ސިޔާސީ ގޮތުން ބައެއް މުއައްޒަފުން ވަޒީފާއިން ވަކުކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާޙިމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.
ކުޑޫ ހުށަހެޅުއްވި ސުވާލުގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކުކުރުން ފިޔަވައި ދައުލަތުގެ އެއްވެސް މަގާމަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބުރަވެ ތަފާތުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައިފައެވެ.
އެހެންކަމުން އެކަން އެގޮތަށް އޮތްއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުން ގެންދަނީ ކީއްވެތޯއާއި ކޮން އުސޫލެއްގެ ދަށުންތޯ ކުޑޫ ވަނީ ސުވާލު ކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދި ފަހުން ވަނީ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު އުވާލާފައެވެ. ތުހުމަތު ކުރެވޭގޮތުގައި އެ މަގާމު އުވާލީ އެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އާއެކު ފޮޓޯއެއް ނެގި މައްސަލައެއްގައެވެ.
އޭގެ އިރުކޮޅެއް ފަހުން އޭނާގެ ދަރިފުޅު އަޒާން ޒުހައިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުން އިސްތިއުފާ ދެއްވާފައެވެ. އަޒާން ވަނީ ސަރުކާރުގެ ބައެއް ބޭފުޅުން އޭނާގެ ބައްޕަ މަގާމުން ވަކިކުރުމަށް މަސައްކަތް ކުރެއްވިކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި އޭނާގެ ބައްޕައަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް ނޫންކަމުން ވަޒީފާއިން ވަކިކުރުމުގެ ގޮތުން އެ މަގާމު އުވާލީ ކަމަށް ވެސް އަޒާން ތުހުމަތުކުރެއްވިއެވެ.
އަޒާން ވަނީ މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރުމުގައި ދެމިހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވީ އެހެންވެ ކަމަށް ވިދާޅުވެފައެވެ.