މާރިޔާ، ސަމަދުބެއަށް ޖޯކު ޖެހީ އިންޑިއާ ރުއްސަން: ޕީޕީއެމް

ޕީޕީއެމްގެ އޮފީސް-- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އިންޑިއާގައި ހިފެހެއްޓި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް ޢަބްދުއްޞަމަދު (ސަމަދުބެ)އަށް ޖޯކު ޖައްސަވާ ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަފުޅު، އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ކުރިން އަސްކަރިއްޔާގައި އުޅުނު މީހަކަށް ވެ ހުރެ، ޕީޕީއެމްގެ އެކްޓިވިސްޓް ޢަބްދުއްޞަމަދު އިންޑިއާ އިމިގްރޭޝަންގައި ހިފެހެއްޓުމުން އޭނާގެ ފަރާތުން ފެނުނު ކަންކަމަށް ފާޑު ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ވަޒީރަކު ޖޯކު ޖެއްސެވުން ބަލައި ނުގަންނަ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، އެއީ އިންޑިއާ ރުއްސަން ވެގެން ކުރި ކަމެއް ކަމަށް ޕީޕީއެމް، ޕީއެންސީން ވަނީ ތުހުމަތުކޮށްފައެވެ.

"އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި އިންޑިއާއިން ބޭރުކޮށްލި ދިވެހި ދަރިއަކަށް [ޢަބްދުއްޞަމަދަށް] ޖޯކު ޖައްސަވާ މާރިއާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަޢާފަށް އެދުމަށްވެސް މާރިއާ އަޙްމަދު ދީދިއަށް ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.

https://sun.mv/174193

ސިފައިންނާއި ފުލުހުންނަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައި ވެސް ޤައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާ ކުރިމަތިލާން ތައްޔާރަށް ތިބި ބައެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެއްވެސް އިރެއްގައި ސިފައިންގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު ޤައުމަށް ހަރާންކޯރު ނުވާނެ ކަމާއި ކޮންމެ ވަގުތަކުވެސް ޤައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ނުކުންނަވާނެކަމީ އެ ކޯލިޝަނުން ޔަޤީން ކުރާ ކަމެއް ކަމަށެވެ.

ދިވެހި ފުލުހުންނާއި ސިފައިންނަކީ "ފިނދަނަތަކެއް" ކަމަށް ސިފަ ކުރައްވާ، ޖޯކު ޖައްސަވާ ޢާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާޢީ ވަޒީރުކަމުގައި ހުންނެވުން އެއީ މިސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަންނުކުރުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތަށް ދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދީފައިވާ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމުން ގެންދަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިގޮތުން "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ހަރަކާތެއް ވެސް ޕީޕީއެމް، ޕީއެންސީން ހިންގިއެވެ. އެކަމަކު، ރިޔާސީ ގަރާރަކުން އެކަން މަނާ ކުރުމުން މިހާރު ވަނީ އެ ހަރަކާތް ރަސްމީކޮށް ހުއްޓައިލައިފައެވެ.

comment ކޮމެންޓް