ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އޮންނަ މުއްދަތު އިތުރު ކުރުމުގެ މަސައްކަތް ފަށައިފި

އޭޕްރީލް 19، 2021: އިލެކްޝަން ކިމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރުމަށް ހުޅުވާލާ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އަބްދުއްރަހީމް "ސަން"އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ ފުރުސަތު އިތުރުކުރުމަށްޓަކައި ރިޔާސީ އިންތިޚާބުގެ ގާނޫނަށް ބަދަލު ގެންނަން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ބަންޑާރަ ނައިބުގެ އޮފީހުން މިހާރު އެ އިސްލާހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެކަމާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތާ ބެހޭ ކޮމިޓީއާ އީސީން ވަނީ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

މިހާރު ގާނޫނު އޮތް ގޮތުން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބޭނީ ޖުލައި 23 އިން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ގާނޫނު ބަދަލު ކުރަން ހުށަހަޅާފައިވާ ކަމަށާއި އަންނަ އޭޕްރީލް މަހުގެ ކުރިން ގާނޫނަށް ބަދަލު އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެއާއެކު ރިޔާސީ އިންތިޚާބުގެ ތާރީޚުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.

މީގެއިތުރުން، މިހާރު މަސައްކަތްކުރަމުން ދަނީ އިންތިޚާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށުމުގެ ކުރިން އެންމެ ލަސްވެގެން އޭޕްރީލް މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ގަވާއިދު ގެޒެޓު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓުލުން އޮންނާނީ 30 ސެޕްޓެމްބަރުގައެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް 90 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް