅުނު މީހަކަށް ވެ ހުރެ، ޕީޕީއެމްގެ އެކްޓިވިސްޓް ޢަބްދުއްޞަމަދު އިންޑިއާ އިމިގްރޭޝަންގައި ހިފެހެއްޓުމުން އޭނާގެ ފަރާތުން ފެނުނު ކަންކަމަށް ފާޑު ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމް އިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

https://sun.mv/174209

comment ކޮމެންޓް