ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް، ފުޖެއިރާގެ ވަލީ އަޙުދާ ބައްދަލުކުރެއްވުން --

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށާއި، އެ ގައުމަކީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޔޫއޭއީގެ ފުޖެއިރާގެ ވަލީ އަޙުދު ޝައިޚް ހަމަދު ބިން މުޙައްމަދު އަލް ޝަރްޤީއާ އިއްޔެގެ މެންދުރުފަހު ބައްދަލުކުރައްވައެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ވޯލްޑް ގަވާމެންޓް ސަމިޓް 2023ގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް މިހާރު ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ކުރިމަގު ބައްޓަންކުރުމަށް މަގުފަހިކޮށްދެމުން އަންނަ ވޯލްޑް ގަވާންމެންޓް ސަމިޓު، ހުއްޓުމެއްނެތި ކާމިޔާބުކަމާއެކު އެތައް އަހަރެއްވަންދެން ކުރިޔަށްގެންދަވާތީ، ޔޫއޭއީގެ ލީޑާޝިޕުން ގެންގުޅުއްވާ ދުރުވިސްނުންފުޅަށް ތައުރީފުކުރައްވައި، ވާހަކަފުޅު ދައްކަވާފައެވެ.

ވޯލްޑް ގަވާންމެންޓް ސަމިޓް 2023 ކުރިއަށްދަނީ މި ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޔޫއޭއީގައެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޔޫއޭއީއާ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ އިސްލާމީ އަޚުވަންތަކަމާއި، ޘަޤާފީ، ތާރީޚީ އަދި ދެ ޤައުމުން ޤަބޫލުކުރާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސާއި ވަލީއަޙްދު ވަނީ ތަރައްގީގެ ކަންކަމުގައްޔާއި ވިޔަފާރިއާ އިންވެސްޓްމެންޓުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ބައިނަލްއަގުވާމީ ގުޅުންތަކާއި އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ރާއްޖެއާއި ޔޫއޭއީގެ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށާއި އޭގެ ލާބައާ މަންފާ ދެ ގައުމުގެ ރައްޔިތުން ލިބިގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިހާރު ވަނީ 45 އަހަރުވެފައެވެ.

comment ކޮމެންޓް