6.5 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގަތުމަށްފަހު، އެ ގެނައި މީހާ ރާއްޖެއިން ފޮނުވާލައިފި

މީގެ ކުރިން ބްރެޒިލްއިން އައި މީހެއްގެ ލަގެޖުން ފެނުނު ކޮކެއިން: އިއްޔެ ރާއްޖެއެތެރެކުރި 2.6 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެފަ ---- ފައިލް ފޮޓޯ: ކަސްޓަމަސް

ރާއްޖެއަށް 6.5 މިލިއަން ރުފިޔާގެ ޑުރަގު އެތެރެކުރި މީހަކު އަނބުރާ ފޮނުވާލުމަށްފަހު އޭނާ ގެނައި ޑުރަގްތައް ހިފަހައްޓައިފިއެވެ.

ކަސްޓަމްސްއިން މިރޭ ބުނީ އިއްޔެ ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލް މީހެއްގެ އަތުން 2.6 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާ ކަމަށެވެ.

އުމުރުން 23 އަހަރުގެ އެ އަންހެންމީހާއާ މެދު ޝައްކު އުފުދިގެން އޭނާގެ ލަގެޖު ބަލާ ފާސްކުރިއިރު އޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރައްކާ ކޮށްފައިހުރި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެތަކެތި ކޮކެއިންނަށް ޕޮޒިޓިވްވެފައިވާއިރު އޭގެ މަގުމަތީގެ އަގު 6.5 މިލިއަން ރުފިޔާއަށް ވުރެ މަތި ވާނެ ކަމަށް ކަސްޓަމްސްއިން ވަނީ ލަފާކޮށްފައެވެ.

ކަސްޓަމްސްއިން ބުނީ އެ އަންހެންމީހާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ. އަދި ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު އެ މީހާ ރާއްޖެއެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މިދިޔަ މަހުގެ 26 ވަނަ ދުވަހު އާންމުކުރި ގަވާއިދެއްގައި ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ ނަމަ އެ މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބެއެވެ.

comment ކޮމެންޓް