ގްރޫޕްތަކަށް ދޫކޮށްފައިވާ ފުޓްސަލް ދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރު ފަންޑަށް ނަގަނީ

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަދައްކަވަނީ: ވިދާޅުވީ ގްރޫޕްތަކަށް ދޫކޮށްފައިވާ ފުޓްސަލް ދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރު ފަންޑަށް ނަގާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

މާލޭގައި އެކިއެކި ގްރޫޕްތަކަށް ދޫކޮށްފައި ހުރި ފުޓްސަލް ދަނޑުތަކުން ލިބޭ އާމްދަނީ، ކުޅިވަރުގެ ފަންޑަށް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ރާފިއު އެފަދައިން ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައެވެ.

މެންބަރު މުސްތަފާ ވަނީ މާލޭގައި އެކިއެކި ގްރޫޕްތަކަށް ދޫކޮށްފައި ފުޓްސަލް ދަނޑުތައް ދޫކޮށްފައި ހުރުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް އާމްދަނީ ބޭނުންވާއިރު، އެ ކްލަބްތަކަށް އެ އާމްދަނީ ލިބުމުގެ ބަދަލުގައި ދަނޑުތައް ކޮންޓްރޯލްކުރާ ގްރޫޕްތަކަށް ދަނޑުތަކުން އާމްދަނީ ލިބޭތީ މުސްތަފާ ވަނީ އެ ކަމާ ސުވާލުއުފައްދަވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވާ މިނިސްޓަރު ރާފިއު ވިދާޅުވީ، އެ ކަމަކީ މިނިސްޓްރީން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ދަނޑުތައް ގްރޫޕްތަކަށް ދީފައިވަނީ އެއްވެސް އުސޫލެއްގެ ދަށުން ނޫން ކަމަށާއި ބައެއް ދަނޑުތައް ސިޓީއެއްގެ ޒަރީއާއިން ވެސް ދީފައިވާ ކަމަށެވެ.

"ވަކި އުސޫލެއް ކަނޑަނޭޅި ކުރީގެ ސަރުކާރުތަކުން ވާރުތަވެގެން އަޅުގަނޑުމެންނަށް އައިސް ހުރި ދަނޑުތަކެއް މިއީ. ދެން ބައެއް ދަނޑުތައް ދެވިފައި މިވަނީ ސިޓީއެއްގެ ޒަރީއާއިން. ބައެއް ދަނޑުތައް ކޮންމެ ވެސް ކަހަލަ އަންޑަސްޓޭންޑިންއެއްގެ ދަށުން ދެވިފައި މި ހުންނަނީ. އެއްވެސް ކަހަލަ ކޮންސިސްޓަންސީއެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުއެއްފެނޭ،" ރާފިއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

އެކަން ހައްލުކުރުމަށް މިހާރު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ރާފިއު ވިދާޅުވީ، ދާދި ފަހުން ކެބިނެޓުން ފާސްކުރީ އެފަދަ ދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރުގެ ފަންޑަށް ލިބޭނެ ގޮތަށް ތަރުތީބުކޮށް، މަސައްކަތްކުރުމަށް ކަމަށެވެ.

ކުޅިވަރުގެ ފަންޑަކީ މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނާފައި އޮތް ފަންޑެކެވެ. އެ އިސްލާހުތައް ގެނެސް، ގާނޫނަކަށް ވާ ހިސާބުން ކުޅިވަރުގެ ފަންޑު އުފެދޭނެއެވެ.

ރާފިއު ވިދާޅުވީ، އެ ގާނޫނު ފާސްވެގެން އަންނައިރު ކުޅިވަރުގެ ފަންޑަށް އެ ފައިސާ ލިބޭނެ ގޮތަށް ހަމަޖެހުމަކީ ދަނޑުތައް ބޭނުންކުރާ ބޭފުޅުން ވެސް އަދި ކުޅިވަރު ވެސް ކުރިއަރުވަން ލިބޭނެ ފުރުސަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ގިނަ ދުވަސްވެފައި އޮތް ކަމަކަށްވެފައި ހައްލުކުރަން އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. އެހެންނަމަވެސް، ވާހަކަދެކެވިގެން އެކަން ހައްލުކުރައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެން މި ބަލަނި ކޮމަން އެގްރީމަންޓެއް ހަދައިގެން އެ ބޭފުޅުންނަށް ވެސް އަދި އެހެން ބޭފުޅުންނަށް ވެސް ބޭނުންކުރެވޭނެ ގޮތަށް، އެ ތަންތަނުން ލިބޭ ފައިސާ ކުޅިވަރު ކުރިއަރުވަން ފަންޑަށް ދާނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެން ދިޔުން،" ރާފިއު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރީ އެ ބޭފުޅުންނާ ވާހަކަދައްކައިގެން އެ ހަވާލުކުރެވިފައި ތިއްބެވި ބޭފުޅުންނާ ވާހަކަދައްކައިގެން ކޮންމެ ވެސް ކަހަލަ އަންޑަސްޓޭންޑިންއަކަށް ގެނައުން. އަދި، ކަރުދާހަށް ގެނައުން އެގްރިމެންޓެއް ހަދައިގެންވިޔަސް. އެ މަސައްކަތް ކުރަމުން އެބަދަން،" ރާފިއު އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް