މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ފިރިހެން ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވާދަކުރެއްވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ.
ކުރީގައި މަޖިލިސް މެމްބަރުކަން ވެސް ކުރެއްވި ފާރިސް ވެރިކަމަށް ގެނައުމަށް ގޮވާލައި ސޯޝަލް މީޑިއާގައި މިހާރު ދަނީ، ފާރިސްއަށް ތާއީދުކޮށް ޕޯސްޓުތައް ޖަހަމުންނެވެ. އަދި ފާރިސް ވެރިކަމަށް ގެނައުމަށް ގޮވާލައި ޕޭޖުތަކާއި އެކައުންޓުތައް ވެސް ވަނީ ހަދާފައެވެ.
އެގޮތުން "ފާރިސް2023" އަދި "ފާރިސް ފޯ ޕްރެޒިޑެންޓު" ގެ ނަމުގައި ޓުވިޓާގައި ފާރިސް2023 ހޭޝްޓެގާ އެކު ވަނީ ގިނަ ޕޯސްޓުތަކެއް ކޮށްފައެވެ.
ހަމަ އެއާ އެކު މީގެ ކުރިން ވެސް ރައްޔިތުންގެ ހައްގުގައި ބިރެއް ނެތި، ކެރިގެން އޭރުވެސް ނިކުތީ ފާރިސް ކަމަށާއި ދެން ވެސް ގައުމު އިސްލާހު ކުރެވޭނީ ފާރިސްއަށް ކަމަށް އެ ކެމްޕޭން ޕޯސްޓުތަކުގައިވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމާ މެދު ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ފާރިސް އަދި ވިދާޅުވެފައެއް ނުވެއެވެ. އަދި އޭނާ ނިސްބަތްވާ ޕާޓީ އެމްއާރުއެމްއިން އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައެއް ވެސް ނުވެއެވެ.
ފާރިސް އަކީ މިހާރު އޮތް ވެރިކަން ގެނައުމަށް ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ވެރިކަމުގައި ހުންނެވި ފާރިސްގެ ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަކި ހިސާބަކުން އެ މަނިކުފާނާ ދެކޮޅަށް ފާރިސް އާއި އޭނާގެ ބައްޕާފުޅު (ރައީސް މައުމޫން ވަނީ ނިކުންނަވާފައެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނުކުރައްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައީސް ޔާމީނާއި އެމްއެންޕީގެ ފަރާތުން، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.