ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް ސަރުކާރުން އެކުލަވައިލައިފައިވާ ގަވާއިދުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ފުށުއަރާ ގޮތަށް ހުރި މާއްދާތައް އުވާލަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މިމަހު, ހަވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އޭނާ ވަނީ ރާއްޖޭން ޑީޕޯޓުކޮށްލައި އަނބުރާ ގައުމަށް ފޮނުވައިލައިފައެވެ. މި ގަވާއިދުގެ މައްސަލަ ބޮޑުވެފައިވަނީ އޭނާ ހައްޔަރުނުކޮށް، އަނބުރާ ފޮނުވައިލުމުންނެވެ.
ހަސަން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ ސިޔާސަތަކީ މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން ކަމަށާއި ފާއިތުވި ހުރިހާ އިންތިޚާބެއްގައި ވެސް އެ ޕާޓީން ގެންގުޅެފައިވާނީ އެ ސިޔާސަތު ކަމަށެވެ. އެކަމަކު، މިހާރު އަމަލުކުރަމުން އަންނަނީ އެ ސިޔާސަތާ މުޅިން އިދިކީއްޔަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މިހާރު އޮތް ގަވާއިދުގެ ސަބަބުން އެއްވެސް ބިރެއްނެތި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
"ގާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި، އެ ގަވާއިދު ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން،" ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
އެހެންވެ، އޭނާ ވަނީ މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް ސަރުކާރުން އެކުލަވައިލައިފައިވާ ގަވާއިދުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ފުށުއަރާ ގޮތަށް ހުރި މާއްދާތައް އުވާލަން ހުށަހަޅުއްވައިފައެވެ.
މި މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ކަސްޓަމްސްއިން ބުނީ އޭނާ ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވަނީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެގޮތުގެ ގަވާއިދު"އާ އެއްގޮތްވާ ގޮތުގެ މަތިން، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާ އެކުގައި ކަމަށެވެ.
ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރި 46 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ބެލުމުގެ ދަށުގައި ވަނިކޮށް "ގެއްލުނު" މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
އެގޮތުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކުރި ނަމަވެސް އޭނާގެ ލަގެޖް ހަވާލުކޮށްފައިނުވާ ކަމަށް މީޑިއާތަކަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެކަމަކު، ކަސްޓަމްސް އިން ވަނީ އެ ކަން ދޮގުކޮށް މިހާތަނަށް އަތުލައިގެންފައިވާ އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާ ކަމަށް ބުނެފައެވެ.