ނައިބު ރައީސް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

ނައިބު ރައީސް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް، ޔުނައިޓެޑް އަބަރި އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިއަދު މެންދުރު ފަހު މާލެ ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ، މިމަހުގެ 13 އިން 15 އަށް ބޭއްވި ވޯލްޑް ގަވާންމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ޔޫއޭއީ ގެ ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓަރު އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި، މަދީނަތު ޖުމެއިރާގައި ހޯމަ ދުވަހު ބޭއްވި ނުވަ ވަނަ ވޯލްޑް ގަވާންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެން އެ ސަމިޓްގެ ތެރެއިން ކުރިޔަށްދިޔަ "ފިއުޗާ އޮފް ވޯކް" ފޯރަމްގައި ތަޤުރީރްކުރެއްވިއެވެ.

މި ތަޤުރީރުގައި ނައިބު ރައީސް ވަނީ، ރައްޔިތުން އެދޭ މުސްތަޤުބަލް ހާސިލުކުރުމަށް ޓަކައި ލިބެންހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

މި ސަމިޓުގެ ތެރެއިން ނައިބު ނައިބު ރައީސް ވަނީ، "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އިފްތިތާހުކޮށްދެއްވާފައެވެ.

"މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވާންމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ.

މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެއާއި ޔޫއޭއީ އާ ދެމެދު ސޮއިކޮށްފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގެ ދަށުން ރާއްޖޭގެ ސަރުކާރު މުވައްޒަފުންނަށެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ޔޫއޭއީގެ ފުޖެއިރާގެ ވަލީ އަޙުދު ޝައިޚް ޙަމަދު ބިން މުޙައްމަދު އަލް ޝަރްޤީއާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޔޫ.އޭ.އީގެ މިނިސްޓާ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ، ކޮޕް 28 ގެ ރައީސް، އަދި ޔޫއޭއީގެ ސްޕެޝަލް އެންވޯއީ އޮން ކްލައިމެޓް ޗޭންޖް ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ވަނީ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ނައިބު ރައީސް ޔޫއޭއީއަށް މިކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެެރިވެވަޑައިގެންނެވިއެެވެ.

comment ކޮމެންޓް