ޙަޤީޤީ ތަރައްޤީއާ ބެހޭ ބައެއް ވާހަކަ

ފުވައްމުލައް: ދިވެހިރާއްޖޭގެ މުހިއްމު ރަށްތައް ރަނގަޅު ޕްލޭނެއްގެ ދަށުން ބިނާ ކުރުމުގެ މަސައްކަތް ފަށާން ޖެހޭ.

މީގެ ދުވަސްކޮޅެއް ކުރީން ސަން އޮންލޭނުގައި ޝާއިޢު ކުރެވުނު ރިޕޯޓެއްގައި، ދިވެހިރާއްޖޭގެ ވެރިރަށް މާލެ ބިނާ ކުރުމުގައި އަލިފާނުގެ ޙާދިސާތަކުން މީސްތަކުންނާއި މުދަލަށް އެކަށީގެންވާ ރައްކައުތެރިކަން ލިބޭނޭ ގޮތަށް ޢިމާރާތްތައް ހެދުމަށް ސަމާލުކަން ނުދެވުނު މައްސަލަ ފާހަގަ ކުރެއްވިއެވެ.

މިއީ މާލެއާ ބެހޭގޮތުން އެތައް ލިޔުންތެރީންގެ ގަލަންތަކުންނާއި އެތައް ތަޖުރިބާކާރުންގެ ދޫތަކުން ފާހަގަ ކުރާ އެތައް މައްސަލަތަކެއްގެ ތެރެއިން އެއް މައްސަލައެވެ. އެ މައްސަލަތަކުގެ ލިސްޓަކީ ވަރަށް ދިގު ލިސްޓެކެވެ. އަވަސް ކަޅިއަކުން އެ ލިސްޓަށް ބަލައިލަމާ ހިންގަވާށެވެ!

މާލޭގައި ފެހި ގަސްގަހާގެހި ހައްދައި ބަގީޗާ ޕާކުތަކާއި ވިނަ ބިންތަކުގެ ގޮތުގައި އޮންނަ ތަންތަން މަދު ވެފައި، މުޅި ތަނުގައި ޢިމާރާތް ކޮށް ރަށަކީ ގޮނގުރެޓު ޖަންގައްޔަކަށް ވެފައި އޮންނަ މައްސަލައެވެ. ކޮންމެ ގޯއްޗެއްގެ ކަހަލަ ގޮތަކަށް ހަތަރު ފަރާތުން އިންމަތީން ފެށިގެން ޢިމާރާތް ކޮށް، ޢިމާރާތްތަކުގެ ބޭރު ފާރަކީ މަގުގެ އިންފާރު ކަމުގައި ވެފައި ވުމުގެ ސަބަބުން ނުކުންނަ މައްސަލަތަކެވެ. މަގުތައް ހަނި ވުމާއި، ޒަމާނީ ޝަހަރެއްގައި ޓްރެފިކް މެނޭޖް ކުރުމަށް ޓަކައި މަގު ފަރުމާ ކުރާން ޖެހޭ ގޮތަށް ފަރުމާ ކުރުން މުސްތަޙީލު މައްސަލައެވެ. ތަނުގައި ގެންގުޅެވޭ އެތައް ހާސް އެއްގަމު އުޅަނދެއް ޕާކު ކުރާނޭ ޖާގަ ނެތިގެން މަގުތަކުގެ ދެ ފަރާތުގައި ޕާކު ކޮށްފައި ބަހައްޓާން ޖެހުމުގެ ސަބަބުން ނުކުންނަ މައްސަލަތަކެވެ.

މީހުން ދިރިއުޅުމަށް ބިން ދޫ ކުރެވޭ ތަނެއް، ވިޔަފާރިއަށް ބިން ދޫ ކުރެވޭ ތަނެއް، ދައުލަތުގެ ޢިމާރާތްތަކަށް ޚާއްޞަ ކުރެވޭ ސަރަޙައްދެއް އިންތިޒާމީ ގޮތެއްގައި ވަކި ނުކުރެވި، މި ހުރިހައި ވައްތަރުވައްތަރުގެ ތަންތަން މުޅި ރަށުގެ އެތަންމިތަނަށް އެކި ގޮތްގޮތަށް އުކައިފައި ކަހަލަ ގޮތަކަށް ހުންނަހުރުމާއި އޭގެ ސަބަބުން ދިމާވާ ދަތިތަކާއި މައްސަލަތަކެވެ. ކަރަންޓާއި ފޯނާއި ފެނާއި ގޭހާއި އިންޓަރނެޓް ފަދަ ޚިދުމަތްތައް ދިނުމަށް ޓަކައި މަގުތަކުގައި ހޮޅި ވަޅުލުމާއި ވައިރު ވަޅުލުން ފަދަ ކަންކަމާ ގުޅޭ މައްސަލަތަކެވެ. މަގުތަކުން ފެން ހިންދާނޭ ރަނގަޅު ބުރުނާލު ނިޒާމެއް ނެތުމުގެ މައްސަލައެވެ. ގޭގެއަށާއި އޮފީސް ފަދަ ތަންތަނަށް ޕޯސްޓު ފަދަ ޚިދުމަތްތައް ފޯރު ކޮށްދިނުން މުސްތަޙީލު ވާގޮތަށް ރަށް ޢިމާރާތް ކުރެވިފައި ހުންނަ މައްސަލައެވެ. ވަކިވަކި ޢިމާރާތްތަކުގައި ވެސް އަދި ޝަހަރުގެ ޢުމްރާނީ ފަރުމާގައި ވެސް އެއްވެސް ކަހަލަ ފަންނީ ރީތިކަމެއް އަދި ރަށުގެ ބިނާވެށި ދެކޭ ބަޔަކު ހިތްހަމަޖެހޭނޭ ފަދަ އެއްވެސް ގޮތެއް ނުހުންނަ މައްސަލައެވެ.

އެމެޖެންސީތަކުގައި ޢިމާރާތްތަކުން މީހުން ނެރުމާއި ވަކިވަކި ޢިމާރާތްތަކަށް އަމާޒު ކޮށްގެން ސަލާމަތާއި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުން މުސްތަޙީލު ވާ ގޮތްގޮތަށް ޢިމާރާތް ކޮށްފައި ހުންނަ މައްސަލައެވެ. ކުނީގެ ކަންކަން މެނޭޖު ކުރުން އިންތިހާ ދަރަޖައިގެ ބޮޑު ތަކުލީފަކަށް ވާ މައްސަލައެވެ. އެތައް ގެދޮރެއް 600 އަކަފޫޓުގެ ކުޑަކުޑަ ގޮޅިގޮޅިއަށް ފައްތައިގެން ޢިމާރާތް ކޮށްފައި ހުންނަ މައްސަލައެވެ. މަތީ ފެންވަރުގައި ސެކިޔުރިޓީ ދޭން ޖެހޭ ޢިމާރާތްތަކަށް އެ ޚިދުމަތް ފޯރު ކޮށްދިނުމަށް ބައެއް ފަހަރު މުސްތަޙީލު، އަދި ގިނަ ފަހަރު އިންތިހާއަށް އުނދަގޫ ވާ ގޮތްގޮތަށް ތަން ހަދައިފައި އޮންނަ މައްސަލައެވެ. މަދަރުސާތައް ފަދަ ތަންތަން ރަށުގެ މެދުތެރޭގައި އެންމެ މީހުން ގިނަ ވާ ދިމަދިމާގައި ހުރުމުން ދިމާ ވާ މައްސަލަތަކެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ. މާލޭގެ މައްސަލަތަކުގެ ލިސްޓަކީ ކޮޅުން ލާކަށް އޮތް ލިސްޓެއް ނޫނެވެ.

ޙަޤީޤަތަކީ، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ހެޔޮ ގޮތުގައި އިންސާނުންނަށް ދިރިއުޅެވޭނޭ ފަދަ ޢުމްރާނިއްޔަތެއް އޮތް ތަނެއް ނޫންކަމެވެ. ޙަޤީޤީ މަދަނިއްޔަތެއް ބިނާ ކުރެވޭ ގޮތަށް ޢިމާރާތް ކޮށްފައި އޮތް ތަނެއް ނޫންކަމެވެ. އަވަހަށް ނުވަތަ ލަހުން ވިޔަސް މުޅީންހެން ރޫޅައިލައިފައި އަލުންބަލުން ބިނާ ކުރާން ޖެހޭ ތަނެއްކަމެވެ. ސަބަބު ވަރަށް ސާފެވެ. އެ ސަބަބަކީ، މިހާރު ދިވެހިރާއްޖޭގެ އެހެން ހުރިހައި ރަށްތަކެއް ޢިމާރާތް ކުރުމުގައި ކަންތައް ކުރެވެމުން މި ދާ ފަދައިން، މާލެ ވެސް ޢިމާރާތް ކުރުމުގައި ކުރިޔަށް އޮންނަ ހައެއްކަ އަހަރަށް ވުރެ ދުރަށް ވިސްނުން ހިންގިފައި ނެތުމެވެ. ދިރާސާތައް ކޮށްގެން، އެ ދިރާސާތަކުގެ އަލީގައި ދުރު މުސްތަޤުބަލަށް ބޭނުން ވާ ހަރުދަނާ ޕްލޭންތައް ކޮށްގެން، އެ ޕްލޭންތަކާ އެއްގޮތަށް މާލޭގެ ޢުމްރާނިއްޔަތު ފަރުމާ ނުކުރެވުމެވެ. އެހެންކަމުން، މިހާރު ކަންތައް ކުރެވެމުން މި ދާ ގޮތުން ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއް ވެސް ބަދަލު ވެގެން ދާނީ މާލެ ފަދަ ގޮނގުރެޓު ޖަންގައްޔަކަށެވެ. އިންސާނުން ދިރިއުޅޭން ކަމުނުދާ، މަދަނިއްޔަތެއް އޮތުން މުސްތަޙީލު، އަދި އެއްވެސް ކަހަލަ ޢުމްރާނީ ރީތިކަމެއް ނެތް ތަނަކަށެވެ.

މި ވާހަކަ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ދައްކާން ޖެހެއެވެ. ޚާއްސަކޮށް، ރާއްޖޭގައި ކުރިމަގުގައި އާބާދީ އެއްފަސް ކުރެވިގެންދާ އިރު، އާބާދީ މަރުކަޒުތަކެއްގެ ގޮތުގައި ތަރައްޤީ ކުރެވޭ ރަށްރަށުގެއެވެ.

ޙަޤީޤީ ތަރައްޤީ

ޝައްކެއް ނެތެވެ! ޙަޤީޤީ ތަރައްޤީ އަކީ ތާރު އަޅައިގެން ހެދޭ މަގުތަކާއި ބޮޑެތި ޢިމާރާތްތަކާއި ބަނދަރުތަކާއި ދެންވެސް އެ ބާވަތުގެ ޢުމްރާނީ ކުރިއެރުމެއް ނޫނެވެ. ޙަޤީޤީ އަދި އެންމެ މުހިއްމު ތަރައްޤީ އަކީ އިންސާނާގެ ނަފުސަށް އަންނަ ތަރައްޤީއެވެ. މާލޭގައި ހުރި ކަމަށް އަޅުގަނޑު މި ދެންނެވި މައްސަލަތައް އަޅުގަނޑުމެންނަށް ޙައްލު ކުރެވިދާނެއެވެ. އެ މައްސަލަތައް ނުނުކުންނާނޭ ގޮތަށް ނުވަތަ ވަރަށް މަދު ވާނޭ ގޮތަށް ރާއްޖޭގެ އެހެން ރަށްތައް ފަރުމާ ވެސް ކުރެވިދާނެއެވެ. ނަމަވެސް މާއްދީ އަދި ޢުމްރާނީ ތަރައްޤީ ކިތަންމެ މޮޅު ފޯމިއުލާއަކާ އެއްގޮތަށް ގެނަޔަސް، އިންސާނީ ނަފުސަށް އަންނާން ވާ ތަރައްޤީ އަޅުގަނޑުމެންނަށް ޙާޞިލު ނުކުރެވެންޏާ، ދެން ގެނެވޭ އެއްވެސް ތަރައްޤީއެއްގެ މާނައެއް ނެތެވެ.

މި ދެންނެވި ޙަޤީޤަތުގެ މައްޗަށް ބުރަ ވެ ވާހަކަ ދައްކަންޏާ، ޤައުމަކަށް އަދި ޤައުމުގެ ޝަހަރަކަށް ނުވަތަ ރަށަކަށް އަންނަ ތަރައްޤީ އަކީ ޝާމިލު އެއްޗަކަށް ވާން ޖެހެއެވެ. ޝާމިލޭ މި ދަންނަވަނީ، އެއް ދާއިރާއެއް ނުވަތަ ވަކި ދާއިރާތަކަކުން ތަރައްޤީ ވުން ނުވަތަ ކުރިޔަށް ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، ފަރުދީ އަދި އިޖުތިމާޢީ ފެންވަރުގައި މުޅި މުޖުތަމަޢާއި ޤައުމު ހުރިހައި ދާއިރާތަކަކުން ހެވާއި އިޞްލާޙާއި ރަނގަޅާއި ކުރިއެރުމާއި ފާގަތިކަމާ ދިމާޔަށް ދަތުރު ކުރާ ކުރުމަށެވެ. އިނގިރޭސި ބަހުން "ހޯލިސްޓިކް" ތަރައްޤީ އޭ ބުނުމުން ވެސް މި ދަންނަވާ މާނަ ގާތްގަނޑަކަށް ފުރިހަމައަށް ދޭހަ ވެއެވެ. ޝާމިލު ތަރައްޤީއެއް ޤައުމަކަށް އަންނަ ޙާލަތުގައި، އެ ޤައުމެއްގެ ފަރުދުންނަކީ ރޫޙާނީ އަދި އަޚްލާޤީ ގޮތުންނާއި، ޖިސްމާނީ އަދި ޞިއްޙީ ގޮތުންނާއި، ޖަޒުބާތީ އަދި ނަފުސާނީ ގޮތުންނާއި، ފިކުރީ އަދި ޢިލްމީ ގޮތުން ހެޔޮ އަދި ރަނގަޅު އިންސާނުންތަކެއް ކަމުގައި ވެދެއެވެ. އެޔާއެކު، ޢާއިލީ އަދި އިޖުތިމާޢީ ނިޒާމު ހެޔޮކަމުގެ ބިންގަލުގައި ބިނާ ވެދެއެވެ. އެޔަށްފަހު، ޤައުމީ އެކިއެކި ކަންކަން ވެސް ހަރުދަނާ ގޮތްތަކެއްގެ މަތީގައި ކުރިއަރައިގެން ދެއެވެ. އެ ހިސާބުން އުފެދެނީ ދިރޭ ޤައުމެކެވެ. ޝަރަފުވެރި ޤައުމެކެވެ. އިންސާނީ ޙުރުމަތާއި ކަރާމާތާއި އިންސާނީވަންތަކަމުގެ ބިންގަލުގެ މަތީގައި ޤާއިމު ވެފައި އޮންނަ ޤައުމެކެވެ. ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން، މުޅި ދިވެހި ޤައުމަށް ވެސް އައުން އަޅުގަނޑު އެދޭ ތަރައްޤީއަކީ މިއީއެވެ.

