އެމްއެންޕީން އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނަން: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް --

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން އެކަނި ނުކުމެ ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ވާދަވެރިންނަށް ނާޒިމް ވިދާޅުވީ އެ ޕާޓީ އޮތީ އެއްވެސް ބަޔަކާ ކޯލިޝަން ހަދާ ގޮތަށް ނޫން ކަމަށާއި އިންތިޚާބު ކާމިޔާބު ކުރާނީ ގިނިކަންޏާ ނުކުންނަވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިއަހަރުގެ އިންތިޚާބަށް އެ ޕާޓީން ނުކުންނަނީ ރައްޔިތުންގެ އިހުސާސްތަކާއި މުހުތާދުތައް ފުއްދައިދިނުމަށް ކަމަށާއި އެ ނޫން އެއްވެސް އެދުމެއް ނެތް ކަމަށެވެ.

"ރައްޔިތުންނަށް އޮތް ހަމައެކަނި އޮތް ޗޮއިސް އަކީ އަޅުގަނޑު. އިރާދަކުރެއްވިއްޔާ މި ޕާޓީން އެކަނި ނުކުމު މި އިންތިޚާބު ކާމިޔާބު ކުރާނަން. ވާދަވެރިނަން ވެސް ދަންނަވާލަން އޮތީ އެމްއެންޕީ އޮތީ ކޯލިޝަން ގަދާގޮތަކަށް ނޫނޭ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން މިތިބީ ސަރުކާރަށް ދޫދޭ ގޮތަކަށް ނޫންކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެ ޕާޓީން ސަރުކާރު ޒިންމާދާރު ކުރުވާނެކަމަށެވެ. އަދި އެމްއެންޕީން ރައްޔިތުން ބޭނުންވާ ފަދަ އިންސާފުވެރި، މިނިވަން އިލެކްޝަނެއް ހޯދައިދޭނެކަމުގައި ވެސް ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަދައްވަމުން ނާޒިމް ވަނީ ކުރިޔަށް އޮތް އިންތިޚާބަކީ، މިނިވަންކަމާއެކު ވޯޓު ލެވޭނެ އިންސާފުވެރި އިންތިޚާބަކަށް ހަދައިދިނުމަށް ދިވެހި ސަރުކާރަށާއި އިލެކްޝަން ކޮމިޝަނަށާއި އޭސީސީ ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން ބޭއްވީ އެއްވެސް ވަރެއްގެ މިނިވަންކަމެއް އަދި ހަމައެއް އިންސާފެއް ނެތިއެވެ. އެ އިންތިޚާބުގައި ސަރުކާރުން ނުވާ ވައުދެއް ނެތް ކަމަށާއި ކޮމަންޑޫއާ މަތިކޮމަންޑޫ ގުޅާލުމާއި ކޮމަންޑޫ ދާއިރާގައި އައިސްޕްލާންޓެއް ބެހެއްޓުން ފަދަ ވައުދުތައްވެ، އެވައުދުތައް ވެސް ފުއްދުނު ތަނެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ އިންތިޚާބުތަކުގައި ސަރުކާރުން ކުރާ ނަހަމަ ކަންތައްތަކުގެ ތެރޭގައި ވަޒީފާގެ ބިރުދެއްކުމާއި ވަޒީފާ އުފެއްދުމުގައި ވެސް ހައްދެއް ނެތް. ށ. ކޮމަންޑޫގައި އެދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ވަޒީފާ ދީފައި އަހަރެއް ވެގެންދިޔައިރު ވަޒީފާއަށް ނުނިކުންނަ 50 މީހުން އެބަ ތިބި،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުތައް ކާމިޔާބުކުރުމަށް ޓަކައި މިގޮތަށް ވަޒީފާތައް އުފައްދާ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރުދެއްކުން އެއީ ކަންބޮޑުވާ ކަމެއް ކަމުގައެވެ. މިފަދަ ކަންކަން ހުއްޓުވައިގެން ނޫނީ އިންތިޚާބުތަކުގެ މިނިވަންކަން ކަށަވަރު ނުކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް