މަރުކަޒު ކުރެވިފައި އޮތް ސިއްހީ ޚިދުމަތް މުޅި ރާއްޖެއަށް ފަތުރާލައި، ލާމަރުކަޒު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ޚިދުމަތް މަރުކަޒުވެފައި އޮތުމުން ދިމާވާ ގޮންޖެހުން ބޮޑު ކަމަށާއި އެކަމުން އަރައިގަނެވޭނީ ސަރަހައްދީ ޓާޝަރީ ހޮސްޕިޓަލްތައް ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރެވިގެން ކަމަށެވެ.
"ހަމައެކަނި ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލަށް ގެނެވުނު ތަރައްގީގެ ލިސްޓު ދިގު. އެ ހޮސްޕިޓަލުގައި އަލަށް ދޭން ފެށިފައިވަނީ ޒަމާނީ ސިއްހީ ޚިދުމަތް. އެމްއާރުއައި، ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން، ލެޕްރޮސްކޯޕިކް ސާޖަރީ، މެގޯގްރާމް އަދި މިނޫންވެސް އެކި ޚިދުމަތްތައް ފެށިއްޖެ." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއަކީ ހަމައެކަނި ކުޅުދުއްފުއްޓާއި، އައްޑޫއާ ހަމައިން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި ގދ. ތިނަދޫއާއި، ލ. ގަމާއި، ރ. އުނގޫފާރުގައި ހުންނަ ޓާޝަރީ ހޮސްޕިޓަލް ވެސް ހަގީގީ މާނައިގައި ޓާޝަރީ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
މިގޮތުން، 30 އެނދުގެ ހޮސްޕިޓަލް 12 ރަށެއްގައި އަޅާނެ ކަމަށާއި އަދި، 50 އެނދުގެ ހޮސްޕިޓަލް ހަ ރަށެއްގައި އިމާރާތް ކުރައްވަން އެމަނިކުފާނު ވައުދުވެލެއްވިއެވެ.
"ސިއްހީ ދާއިރާއިން މުޅި ރާއްޖެއާ މެދު ސަރުކާރު ގެންގުޅޭ ތަސައްވުރު ފުރިހަމަ ވާނީ މި ދެންނެވި ހުރިހާ ހޮސްޕިޓަލްތަކާއެކު." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި މެންޓަލް ހެލްތް ޚިދުމަތް މި ދައުރުގެ ތެރޭގައި ގާއިމް ކުރެވިއްޖެ ކަމަށެވެ. އަދި، މާލެއާއި އައްޑޫގައި ޗައިލްޑް ޑިވޮލޮޕްމަންޓް ޔުނިޓުތައް ގާއިމުކޮށް، މިހާރު ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ސިއްހީ ޚިދުމަތް ފުޅާކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ސިއްހީ ޚިދުމަތް ލާމަރުކަޒު ކުރުން ކަމަށެވެ. އެހެންވެ، އެ މަޝްރޫއުގެ ދަށުން ޓާޝަރީ ހޮސްޕިޓަލްތައް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިއްމު ވައުދެކެވެ. މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރަށްރަށާއި އަތޮޅުތަކުގެ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމެވެ.