ހުރިހާ މައްސަލައެއް ހައްލުކުރާނަން: އުމަރު

އުމަރު ނަސީރު، --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ބުނެދެވުނީ އޭނާއަށް އެކަނި ކަމަށާއި އޭނާގެ ވެރިކަމެއް ނިމޭއިރު ރާއްޖޭގައި ހުރި ބޮޑެތި ހުރިހާ މައްސަލައެއް ހައްލު ކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ އުމަރު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ހުރި އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް ހައްލު ބުނެދެވުނީ އޭނާއަށް އެކަނި ކަމަށާއި އެކަން ކުރުމުގައި އެހެން ލީޑަރުން ފެއިލްވެފައިވާ ކަމަށެވެ.

"އެއްވެސް ސިޔާސީ ލީޑަރަކަށް ކެރިވަޑައެއް ނުގަންނަވާ އަޅުގަނޑު މި ދަންނަވާ ކަހަލަ ހައްލުތައް ޕްރޮޕޯސް ކުރާކަށް." އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ރާއްޖޭގައި އެތައް ބަޔަކު މަރައިލައިފައިވާއިރު އެއްވެސް ސިޔާސީ ބޭފުޅަކަށް މަރަށް މަރު ހިފާނަމޭ ބުނަން ނުކެރުނު ކަމަށާއި އެކަން ކުރައްވަން ކެރިވަޑައިގެން ހަމައެކަނި ސިޔާސީ ބޭފުޅަކީ އޭނާ ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި، އެ މައްސަލަތައް ހައްލުކުރާނެ ގޮތް ވެސް އެހެން ސިޔާސީ ލީޑަރުންނަށް ބުނެ ނުދެވޭ ކަމަށާއި އެ ހައްލު ބުނެދެވުނު ހަމައެކަނި ލީޑަރަކީ އޭނާ ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ތިން ކޭސް އެއް ހުރިހާ ކޯޓު މަރުހަލާއެއް ނިމިގެން އައޭ އިނގޭތޯ، އެކަމަކު ތަންފީޒެއް ނުކުރެވުނެއްނުންތޯ. އެހެންވީމާ ވިދާޅުވުމާ ތަންފީޒު ކުރުމާ އެއީ ވަކި ދެ ކަމެއް." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކުރި ހުރިހާ ވެރިކަމެއްގައި ވެސް އެކިއެކި މިންވަރަށް ކޮރަޕްޝަން އޮންނަ ކަމަށެވެ. އަދި، އެކަން ކުޑަ ކުރުމުގައި ބޮޑު ދެ ޕާޓީ ވެސް ވަނީ ފެއިލްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރެވޭނީ އިސްލާމީ ޝަރީއަތް ތަންފީޒު ކޮށްގެން ކަމަށާއި އެކަން ކުރާނަމޭ ބުނަން ކެރުނު ހަމައެކަނި ލީޑަރަކީ ވެސް އޭނާ ކަމަށް އުމަރު ވިދާޅުވިއެވެ.

ވެރިކަން ލިބި، ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާއިރު، ގައުމުގައި ހުރި އިޖްތިމާއީ ހުރިހާ މައްސަލައެއް މުޅިންހެން ހުންނާނީ ހައްލުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ މައްސަލަތަކުން ނެއްޓި އޭރުން ރާއްޖެ އިގްތިސާދީ ގޮތުން ވެސް ދަތުރުކުރާނީ މުޅީން އާ މިސްރާބަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް