ޖަލުތަކުގައި ހައްލުކުރަން ގިނަ ކަންކަން ހުރުމުން ސުވާލުކުރަން ކަމާބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ގައިދީއެއް -- ފޮޓޯ/ ކަރެކްޝަންސް

ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތާ މެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާއެކު، ޖަލުތަކުގެ ނިޒާމު އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ހައްލުނުވެ ހުރި މައްސަލަތަކާ ގުޅޭގޮތުން ސުވާލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް, ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް މެމްބަރު, އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ.

މެމްބަރު ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް ގައިދީން ބޭތިއްބުމެވެ. މީގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެ، ނުރައްކާތެރި ކުށްވެރިންނާއި ކުދިކުށްތަކުގައި ބަންދުކުރެވޭ މީހުން އެއްކޮށް ބޭތިއްބުމުގެ ނުރައްކާ އޮތްކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: --- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން، ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބުމާއި، އުސޫލެއް ނެތި ބާރުގަދަ ނަފުސާނީ ބޭސް ދިނުމާއި، ޓީބީ ފަދަ ގައިންގަޔަށް އަރާ ބަލިތައް ޖެހިފައިވާ މީހުން ވަކިކުރެވޭނެ އިންތިޒާމެއް ނެތްކަމުގެ ޝަކުވާތައް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްފައި ބޭތިއްބުން ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަކީ އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ބޮޑު މައްސަލައެއްގެ ގޮތުގައި މެންބަރު ވަނީ ސިފަކުރައްވައިފައެވެ. މިގޮތަށް ވަކި ދުވަހެއް ނޭނގި ދިގު މުއްދަތަކަށް ބަންދުގައި ތިބެންޖެހުމުން ގައިދީންނަށާއި އާއިލާތަކަށް ބޮޑެތި ނަފުސާނީ އަދި އިޖުތިމާއީ ދަތިތަކާ ކުރިމަތިވާކަން ސިޓީގައި ފާހަގަ ކުރައްވައިފައިވެއެވެ.

ޖަލުތަކުގެ އުމްރާނީ ހާލަތާ ގުޅޭގޮތުން ސިޓީގައި ފާހަގަ ކުރައްވާފައިވަނީ, ވެންޓިލޭޝަން ދަށްވުމުގެ ސަބަބުން ހޫނުގަދަވުމާއި، ފާޚާނާތައް މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން ބަލިމަޑުކަން ފެތުރުމުގެ ބިރު އޮތް ކަމަށެވެ. އަދި ޖަލުތަކުގައި މީދަލާއި މަދިރީގެ އުނދަގޫ ބޮޑުވުމާއި، އަންހެން ގައިދީންނަށް ބޭނުންވާ ސެނިޓަރީ ޕެޑް ފަދަ އަސާސީ ތަކެތި ހޯދުމުގައި ދަތިތައް ހުރިކަންވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

މީގެ އިތުރުން ޖަލު ކޮއްތުގެ ފެންވަރު ދަށްވުމާއި، ސާފުތާހިރުކަން ކުޑަވުމުގެ ޝަކުވާތައް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

މި މައްސަލަތަކާ ގުޅިގެން ކަރެކްޝަންސްގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުމުގެ އިތުރުން، މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ މެންބަރުން ޖަލުތަކަށް ޒިޔާރަތްކުރައްވައި, ހާލަތު ބައްލަވައިދެއްވުމަށް ވެސް މެންބަރު ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ސާފުކުރުމާއި، ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ ބަލައިގަނެވޭ ފެންވަރަކަށް ނޫން ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ރާއްޖެ އައިސް، ޖަލުތަކުގެ ހާލަތު ބެލުމަށް ފަހު އެ ޖަމިއްޔާއިން އޭރު ބުނީ ޖަލުތަކުގެ ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ކަމަށާއި ބޭސް ފަރުވާ ހޯދުމާއި ކަސްރަތު ކުރުން ފަދަ އިންސާނީ ހައްގުތަކުން ގިނަ ގައިދީން މަހްރޫމްކޮށްފައިވާ ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގެ މައިގަނޑު މަގުސަދަކީ ޖަލުތަކުގެ ނިޒާމު އިސްލާހުކުރުމަށާއި، ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ސާފުކުރުމެވެ. މީގެ އިތުރުން، މަޖިލީހުގެ ކޮމިޓީން ޖަލުތަކަށް ޒިޔާރަތްކޮށް ހާލަތު ވަޒަންކުރުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. ރާއްޖޭގެ ޖަލުތަކުގެ ހާލަތު އޮތީ އިންސާނީ ހައްގުތައް ނުގެއްލޭ ފަދަ މިންގަނޑެއްގައި ނޫންކަން ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ފާހަގަކޮށްފައިވާއިރު، މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

  • ޖަލުގެ ޖާގައަށްވުރެ އިތުރަށް ގައިދީން ބޭތިއްބުމުގެ ސަބަބުން ކުދި ކުށްތަކާއި ބޮޑެތި ކުށްތައް ކުރާ މީހުން އެކުވުމުގެ ނުރައްކާ އޮތުން.
  • އެކަށީގެންވާ ބޭސްފަރުވާ ނުލިބުމާއި، ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުން ވަކިކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުން.
  • ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާ ބަންދުގެ ސަބަބުން ގައިދީންނާއި އާއިލާތަކަށް ނަފުސާނީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވުން.
  • އުމްރާނީ ހާލަތު ދަށްވުމާއި، ސާފުތާހިރުކަން ކުޑަވުމާއި، އަންހެން ގައިދީންނަށް ބޭނުންވާ ސެނިޓަރީ ޕެޑް ފަދަ އަސާސީ ތަކެތި ހޯދުމުގައި ދަތިތަކާ ކުރިމަތިވުން.
  • ޖަލުތަކުގެ މައްސަލަތައް ހައްލުކުރުމަށް ކަރެކްޝަންސްގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުމަށް ވަނީ ހުށަހަޅާފައި.
  • މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ޖަލުތަކުގެ ހާލަތު ގާތުން ބެލުމަށް ޒިޔާރަތްކުރުމަށް ވަނީ އެދިފައި.
  • ޖަލުތަކުގެ ހާލަތު ހުރީ ބަލައިގަނެވޭ ފެންވަރެއްގައި ނޫންކަން އދ. ގެ ކަމާބެހޭ އިދާރާއިން ވެސް މީގެ ކުރިން ވަނީ ފާހަގަކޮށްފައި.
comment ކޮމެންޓް