މިސާލަކަށް، ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފުވައްމުލަކަށް ފޯކަސް ކުރަމާ ހިންގަވާށެވެ!

ފުވައްމުލަކުގައި ގެސްޓުހައުސްތައް އެބަ ގިނަ ވެއެވެ. ޓުއަރިސްޓުންގެ އަތުން ޑޮލަރު އެބަ ލިބެއެވެ. އެކަމަކު ރަށުގެ ރައްޔިތުންގެ ރޫޙާނީ އަދި އަޚްލާޤީ ދުޅަހެޔޮކަން އިތުރު އެބަ ވޭހެއްޔެވެ؟ ކުށްތަކާއި ފާފަވެރި ދިރިއުޅުމަށް ދާ މީހުން މަދު އެބަ ވޭހެއްޔެވެ؟ މަސްތުވާ ތަކެއްޗާއި ބަނގުރަލާއި ޒިނޭ އާއި ގޭންގުތަކުގެ ކަންކަމާއި ޕޯރނޯގްރަފީއަށް ދެވި ހިފުމާއި ވިޔަފާރީގައި މަކަރާއި ޙީލަތް ހެދުމާއި، މިހެން ގޮސް ރާއްޖޭގެ ކޮންމެ ރަށެއްގައިހެން ފެތުރި ޢާއްމު ވެފައި ވާ ނުބައި ޢަމަލުތައް މަދު އެބަ ވޭހެއްޔެވެ؟ ރަށުގެ ރައްޔިތުންގެ ޖިސްމާނީ އަދި މާއްދީ ދުޅަހެޔޮކަން ހެޔޮ ގޮތުގައި އިތުރު އެބަ ވޭހެއްޔެވެ؟ ޞިއްޙީ ޙާލަތު ދަނީ ރަނގަޅު ވަމުން ބާވައެވެ! ބަލިތައް މަދު ވެ، ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ކެއުން ފަދަ އާދަތައް ޢާއްމު އެބަ ވޭބާވައެވެ! ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެ އެ ޚިދުމަތުގެ ނަޒާހަތްތެރިކަން ރަނގަޅު ވެ އެ ނިޒާމުގެ ޚަރަދާއި އިސްރާފުތައް ކުޑަ ވަމުން އެބަ ދޭބާވައެވެ! ރަށުގައި ޢިލްމާއި ފިކުރު ދަނީ ކުރިއަރަމުން ބާވައެވެ! ތަޢުލީމުގެ ފެންވަރު ރަނގަޅު ވެ، ރަށުގެ ޢާއްމު ވިސްނުން ކުރި އަރައި، ހެއިލުންތެރިކަން އިތުރު ވެ، ޢިލްމަށް ލޯބި ކުރާ މުޖުތަމަޢަކަށް ވެ، ކުތުބުޚާނާތައް ގިނަ ވެ، ފޮތްތެރިކަން ވަރުގަދަ ވެ، ޢާއްމު މީސްތަކުންނީ ކިޔުންތެރި ބަޔަކަށް އެބަ ވޭބާވައެވެ! މީހުންގެ ވިސްނުމާއި ފިކުރު ކުރުމުގެ ބާރު ވަރުގަދަ ވެ، ބަޔަކު ދައްކާހައި ވާހަކައަކަށް ހެއްލިގެން ނުބައި މަގުމަގުން ހިނގުމުގެ ކަންކަން އެބަ ހުއްޓޭ ހެއްޔެވެ؟ ހެޔޮ ގޮތުގައި ދުނިޔެ ތަޢުމީރު ކުރުމާ އެކު، ޙަޤީޤީ ޙަޔާތަކީ އުޚްރަވީ ޙަޔާތްކަން ދެނެގަނެ، އެ ޙަޤީޤަތުގެ މައްޗަށް ދިރިއުޅުން ފޯކަސް ކުރާ މުޖުތަމަޢެއް ރަށުގައި އެބަ އުފެދޭހެއްޔެވެ؟ ޙައްޤު އަދި ތެދު ދީން ކަމުގައި ވާ އިސްލާމް ދީނުގެ ނިޢުމަތުގެ އަހުލުވެރި ބަޔަކަށް އަޅުގަނޑުމެން ވާހިނދު، ދީނުގެ ކަންކަން ރަށުގައި ދަނީ ކުރިއަރަމުން ބާވައެވެ! އިސްލާމީ އުއްމަތުގެ ޙާލަތާ މެދު ހެއިލުންތެރިކަމާއި ހަމްދަރުދީ އާއި އިހުތިމާމު އަޅުގަނޑުމެންގެ ތެރޭގައި އިތުރު ވެ، އެ ކަންކަމާ އަޅައިލާ ބަޔަކަށް އަޅުގަނޑުމެން އެބަ ވޭތޯއެވެ! އަމިއްލަ ޤައުމުގެ މާޒީ އާއި ތާރީޚާ މެދު ހެއިލުންތެރިކަން އިތުރު ވެ، ޤައުމީ ލޯތްބާއި ޤައުމަށް ވަފާތެރިވުމުގެ ރޫޙު ދަނީ ވަރުގަދަ ވަމުން ހެއްޔެވެ؟ އަމިއްލަ ޤައުމީ ޝަޚްޞިއްޔަތާއި ޤައުމީ ޝަނާޚަތާއި އަމިއްލަ ސަގާފަތަށް ލޯބި ކުރުމާއި މި ކަންކަން ރައްކައުތެރިކުރުމުގެ ޒިންމާދާރުކަން ހުރި، ގުޑުގުޑު ނާޅާ ވަރަށް "ފުރިފައި" ތިބި ބަޔަކަށް ރަށުގެ ރައްޔިތުން އެބަ ވޭހެއްޔެވެ؟

މި ކަންކަން ނުވަންޏާ، ޓޫރޯޑޮލަރުގެ މައްޗަށް ލިބޭ ޓޫރޯޑޮލަރު ބޮނޑިބޮނޑީގެ އެއްވެސް މާނައެއް ނެތެވެ. އަދި ކީއްތޯއެވެ! މި ކަންކަމާ ނުލައި ލިބޭ ޓޫރޯޑޮލަރަކީ އަތަށް ލިބޭ އަލިފާން އަނގުރުތަކެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އަޚްލާޤާއި ބުއްދީގައި ފުރިހަމަ ނޫން ބަޔަކަށް ލިބޭ ފައިސާ އަކީ ނުބައި މަގަށް އެބަޔަކު ގެންދާ އެއްޗެއް ކަމުގައި މެނުވީ ނުވާކަމީ އެކަކަށް ވެސް އިންކާރު ނުކުރެވޭނޭ ޙަޤީޤަތެވެ. ތިމާގެ ރޫޙާނީ، އަޚްލާޤީ، އަދި ފިކުރީ ޙާލަތު ރަނގަޅު ނުވަނީސް ލިބޭ މުއްސަނދިކަމާއި ފައިސާގެ ތެރެއިން ނުކުންނާނޭ ހަމައެކަނި ނަތީޖާ އަކީ ތިމާގެ ދުނިޔަވީ ޙަޔާތް ވެސް އާޚިރުގައި ބަރުބާދު ވުމެވެ. އުޚްރަވީ ޙަޔާތް މުޅީން ގެއްލިދިޔުމެވެ. އެހެންކަމުން، އަޅުގަނޑުމެން ގެސްޓް ހައުސްތަކާއި ޓޫރޯޑޮލަރުގެ މައްޗަށް އިޚްތިޔާރު ކުރާން ޖެހެނީ ރޫޙާނީ އަދި އަޚްލާޤީ އަދި ފިކުރީ ތަރައްޤީއެވެ. އާދޭހެވެ! ކާރުޚާނާތަކާއި، އޮފީސްތަކާއި، ތާރުއެޅި މަގުތަކާއި، ބޮޑެތި ބަނދަރުތަކާއި، ވިޔަފާރި މޯލުތަކާއި ފިހާރަތަކާއި، ނަރުދަމާ އާއި، ދެންވެސް މި ޒާތުގެ މާއްދީ ތަރައްޤީގެ ކަންކަމުގެ ވާހަކަ ދައްކާން ޖެހެނީ ކުރީން މި ދެންނެވި ކަންކަމުގެ ވާހަކައަށް ފަހު ދެވަނައަށް ދައްކާ ވާހަކައެއްގެ ގޮތުގައެވެ. ޝައްކެއް ނެތެވެ. މާއްދީ އަދި އިޤްތިޞާދީ ތަރައްޤީ އަކީ ވެސް ނުހަނު މުހިއްމު ކަމެކެވެ. ނަމަވެސް އަޅުގަނޑުގެ ވާހަކަ އަކީ، ކުރީން މި ދެންނެވި އެންމެ އަސާސީ ކަންކަން ހަނދާން ނައްތައިލައިފައި، ނުވަތަ އެ ކަންކަން ހަވާސާގެ ދަރަޖައަށް ދަށް ކޮށްފައި، ދުނިޔަވީ މާއްދީ ތަރައްޤީގެ ފަހަތުން ދުވުމަކީ ގޯހެއް ކަމުގައެވެ.

އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަން ދޭންވީ މި ދެންނެވި ޙަޤީޤީ ތަރައްޤީއަށެވެ. ނަމަވެސް، އެ ހިސާބުން ނިންމައިލާކަށް ނުޖެހެއެވެ. އާދޭހެވެ! ރޫޙާނީ އަދި އަޚްލާޤީ ގޮތުންނާއި، ޖިސްމާނީ އަދި ޞިއްޙީ ގޮތުންނާއި، ޖަޒުބާތީ އަދި ނަފުސާނީ ގޮތުންނާއި، ފިކުރީ އަދި ޢިލްމީ ގޮތުން ފަރުދުންނާއި މުޖުތަމަޢު އިޞްލާޙު ވެ ހެޔޮ މަގުގައި ސާބިތު ވުމަކުން އެ ނިމުނީއެއް ނޫނެވެ. ދުނިޔެ ތަޢުމީރު ކުރުމާއި، ދުނިޔަވީ ގޮތުން ވެސް ހެޔޮ ގޮތުގައ ކުރިއަރައިދިޔުމަކީ އޮތް ކަމެކެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ވެސް ތަރައްޤީގެ ޕްލޭން އެކަށައަޅައި ތަންފީޛު ކުރާންވީ މި ގޮތުގެ މަތީންނެވެ.

މާއްދީ އަދި ޢުމްރާނީ ތަރައްޤީގެ ހެޔޮ މިސްރާބު

ފަށަމުން ދެންނެވި ފަދައިން، ދުރު މުސްތަޤުބަލަށް އަދި ހެޔޮ ގޮތުގައި ޕްލޭން ނުކުރެވި ބިނާ ކުރުމުގެ ސަބަބުން، އަޅުގަނޑުމެންގެ ވެރިރަށް މާލެ މިއޮތީ ހަލާކު ވެފައެވެ. ރާއްޖޭގެ އެހެން ރަށްރަށް ވެސް ބިނާ ކުރެވެމުން ދަނީ ހަމަ މާލެ ބިނާ ކުރެވުނު ގޮތަށެވެ. މިކަން ވަގުތުން ހުއްޓައިލައި، ރާއްޖޭގައި ކުރިމަގުގައި އާބާދީ މަރުކަޒުތަކެއްގެ ގޮތުގައި ތަރައްޤީ ކުރާނޭ ތަންތަން ކަނޑައަޅައި، އެ ތަންތަން ފުރިހަމަ އަދި ރަނގަޅު ދިރާސާތަކެއްގެ އަލީގައި ރަނގަޅަށް ޕްލޭން ކުރުމަކީ މި ވަގުތު ކޮންމެހެން ވެސް ކުރާން ޖެހިފައި އޮތް ކަމެކެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެ ރަށް މި ގޮތަށް ޕްލޭން ކުރެވިދާނެއެވެ. މިސާލަކަށް، ހއ. ހޯރަފުށްޓާއި، ބ. ތުޅާދުވާއި، ފ. ނިލަންދުވާއި، ދ. ކުޑަހުވަދުވާއި، ލ. ގަމާއި، ލ. ކުނަހަންދުވާއި، އައްޑޫ ފަދަ ތަންތަނެވެ. މި ތަންތަން ތަރައްޤީ ކުރާންވީ ޢުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން، އަދި އެހެނިހެން ގޮތްގޮތުން ވެސް މީގެ ވިހި، ސާޅީސް، ފަސްދޮޅަސް، އަށްޑިހަ، އަދި ސަތޭކަ އަހަރު ކުރިޔަށް ވެސް ވިސްނައިގެން ކުރާ ދިރާސާތަކުގެ އަލީގައެވެ.

މި ދަންނަވާ އެއްޗެއް ސާފު ކޮށްއެރުވުމަށް ޓަކައި، އަނެއްކާވެސް ޏ. ފުވައްމުލަކަށް ފޯކަސް ކޮށްގެން ވާހަކަ ދައްކަމާ ހިންގަވާށެވެ! ފުވައްމުލަކުގެ ޢުމްރާނީ އަދި ބިނާވެށީގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ޓަކައި އެންމެ ފުރަތަމަ މަރުޙަލާގައި މައިގަނޑު ދިހަ ދާއިރާއަކަށް ފޯކަސް ކޮށްގެން، ރަނގަޅު ދިރާސާތަކެއް ކުރާން ޖެހޭކަމަށް ޤަބޫލު ކުރެވެއެވެ. އޭގެ ތެރެއިން، މި ކޮލަމުގައި އަޅުގަނޑު ބަލައިލާނީ ރަށުގެ ބިމާ ބެހޭގޮތުން ކުރާން ޖެހޭ އެންމެ މުހިއްމު ދިރާސާތަކުގެ މައްޗަށެވެ. އިރާދަފުޅު ކުރެއްވިއްޔާ، ދެން ހުރި ކަންތައްތަކުގެ މައްޗަށް ބަލައިލައި އިތުރު ކޮލަމެއް ލިޔެވޭނެއެވެ.

ބިމުގެ ދިރާސާތައް

ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި މިހައިތަނަކަށް ބިމުގެ ފަސްގަނޑުގެ ޖިއޮލޮޖިކަލް ސިފަތަކާއި ބިމުގެ ބާރާއި ފަސްގަނޑުގެ ހިފެހެއްޓުން ހުރި ވަރާއި ބިމުގައި ޢިމާރާތް ކުރުން ރައްކައުތެރި މިންގަނޑުތަކަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި ޢިލްމީ ދިރާސާތަކެއް ކުރެވުނު ކަމަކަށް ނުފެނެއެވެ. މާލޭގައި ވެސް ދިހަ ބާރަ ފަނަރަ ބުރީގެ ބިޔަ ޢިމާރާތްތަކުން މުޅި ތަން ފުރައިލައިފައި ވަނީ މި ދެންނެވި ފަދަ ދިރާސާތަކެއް ހަދައި، މާލޭގެ ބިމުގައި ހުރީ ކިހައި ބަރުދަނެއް ހިފެހެއްޓުމުގެ އެކަށޭނަކަންތޯ ހުރީ ބަލައިފައެއް ނޫނެވެ. މިފަދަ މަސައްކަތެއް ދިވެހި ޤައުމުގައި ކުރާނޭ ދައުލަތުގެ އިދާރާއެއް ވެސް ނެތެވެ.

ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާއިރު، މިފަދަ އިދާރާތަކަކީ ވަރަށް ބޮޑު އަހައްމިއްޔަތެއް ދެވިގެން އުފައްދައި ހިންގޭ އިދާރާތަކެކެވެ. ބޮޑު ޤައުމަކަށް ބަލަންޏާ، ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާރވޭ އަކީ ރަނގަޅު މިސާލެކެވެ. 1879 ވަނަ އަހަރު އުފެއްދުނު މި އިދާރާއިން ވަނީ އެތަން އުފެދުނީއްސުރެ، ޔުނައިޓެޑް ސްޓޭޓްސްގެ އެކިއެކި ސަރަޙައްދުތަކުގެ ބިމުގެ ޖިއޮލޮޖިކަލް ސާވޭތަކާއި ދިރާސާތައް ހަދަމުން އައިސްފައެވެ. އެތަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ބިމުގެ ސިފަތަކާއި ބިމުން ކުރެވޭނޭ ބޭނުންތައް ދެނެގަނެ، ބިމުގައި ޢިމާރާތްކުރުމާއި ދަނޑުވެރިކަން ކުރުން ފަދަ ބޭނުންތައް ކުރުމުގައި ބޭނުން ކުރެވޭނޭ ސައެންސީ ދިރާސާތައް ކުރުމާއި، ބިމުގައި ވާ ޤުދުރަތީ ވަސީލަތްތަކާ ބެހޭ ދިރާސާތައް ކުރުމާއި، ބިމުގެ އެކި ހިސާބުހިސާބުގެ ތިމާވެއްޓާއި މާޙައުލާއި ދިރުންތަކާ ބެހޭ ދިރާސާތައް ކުރުމާއި، ބިމުގައި ކުރެވޭ ޢިމާރާތްތަކާއި ކުރެވޭ އެކިއެކި ބޭނުންތަކުގެ ސަބަބުން ބިމުގެ "އެންވާރަމެންޓަލް ހެލްތަށް" ކުރާ އަސަރުތައް ދެނެގަތުމާ ބެހޭ ދިރާސާތައް ހިމެނެއެވެ. އެމެރިކާގައި ޝަހަރުތަކާއި އަވަށްތައް ޢިމާރާތް ކޮށް އެތަންތަނުގެ ބިނާފަރުމާ އެކުލަވައިލުމުގައި، މި ދެންނެވި ދިރާސާތަކުގެ ބޭނުން އެކަށޭނަ ގޮތެއްގައި ކުރެވެއެވެ. ނަތީޖާއަކީ، ދެމެހެއްޓެނިވި ގޮތެއްގައި އާބާދީތައް ބިނާ ކުރުމުގެ މަގުފަހި ވުމެވެ.

ދިވެހިރާއްޖޭގައި ވެސް މި ދެންނެވި ފަދަ ޤައުމީ ޖިއޮލޮޖިކަލް ދިރާސާ މަރުކަޒެއް ޤާއިމު ކުރުން މުހިއްމެވެ. އެ އިދާރާއިން ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން ފުވައްމުލަކުގެ ބިން ވެސް ދިރާސާ ކުރުން އަވަސް ކުރާން ވީއެވެ. ރަށުގެ ބިމުގެ ސަތުހުން ފެށިގެން އަޑީގެ ފަށަލަތަކާ ހަމަޔަށް ބިން ނުވަތަ ރަށް އުފެދިފައި އޮތް ގޮތެވެ. ރަށުގެ ބިމުގެ ފަސްގަނޑުގެ ވައްތަރާއި ބާވަތެވެ. ރަށުގެ ބިމުގައި ޢިމާރާތްތައް އުފުލުގެ ޤާބިލުކަން ހުރި މިންވަރެވެ. ރަށުގެ ބިމުގައި ދަނޑުވެރިކަން ކުރެވޭން އޮތް ފަހި ގޮތްތަކަކީ ކޮބައިކަމެވެ. ދަނޑުވެރިކަމުގެ ސަބަބުން ބިމުގެ ފަސްގަނޑަށް އަންނާނޭ ބަދަލުތަކެވެ. ދަނޑުވެރިކަމަށް ޓަކައި ރާއްޖެއިން ބޭރުން ތަފާތު ވައްތަރުވައްތަރުގެ ފަހުގެ ބާވަތްތައް އެތެރެ ކޮށްގެން ރަށުގެ ދަނޑުބިންތަކުގައި ބޭނުން ކޮށްފިއްޔާ، އޭގެ ނަތީޖާތައް ނުކުމެދާނޭ ގޮތްގޮތެވެ. ރަށުގައި ކުރެވޭ ޢިމާރާތްތަކުގެ ސަބަބުން ބިމަށް އަތުވެދާނޭ ބަދަލުތަކެވެ. މި ގޮތްގޮތުން ރަށުގެ ބިން ރަނގަޅަށް ދިރާސާ ކުރުމަށް ފަހު، އެ ދިރާސާތަކުގެ އަލީގައި މެނުވީ ރަށުގެ ބިން ބޭނުން ކުރުމާ ބެހޭ ދާއިމީ ޕްލޭންތައް ހެދުމަކީ ރަނގަޅު ކަމެއް ކަމަކަށެއް ނުފެނެއެވެ.

މި ދެންނެވި ފަދަ ދިރާސާތަކެއް ކުރުމެއް ނެތި، ހިތުހުރި ގޮތަކަށް އަދި އެއިރަކު ކަން ކުރާން ތިބި ބަޔަކަށް ފަސޭހަ ގޮތަކަށް ކަންތައްތައް ކުރުމުގެ ސަބަބުން ހަލާކު ވެ ނެތިދިޔުމުގެ ބިރު ހީ ވެފައި ވާ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އަކީ އަޅުގަނޑުމެންގެ ކަމާބެހޭ ބެއިފުޅުން ދިރާސާ ކޮށްލެއްވުން ވަރަށް ރަނގަޅު ވޭދަނައެކެވެ. ޝަހަރުގެ ބިމުގެ ޖިއޮލޮޖީގެ މައްޗަށް އެކަށީގެންވާ ވަރަށް ނުބަލައި ޢިމާރާތް ކުރެވުނު ގޮތުންނާއި، ރަށުގެ ފެންފަށަލައިން ހިސާބަށް ވުރެ ގިނައިން ފެން ނެގުމުގެ ސަބަބުން، ޖަކާޓާގެ ބިންގަނޑު އަޑިއަށް ގޮސް، ޝަހަރުގެ ބިމުގެ 40 އިންސައްތައަށް ވުރެ ބޮޑު ސަރަޙައްދެއްގެ އުސްމިން ކަނޑުގެ ސަތުހަށް ވުރެ ވެސް ތިރި ވެފައި ވާއިރު، ކައިރި މުސްތަޤުބަލެއްގައި އެ ޝަހަރު އިންސާނުންނަށް ދިރިނުއުޅެވޭ ފަދަ ބިމަކަށް ވެ، ބައެއް ސަރަޙައްދުތައް ކަނޑުގެ ޝިކާރައަކަށް ވެ، ޝަހަރުގެ ދިހަ މިލިއަނަށް ވުރެ ގިނަ ރައްޔިތުން ޙާލުގައި ޖެހޭނޭކަން މިހާރު ވަނީ ޔަޤީން ކުރެވިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2019 ވަނަ އަހަރު އިންޑޮނީޝިއާ ސަރުކާރުން ވަނީ އެ ޤައުމުގެ ބޯރނިއޯ ޖަޒީރާއިން ޖަންގަލީގެ ސަރަޙައްދެއް ސާފު ކޮށްގެން، ޖަކާޓާގެ ބަދަލުގައި އައު ޝަހަރެއް ޢިމާރާތް ކުރުމުގެ ޕްލޭން އިޢުލާން ކޮށްފައެވެ. އެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ޖަކާޓާއަށް ދިމާ ވެފައިވާ މައްސަލަތަކާ ބެހޭ ރަނގަޅު ރިޕޯޓެއް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ހިތުހުރި ގޮތަކަށް އަދި ޖިއޮލޮޖީގެ ނަޒަރުން ކުރާން ޖެހޭ ދިރާސާތައް ނުކޮށް ބިން ބޭނުން ކޮށް ޢިމާރާތް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ރަށެއްގެ ބިންގަނޑު ރޫޅި ނުވަތަ ކަނޑައިގެން ގޮސް ނުވަތަ އެހެން ގޮތަކުން ވެސް ހަލާކު ވެގެން ދާން ވެއްޖެއްޔާ، އަޅުގަނޑުމެން ހަދާނީ ކިހިނެއްތޯއެވެ؟ އޭގެ ބަދަލުގައި އައު ޝަހަރުތަކާއި ރަށްތައް ހަދާނީ ކޮން ތަނެއްގައިތޯއެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް