މިއަހަރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފައިލް ފޮޓޯ

މިއަހަރަށް ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.70 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެ، މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.68 މިލިއަނަށް އެރިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ފާއިތުވި ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީޚުގައި ކުރިމަތިލި އެންމެ ބޮޑު އިގުތިސާދީ ގޮންޖެހުންތައް ތަހައްމަލް ކުރަން ޖެހުނު ތިން އަހަރު ކަމަށެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހުއްޓުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ކުރި މަސައްކަތްތަކުންނާއި ކުރާން ރާވާފައިވާ ކަންކަމުން އެދެވޭ ނަތީޖާއެއް ފެންނަ ކަމަށާއި ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި، 2028 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަށް އަހަރަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވެގެން 3.5 މިލިއަނަށް އިތުރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ 2028 ނިމޭއިރު، ރާއްޖޭގެ އިގުތިސާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް. 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިގުތިސާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ. އިގުތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށްލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

އެ ބަދަލުތަކާއެކު، ރައްޔިތުންގެ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި އާ ސިނާއަތުތައް އުފެދި، މުޖުތަމައަށް ހަމަޖެހުމާއި އަމާންކަން ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، ކޮވިޑަށް ފަހު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ މިންވަރަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިންސައްތައިން ކަމަށާއި ނަމަވެސް އަހަރު ނިމުމުނުއިރު އެ އަންދާޒާ 12.4 އިންސައްތައަށް އިތުރު ކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ހިނގާ އަހަރަށް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ 8.2 އިންސައްތައިން،" ރައީސް ވިދާޅުވިއެވެ.

މިދިޔަ މަހު ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ތާރީޚުގައި، އެއް މަސްތެރޭ ދައުލަތަށް ލިބުނު އެންމެ ބޮޑު އާމްދަނީ ކަމަށެވެ.

"ކުރިއަށް އޮތްތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ. އަދި ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފަ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 827 މިލިއަން އެމެރިކާ ޑޮލަރުހުރި،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް