ސިއްހީ ދާއިރާގެ މުސާރަތައް ކަނޑައަޅައި ނިމިއްޖެ، ހެޔޮ ބަދަލެއް އަންނާނެ: ޕޭ ކޮމިޝަން

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަތައް ބޮޑުވާނެ މިންވަރު ވަނީ ކަނޑައަޅައި ނިމިފައި ކަމަށާއި އެ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ފަހު، ކުރިއަށް އޮތީ ސިއްހީ ދާއިރާއާއި ޔުނިވާސިޓީ އާއި މަތީ ތައުލީމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަތައް ބޮޑު ކުރުން ކަމަށެވެ.

އެގޮތުން، ސިއްހީ ދާއިރާގެ މުސާރަތައް ބޮޑު ކުރުމަށް އެ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިއްހީ ދާއިރާގެ އިދާރާތަކާއި، މިނިސްޓްރީއާއި، ދެން ސިއްހީ އެކިއެކި ޖަމާއަތްތަކާ އެކު އަހަރަކަށްވުރެ ގިނަ ދުވަހު، ވަރަށް ގިނަ ބައްދަލުވުންތަކެއް ބާއްވާ އެ މަސައްކަތް މިހާރު ނިމިފައި އޮތީ." ފައިޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޝްވަރާތަކަށް ފަހު، އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް އެއްކޮށް ނިންމައިލައިފައިވާ ކަމަށެވެ.

"ފަންސާސް ފަސް ޕްރޮފެޝަން އެބައޮތް ސިއްހީ ދާއިރާގައި. މި ހުރިހާ ޕްރޮފެޝަންގައި މީހުން ތިބީއެއް ނޫން، ދިވެހިން ބައެއް ޕްރޮފެޝަންތަކުގައި ނުވެސް ނެތް. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު މުސާރަތަކެއް ލިބޭނެ. އެކަމުގެ ބޭނުމަކީ ވެސް އެ ދާއިރާތަކަށް ދިވެހިން ކުރިމަތިލުން. ދިވެހިން ކުރިމަތިލައިގެން ރަނގަޅަށް މަސައްކަތްކުރާނެ މާހައުލެއް ގާއިމްކޮށްދިނުން." އޭނާ ވިދާޅުވިއެވެ.

އަންނަ މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެކަން އިއުލާނު ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ މުސާރަތައް ބޮޑުކޮށްފައިވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެއެވެ. މިގޮތުން، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަތައް ބޮޑުކޮށްފައެވެ.

comment ކޮމެންޓް