ޗުއްޓީއަށް ދިޔަ ގޮތަށް ރަސްމާދޫ ސްކޫލު ޕްރިންސިޕަލް ނާދޭ، މައްސަލަ ބަލަނީ

ރަސްމާދޫ ސްކޫލު ދަރިވަރުންތަކެއް -- ފޮޓޯ/ ރަސްމާދޫ ސްކޫލު ފޭސްބުކް

ރ. ރަސްމާދޫ ސްކޫލު ހިންގަން ހަވާލުކޮށްފައި ހުންނަ އެ ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު، އެއްވެސް އެއްޗެއް ނާނގައި ސްކޫލަށް ހާޒިރުނުވެ، އެ މަގާމު ހުސްކޮށް އޮންނާތީ އެ ސްކޫލުގެ ބެލެނިވެރިންނާއި، ޓީޗަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ޗުއްޓީއަށްފަހު ޕްރިންސިޕަލް ސްކޫލަށް ހާޒިރު ނުވާތާ މިހާރު ހަތަރު މަސް ދުވަސް ވަނީ ވެފައެވެ. ރަސްމާދޫ ސްކޫލުގައި ޕްރިންސިޕަލެއް ނެތުމަކީ އެ ސްކޫލު ޓީޗަރުންނާއި ބެލެނިވެރިންގެ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

އެ ސްކޫލުގެ އިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ، ޕްރިންސިޕަލްގެ މަގާމަށް ރަޝާދު ހަމަޖެއްސީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ވެސް މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި ރަނގަޅު ނަތީޖާއެއް ސްކޫލުގެ ހިންގުމުގެ އެއްވެސް ކަމަކުން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޗުއްޓީއަށް ދިޔަ ގޮތަށް ގެއްލުނީ. އެއްވެސް ޚަބަރެއް ނެތީ. ދެން ސްކޫލުން އޭނާގެ ޚަބަރެއް ނުވެގެން ގުޅީމަ ބުނީ، ޖަހާށޯ އެބްޒެންޓް. ދެން އަދިވެސް މީނާ މަގާމުން އަމިއްލައަށް ވަކިވީއެއް ވެސް ނޫން،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ބެލެނިވެރިން ވަނީ ޕްރިންސިޕަލްގެ މަގާމަށް ރަސްމީކޮށް ބޭފުޅަކު ހަމަޖެއްސުން ލަސްވާނަމަ ކުދިން ސްކޫލަށް ނުފޮނުވައި، އިހުތިޖާޖުކުރަން ވެސް ނިންމައިފައެވެ.

އޭނާ ވިދާޅުވީ، ސްކޫލު ހިންގުމުގެ މަސައްކަތުން ޕްރިންސިޕަލް "ގެއްލުމަށް" ފަހު ދެން ފެނުނީ، ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ތަން ކަމަށެވެ.

މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހްމަދު އަލީ "ސަން"އަށް ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަަށް މިހާރު އައިސްފައިވާ ކަމަށެވެ.

އަދި ޕްރިންސިޕަލް ވަޒީފާއަށް ހާޒިރު ނުވާތީ، އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް ކުރަމުން އަންނަކަމަށް އަލީ ވިދާޅުވިއެވެ.

އެހެން ނަމަވެސް ސްކޫލު ހިންގުން މިވަގުތު އެ ސްކޫލުގެ އިސް ބޭފުޅަކާ ހަވާލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްރޮސެސް ފުރިހަމަވެގެން އެ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖެހެންދެން ސްކޫލުގައި ހުންނާނެ ހަމަ ވަގުތީ ގޮތުން އާންމުކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގެންގުޅޭ އުސޫލުގެ ދަށުން ސްކޫލުން ހިންގުން ބޭފުޅަކާ ހަވާލުކޮށްފައި،" އަޙްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރިންސިޕަލްކަމުގެ މަގާމަަށް ރަސްމީކޮށް ބޭފުޅަކު ހަމަޖެއްސޭނީ މިހާރު އެ މަގާމުގައި ހުންނެވި ބޭފުޅާ އެ މަގާމުން ވަކިކޮށް، މަގާމު ހުސްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޕްރިންސިޕަލް ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވާކަމުގެ އެއްވެސް މައްސަލައެއް މިހާތަނަށް ރަސްމީކޮށް މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަމެއް ބަަލައި، ފިޔަވަޅު އަޅާނެކަމަށް ވެސް އަޙްމަދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް